އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިދިޔަ ފެބުރުވަރީ މަހުގެ ފަހުކޮޅު ހިންގި ދީނީ ކޯޅުންގަނޑުގައި ވީނުވީއެއް ނޭނގި ގެއްލުނު، އުމުރުން އެންމެ 3 އަހަރުގެ އަންހެން ކުއްޖާ، އޭނާގެ އާއިލާއަށް އަނބުރާ ހަވާލުކޮށްފިއެވެ.

ހަމަނުޖެހުންގަނޑު އެންމެ ގަދަވި ދުވަސްވަރު ގެއްލުނު ސަފިއްޔާ ފެނިފައިވަނީ މިސްކިތެއްގެ ކައިރީގައި ހުއްޓާކަމަށާ، އެކުއްޖާ ފެނުނީ ހަމަނުޖެހުންތަކުން ސަލާމަތްވާން ހިޖުރަކުރަމުންދިޔަ މުސްލިމު އާއިލާއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސަފިއްޔާގެ އާއިލާއިން އޭނާއާއި ހަވާލުވީ، އެކުއްޖާގެ އާއިލާ ފެނޭތޯ ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި އަތްފުނާ އަޅަމުންދަނިކޮށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދުގައި ހުޅުޖެހި މިސްކިތް/ފޮޓޯ: ދަ ވަޔާ| ވައިޓީއައި

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް ކުރިއަށްދާ ސިލްސިލާ މުޒާހަރާތައް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންޑިއާ ދަތުރުފުޅާ ދިމާކޮށް ވަރުގަދަކުރުމުން، އެ މުޒާހަރާތަކާ ދެކޮޅަށް ބަޔަކު ނިކުތް ހިސާބުން މަސްރަހު ހޫނުވެގެންދިޔަ ގޮތަށް، ދިއްލީގެ ކޯޅުންގަނޑު ބަދަލުވީ ދީނީ ފިކުރުގެ ހަމަނުޖެހުމަކަށެވެ. ހިންދޫ ޖަމާއަތްތަކާ ގޭންގުތަކުން ނިކުމެ، މުސްލިމުންގެ މުދަލާ ތަކެއްޗަށް ގެއްލުން ދިނެވެ. މި ކޯޅުންގަނޑު އެންމެ ގަދަވެގެންދިޔައީވެސް މުސްލިމުންގެ އާބާދީ ބޮޑު އަވަށްތަކުގެއެވެ.

3 އަހަރުގެ އަންހެން ކުއްޖާ ފެނުނީ ޝީވް ވިހާރު އަވަށްގަނޑު ދޫކޮށް ރައްކާތެރި ހިސާބަކަށް ބަދަލުވާން ދިޔަ މުޙައްމަދު ސައުދު އައްލާމްގެ ދެމަފިރިންނަށެވެ.

"އޭރުބެސް އޮއްގާ އުކުމާ ކުރިމަތިލުންތައް ހިންގަމުންދިޔަ. އެ ކޯޅުންގަނޑުގެ ތެރެއިން މަދީނާ މިސްކިތް ކައިރީގައި ކުޑަކުއްޖަކު ހުއްޓާ ފެނުނު. އޭރުވެސް އެކުއްޖާގެ ބޮލަށްވަނީ ޒަހަމްތަކެއް ލިބިފަ. އެކުއްޖާ ހުރީ ރޯން" އައްލާމް ކިޔައިދިނެވެ.

އެހާ ހިސާބުން އެކުއްޖާވެސް ގޮވައިގެން އައްލާމްގެ ދެމަފިރިން މިސްރާބުޖެހީ ރައްކާތެރި ތަނެއް ހޯދުމަށް ކަމަށާ، ވަގުތީ ގޮތުން ހިޔާވަހިކަން ހޯދީ އެހެން ސަރަހައްދަކުން ކަމަށް އައްލާމް ބުންޏެވެ.

ސަފިއްޔާ ފެނުނު ވާހަކަ މީޑިއާއަށް ހާމަވުމާއެކު ދިއްލީ ކޮމިޝަން ފޮ ވިމެން (ޑީސީޑަބްލިއު)އިން އެ ތުއްތު ކުއްޖާގެ އާއިލާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި ދޮރުން-ދޮރަށް ހިނގާ، އެކުއްޖާގެ އާއިލާ ފެނޭތޯ މަސައްކަތް ކުރިއެވެ. މިސްކިތުގެ އަޑުގަދަ ކުރާ ބޭނުންކޮށްގެންވެސް އެކުއްޖާގެ އާއިލާ ފެނޭތޯ މަސައްކަތްކުރިއެވެ.

ސަފިއްޔާގެ އާއިލާއިން ފުލުހުންނަށް ހާޒިރުވީ ޖެހިގެން އައި ދުވަހުއެވެ. އާއިލާގެ ފަރާތުން ފުލުހުންގެ އިދާރާއަށް ހާޒިރުވީ އެކުއްޖާގެ ކާފަ، މުޙައްމަދު ހާރޫންއެވެ. އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވީ ކާފަ ދަރިފުޅު ފެނިއްޖެކަމަށް ވޮލަންޓިއަރަކު ދިން މައުލޫމާތަކާ ގުޅިގެންނެވެ.

ސަފިއްޔާގެ މަންމައާއި ބައްޕައަކީ ދުވަހު މުސާރައަށް، އެހެން ސަރަހައްދެއްގައި ބުރަ މަސައްކަތުގައި އުޅޭ ދެމަފިރިން ކަމުން އޭނާ ބެލުމުގެ ހުރިހާ ކަމެއް ކުރަނީ ކާފައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

ހާރޫން ކިޔައިދިން ގޮތުގައި އޭނާއަށް ސަފިއްޔާ ގެއްލުނީ ފެބުރުވަރީ 24 ވަނަ ދުވަހުއެވެ. ކޯޅުންގަނޑުން ސަލާމަތް ހޯދަން ދުވުމުގެ ތެރޭގައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ސަފިއްޔާ، އޭނާގެ އާއިލާއާއި ސަފިއްޔާ ހަވާލުކުރީ ވެކްސިން ރެކޯޑްތައް ދައްކާ، އެއީ އޭނާގެ ހަގީގީ ބެލެނިވެރިންކަން ކަށަވަރު ކުރުމަށްފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ.