އިންޑިއާގެ އަދުގެ މަސްރަހުން ފެންނަނީ ހަމަޖެހުން ގެއްލި، ބަނަވެ، ހިތާމަވެރިކަން ވެރިވެފައިވާ މަންޒަރު ކަމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވެއްޖެއެވެ.

މަންމޯހަން ސިންހް މިފަދަ މޭރުމަކުން އިންޑިއާގެ މަސްރަހު ސިފަކުރައްވާފައިވަނީ، އިންޑިއާގެ އަދުގެ ސަރުކާރަށް ބޮޑެތި ފާޑިވިދާޅުވުންތަކެއް އަމާޒު ކުރައްވާ، އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ 'ދަ ހިންދޫ'ގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައެވެ.

މި ލިޔުމުގައި މަންމޯހަން ސިންހް ވަނީ، އިންޑިއާގެ މަސްރަހަށް ކުރިމަތިވެފައިވާ އިޖުތިމާއީ ހަމަނުޖެހުމާ، އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހުމާ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކާރިސާގެ އިންޒާރު ދެއްވާފައެވެ.

މި ދަނޑިވަޅަކީ މި ފަހުގެ ތާރީޚުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ ދުށް އެންމެ ނުރައްކާ ބޮޑު ދީނީ ކޯޅުންގަނޑުވެސް ފެށިފައިވާ ދަނޑިވަޅެކެވެ. އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލު (ސީއޭއޭ)އާއި ދެކޮޅަށް ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތަކާ ދެކޮޅަށް ނިކުތް ހިންދޫ ޖަމާއަތުން ހިންގި ޖަރީމާތަކާ ގުޅިގެން އުފެދުނު ދީނީ ހަމަނުޖެހުންތަކުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 50 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

މަންމޯހަން ސިންހް ވިދާޅުވީ މީގެ ކުރިން އެތައް ބަޔަކު ފަޚްރުވެރިވި އިންޑިއާ މަޑުމަޑުން ގެއްލެމުންދާ ކަމަށާ، އިޖުތިމާއީ އިގުތިސޯދީ އަދި ސިއްހީ މައްސަލަތަކަކީ ހައިރާންކަން ގެނުވާ ކަންތައްތަކެއް ކަމަށާ، މިއީ އިންޑިއާގެ ކުރިއެރުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. މިއީ ހަމައެކަނި އިންޑިއާއަށް ލިބިދާނެ ގެއްލުމެއް ނޫންކަމަށާ، މިއީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާއަށް ލިބިފައި އޮތް ދަރަޖައާއި މަގާމަށްވެސް އުނިކަން ގެނުވުން އެކަށީގެންވާ މައްސަލަތަކެއް ކަމާ މެދު އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށްވެސް މަންމޯހަން ސިންހްގެ ލިޔުއްވުމުގައި ވަނީ ވިދާޅުވެފައެވެ.

މިމޭރުމުން އިންޑިއާގެ އަދު ހާލަތު ބަޔާންކުރައްވަމުން މަންމޯހަން ސިންހް ވަނީ އިންޑިއާގެ އިގުތިސޯދުގައި ބޭރުގެ ވިޔަފާރިވެރިން އިންވެސްޓްކުރާ މިންވަރު ދަށަށް ދާކަންވެސް ފާހަގަކުރައްވާފައެވެ. ކަންމިހެން އޮތްއިރު މިދިޔަ މަހު އިންޑިއާގެ އިގުތިސޯދު ކުރިއަރާފައިވަނީ 4.7 ޕަސެންޓްއަށެވެ. މިއީ ފާއިތުވީ އަހަރުތަކުގައި މިއަދަދު މިހާ ދަށުން ރެކޯޑްކުރެވުނު ފަހަރުވެސްމެއެވެ.

މަންމޯހަން ސިންހް ލިޔުއްވި އާޓިކަލް ނިންމަވާލައްވާފައިވަނީ އިންޑިއާގެ ރައްޔިތުންނަށް އިތުބާރު ވަރުގަދަކޮށްދޭން ޖެހިފައިވާކަމަށް، މިހާރު އެގައުމުގައި ވެރިކަން ކުރަމުން އަންނަ ހިންދޫ ބާރްތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)އަށް ގޮވާލައްވަމުންނެވެ. އަދި 3 ކަމެއްގެ މައްޗަށް އެކުލެވޭ ޕްލޭންއަކާއެކު ސަރުކާރުން ކުރިއަށްދާން ޖެހޭކަންވެސް މަންމޯހަން ސިންހް ވަނީ ފާހަގަކުރައްވާފައެވެ. އެ 3 ކަމަކީ: ކޮރޯނާވައިރަހުގެ ނުރައްކާ ކޮންޓްރޯލްކޮށް ކުޑަކުރުން، ސީއޭއޭ އުވާލުން ނުވަތަ އިސްލާހު ކުރުން އަދި ޑިމާންޑް އިތުރުކޮށް އިގުތިސޯދަށް އާ ދިރުމެއް ގެނެސްދިނުމަށް ސިޔާސަތު އިސްލާހު ކުރުން ކަމުގައި މަންމޯހަން ސިންހް ވަނީ ފާހަގަކުރައްވާފައެވެ.

2004 އިން 2014 ވަނަ އަހަރާ ދެމެދު އިންޑިއާގެ ބޮޑުވަޒީރު ކަން ކުރައްވާފައިވާ މަންމޯހަން ސިންހް ނިސްބަތްވެވަޑައިގަންނަވަނީ އިންޑިއާގެ މައި އިދިކޮޅު ކޮންގްރެސް ޕާޓީއަށެވެ.