ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ އީރާނުގެ ގޯމްގެ މޯޗަރީއިން ފެނިގެންދަނީ ހާސްކަމާ ނުތަނަވަސްކަމެވެ. ކަޅުފޮތިގަނޑުތަކުން ބަނދެފައިވާ ގަބުރުތަކުން މުޅި ސަރަހައްދު ވަނީ ފުރިފައެވެ. މި ގަބުރުތައް ކައިރީގައި އަވަދި ނެތި ކޮޅުކޮޅަށް ހަރަކާތްތެރިވަމުންދަނީ މުޅި ހަށިގަނޑު ނިވާވާ ސޫޓުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނެވެ.

މޯޗަރީގައި ސަފުސަފަށް އަތުރާލާފައިވާ ގަބުރުތަކަކީ ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވި މީހެއްގެ ހަށިގަނޑު ކަމެއް ނުވަތަ ނޫންކަމެއްވެސް ސާފެއް ނުވެއެވެ. ގޯމްގެ ބިހިޝްތީ މާސޫމީ މޯގްގައި މިވަގުތު ބާއްވާފައިވާ ހުރިހާ ގަބުރަކީ ނުވަތަ އެއިން އެއްވެސް ގަބުރަކީ ކޮވިޑް-19ގެ ޝިކާރައެއް ކަން ނުވަތަ ނޫންކަންވެސް އަދި ސާފުވާ ގޮތެއް ނުވެއެވެ.

މެދުއިރުމަތީގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދަނީ އީރާނުގައެވެ. 3500އަށްވުރެ ގިނަ މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު މަރުވި މީހުންގެ ރަސްމީ އަދަދުތައް 107އަށް އަރައެވެ. އީރާނަކީ މުސްލިމު ގައުމެއް ކަމުން، ގަބުރު ވަޅުލަނީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފެންވަރުވާ، ހިނެވުމަށްފަހުގައެވެ. ނަމަވެސް ކޮވިޑް-19 ނުރައްކަލާއެކު މި އުސޫލުތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭ ކަމަށް އީރާނުގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ.

އާންމު އުސޫލުން އީރާނުގައި ގަބުރު ހިނަވަނީ ފެނާއި ސައިބޯނިން ފެންވެރުވުމަށްފަހުގައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިކަން ވަނީ ބަދަލުވެފައެވެ. މަރުވާއިރު އެމީހަކީ ކޮވިޑް-19ގެ ޝިކާރައެއްކަން ކަށަވަރުވާނަމަ، ބޭނުންކުރަނީ ކެލްސިއަމްއޮކްސައިޑްއެވެ. އެއީ ސަހަރާގައި ގަބުރު ވަޅުލުމުން ވެލިގަނޑު ތަޣައްޔަރުވެދާނެ ކަމަށް ބަލާ، އަޅާ ފިޔަވަޅެއް ކަމަށްވެއެވެ.

ކަންމިހެން އޮތްއިރު އިތުރު މައްސަލައެއް ވަނީ ފެންމަތިވެފައެވެ. މަރުވާ މީހުންގެ ތެރެއިން ހުރިހާ އެންމެނަކީ ކޮވިޑް-19ގެ ޝިކާރައަކަށް ނުވެދާނެތީ ޓެސްޓު ކުރެއެވެ. ނަމަވެސް މި ޓެސްޓުތަކުގެ ނަތީޖާ ލިބެން ވަގުތުތަކެއް ނަގައެވެ. މޯޗަރީ ފުރެނީ މި ސަބަބާ ހެދިއެވެ. ކޮންމެ ގަބުރެއްވެސް ވަޅުލަނީ ކޮވިޑް-19ގެ ނަތީޖާއަށް ބެލުމަށްފަހުގައެވެ.

މޯޗަރީގެ ޑައިރެކްޓަރު ޢަލީ ރާމިޒާނީ ވިދާޅުވީ، މަރުވާ މީހުންގެ ހަށިތައް 2 ދުވަހެއް ވަރު ވަންދެން މޯޗަރީގައި ބޭއްވުމަށް އާއިލާތަކުން އެދެއެވެ. އެއީ ކޮވިޑް-19އަށް ޓެސްޓު ކުރުމަށެވެ. ނަތީޖާ ލިބޭއިރު ނެގެޓިވްކަމަށް ދައްކާ ގަބުރުތައް އާއިލާއާއި ހަވާލުކޮށް، އާއިލާއިން ބޭނުން ތަނެއްގައި ވަޅުލުމުގެ ފުރުސަތު އޮންނަކަންވެސް ރާމިޒާނީ ވަނީ ހާމަކުރައްވާފައެވެ.

އީރާނުގައި 31 ޕްރޮވިންސް އޮންނައިރު މި ހުރިހާ ޕްރޮވިންސްއަކުންވެސް މިހާރު ކޮވިޑް-19 ވަނީ ފެނިފައެވެ. ކަންމިހެން އޮތްއިރު މި ހަފުތާގެ ހުކުރު ނަމާދުވެސް އީރާނުގައި ކޮށްފައެއް ނުވެއެވެ. ސްކޫލްތަކާ ޔުނިވާސިޓީތަކުގެ ކިޔެވުން ވަނީ މެދުކަނޑާލާފައެވެ. ކުޅިވަރު ހަރަކާތްތަކާ ކޮންސެޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން ޖަލުތަކުގައި ތިބި 54000 އެއްހާ ގައިދީންވެސް ވަގުތީ ގޮތުން ދޫކޮށްލުމުގެ ވިސްނުމެއް އީރާނުން ގެންގުޅޭ ކަމަށް ޚަބަރު ލިބެއެވެ.

އީރާނުގެ އޮފިޝަލުން މީގެ ކުރިންވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެގައުމުގެ އާންމުންނަށް ދީފައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ 23 މެމްބަރަކު މި ރޯގާއަށް ޕޮޒިޓިވްވުމާ، ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚަމަނާއީއަށް ލަފާއަރުވާ މުޝީރާ، ޚާރިޖީ ވަޒީރަށް ލަފާއަރުވާ މުޝީރަކުވެސް މި ބަލީގައި އަވަހާރަވުމާއެކު ސަރުކާރުގެ މައްޗަށް ގިނަ ބައެއްގެ އިތުބާރު ވަނީ ގެއްލިފައެވެ.