ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެނިފައިވާ ގައުމުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ގައުމުތަކުގެ ތެރޭގައި ހިމެނޭ ބޫޓާންއަށް ފަތުރުވެރިންނަށް ނުވަދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހަކު އެގައުމުން ފެނުމާއެކު ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން ގޮސް، ފަތުރުވެރިންނަށް އެގައުމަށް ނުވަދެވޭ ގޮތަށް ހަމަޖައްސާފައިވާއިރު ކުރިއަށް އޮތް 2 ހަފުތާއަށް މިކަން ދެމިގެންދާނެ ކަމަށް އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.

ބޫޓާންއަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައި އޮތް ގައުމަކަށް ވީ ނަމަވެސް، މި ފިޔަވަޅަކީ ކޮވިޑް-19 ގެ ހާލަތު މޮނިޓާ ކުރުމަށާ، ވަސީލަތްތައް ހުރި ނެތްގޮތް ބެލުމަށާ، ބައްޔަށް އަހުލުވެރިވުމަށް ފުރުސަތު ހޯދުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް ބޫޓާންގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ބޫޓާންގެ ސަރުކާރުންވަނީ ބައެއް ސްކޫލްތައް ބަންދުކޮށް، ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ އިތުރުން ސެމިނާތައްވެސް 14 ދުވަހުގެ މުއްދަތަށް ކުރިއަށް ނުގެންދެވޭނެ ކަން އިއުލާންކޮށްފައެވެ.

ބޫޓާންއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ އަވަށްޓެރި އިންޑިއާގައި ޗުއްޓީ ހޭދަކުރުމަށްފަހު ބޫޓާންއަށް އެތެރެވި އެމެރިކާގެ ފަތުރުވެރިއެކެވެ. އުމުރުން 79 އަހަރުގެ މި މީހާ އިންޑިއާއަށް އެތެރެވީ ފެބުރުވަރީ މަހުގެ 21 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އެމީހާ މިވަގުތު ހުރީ ބޫޓާންގެ ވެރިރަށް ތިމްޕޫގެ ފެސިލިޓީއެއްގައި ކަރަންޓީނުކޮށްފައެވެ.

މި ދަނޑިވަޅަކީ އިންޑިއާއިންވެސް ކޮވިޑް-19ގެ ކޭސްތައް މިންވަރު އިތުރުވަމުންދާ ދަނޑިވަޅެކެވެ. އިންޑިއާއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 31 އަށް އަރާފައެވެ. މިލިސްޓަށް އެންމެ ފަހުން އިތުރުވެފައިވަނީ ވެރިރަށް ނިއު ދިއްލީގައި ހުރި މީހެކެވެ. އެމީހަކީ ތައިލޭންޑް އަދި މެލޭޝިއާއަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ޚަބަރު ލިބެއެވެ.