މާވޭލް ސްޓޫޑިއޯޒްގެ އާ ފިލްމް "ދި އެޓާނަލްސް"ގައި އޭނާއަށް ލިބިފައިވަނީ ވަރުގަދަ ރޯލެއް ކަމަށާ، އެއީ އޭނާގެ މުޅި ހަޔާތުގައިވެސް އެފަދަ ދެވަނައެއް ލިބިފައި ނުވާ ވަރުގެ ކެރެކްޓަރެއް ކަމަށް ބޮލީވުޑް ބަތޮލް އަދި ކޮމީޑިއަން ކުމެއިލް ނަންޖިއާނީ ހާމަކޮށްފިއެވެ.

ހޮލީވުޑް ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން ކުމެއިލް ނަންޖިއާނީ ބުނީ "ދި އެޓާނަލްސް"ގައި އޭނާ އަދާކުރާނީ ބޮލީވުޑްގެ އެންމެ ވަރުގަދަ ތަރީގެ ރޯލު ކަމަށެވެ. މިކަމާ ބެހޭ މާ ބޮޑު ތަފްސީލެއް އޭނާ ހާމައެއް ނުކުރެއެވެ. ނަމަވެސް "ދި އެޓާނަލްސް" އިން ބޮލީވުޑް ލަވައެއްވެސް ފެނިގެންދާނެކަން ކުމެއިލް ނަންޖިއާނީ ވަނީ ހާމަކޮށްފައެވެ.

"ދި އެޓާނަލްސް"ގައި ހިމެނޭ ބޮލީވުޑް ލަވައާއި ބެހޭ ގޮތުން ކުމެއިލް ނަންޖިއާނީ ބުނީ ދެކުނު އޭޝިއާ ދަރިކޮޅުގެ 52 މީހަކު 1 ސީންއަކުން ފެނިގެންދާނެ ކަމަށާ، އެ ސީންގައި އޭނާ ފިޔަވާ ދެން ހިމެނޭ ހުރިހާ އެންމެންނަކީވެސް ޕްރޮފެޝަނަލް ނެށުންތެރިންކަމަށެވެ.

"ދި އެޓާނަލްސް"ގައި ކުމެއިލް ނަންޖިއާނީއާއިއެކުގައި މަސައްކަތްކުރަނީވެސް ވަރުގަދަ ޓީމެކެވެ. މި ފިލްމުން ފެނިގެންދާ މަޝްހޫރު މޫނުތަކުގެ ތެރޭގައި، ރިޗާޑް މެޑަން، ލޯރެން ރިޑްލޯފް، އެންޖެލީނާ ޖޯލީ އަދި ކިޓް ހެރިންގްޓަން އާއި ސަލްމާ ހައެކް ފަދަ ތަރިން ހިމެނެއެވެ.

"ދި އެޓާނަލްސް" ރިލީޒް ކުރުމަށް އަދި ތާވަލު ކޮށްފައި އޮތީ މިއަހަރުގެ ނޮވެމްވަރު މަހުގެ 6 ވަނަ ދުވަހަށެވެ.