18 އަހަށް ދިގުލާ ގޮސްފައިވާ އަފްގާނިސްތާނު ހަނގުރާމާގައި އެމެރިކާއާއި އެނޫންވެސް ފަރާތްތަކުން ހިންގާފައިވާކަމަށް ބުނާ ޖަރީމާތަކުގެ ތަހުގީގައިގެން ކުރިއަށް ދެވިދާނެ ކަމަށް، ބައިނަލްއަގުވާމީ ޖީނާއީ ކޯޓު (އައި.ސީ.ސީ)އިން ކަނޑައަޅައިފިއެވެ.

މި ތަހުގީގައިގެން ކުރިއަށް ދެވިދާނެ ކަމަށް އައި.ސީ.ސީއިން ކަނޑައަޅާފައި މިވަނީ، މިއީ ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ކުރިން ނިންމާފައި އޮތް އޮތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި އޮތް އޮތުމާ ގުޅޭ ގޮތުން ނިންމި ނިންމުމުގައެވެ.

އަފްގާނިސްތާނު ހަނގުރާމާގައި ޖަރީމާ ހިންގާފައިވާކަމަށް ބުނާ މައްސަލާގައި ތަހުގީގު ކުރާނީ 2003 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ތޯލިބާނު ހަނގުރާމަވެރިންނާ، އަފްގާނިސްތާނު ސަރުކާރާ އެމެރިކާގެ އަސްކަރީ ފައުޖުތަކުން ހިންގި އަމަލުތައް ކަމަށް މައުލޫމާތު ލިބެއެވެ.

ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައި.ސީ.ސީ)ގެ މަރުކަޒީ އިމާރާތުގެ ބޭރު/ފޮޓޯ: ރޮއިޓާޒް

މިކަމާ ގުޅިގެން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ، އައި.ސީ.ސީގެ ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށާ، މި ނިންމުމުން ނިކުމެދާނެ ނަތީޖާއަކުން އެމެރިކާގެ ހުރިހާ ރައްޔިތުންނަށްވެސް ސަލާމަތްތެރިކަން ކަށަވަރުކޮށްދެއްވާނެ ކަމަށެވެ.

އައި.ސީ.ސީއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވަމުން ޕޮމްޕޭއޯ ވިދާޅުވީ، މި ނިންމުމަކީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ބަހާއެއް ކަމުގެ އަވާމެންދުރު ދައްކައިގެން، ޒިންމާދާރުކަން ކުޑަ ސިޔާސީ މުއައްސަސާއަކުން ނިންމި ނިންމުމެއް ކަމަށާ، މި ނިންމުމަކީ ނޭވާ ހާސްކޮށްލުވާ ވަރުގެ ނިންމުމެއް ކަމަށެވެ.

އަފްޣާނިސްތާނުގައި ކުރިއަށްދިޔަ ކައިވެނި ހަފުލާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ދަ ޑެއިލީ ރިޕަބްލިކް

މިފަދަ ނިންމުމެއް އައި.ސީ.ސީއިން ނިންމާފައިވާ މިވާ ދަނޑިވަޅަކީ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތާ އެމެރިކާއާ ދެމެދު، ސުލްހައިގެ ތާރީހީ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާ މުނާސަބު ދަނޑިވަޅެއް ކަމީ، އައި.ސީ.ސީގެ ނިންމުމުގައި ޒިންމާދާރުކަމެއް ނެތްކަން އަންގައިދޭ ކަމެއް ކަމަށްވެސް ޕޮމްޕޭއޯ ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާއަކީ އައި.ސީ.ސީގެ މެމްބަރު ގައުމަކަށް ނުވާއިރު، އެ އިދާރާގެ އެއްވެސް ބާރެއް އެމެރިކާގެ ރައްޔިތުންގެ މައްޗަށް ހިންގިދާނެ ކަމަކަށް އެ ގައުމުން ގަބޫލެއް ނުކުރެއެވެ.

ފެބުރުވަރީ 11 2020 ވަނަ ދުވަހު މީހަކު އަމިއްލައަށް މަރުވެގެން ނުރައްކާތެރި ހަމަލާއެއް ދިން ސަރަހައްދުގައި އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކުން ފޯރިމަރަނީ/ފޮޓޯ: ރޮއިޓާޒް

މިދިޔަ އަހަރު އެމެރިކާގެ ސަރުކާރުންވަނީ އައި.ސީ.ސީގެ އޮފިޝަލުންނާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަމަށްވެސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުންވަނީ ހުރަސްތަކެއް ކުރިމަތިކޮށްފައިކަން ފާހަގަކުރަންޖެހެއެވެ.

ކަންމިހެން އޮތްއިރު އަފްގާނިސްތާނުގެ ހަނގުރާމައާއި ގުޅިގެން އެމެރިކާގެ ކޯޓުތަކުގައި މައްސަލަ ބަލަމުންދިޔަ އަސްކަރީ ފައުޖުތަކަށް ޓްރަމްޕް ވަނީ މައާފުވެސް ދެއްވާފައެވެ.

އަފްގާނިސްތާނަކީ އައި.ސީ.ސީގެ މެމްބަރު ގައުމެކެވެ. ނަމަވެސް އަފްގާނިސްތާނުގެ ސަރުކާރުންވެސް ވަނީ މި ތަހުގީގަށް ދެކޮޅު ހަދާފައެވެ.

އަފްޣާނިސްތާނުގެ ނަންގަރުހާރު ޕްރޮވިންސްގައި ހުކުރު ނަމާދު ވަގުތު ދިން ބޮމުގެ ހަމަލާގައި ޒަހަމްވީ މީހަކަށް ވޮލަންޓިއަރަކު އެހީތެރިކަން ފޯރުކޮށްދެނީ/ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކުގެ ރަސްމީ ތަހުގީގެއް ހިންގެވުމަށް 2017 ވަނަ އަހަރުން ފެށިގެން އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އައި.ސީ.ސީގެ ޗީފް ޕްރޮސެކިއުޓަރު ފާތޫ ބިންސޫދާއެވެ.

މި ތަހުގީގައިގެން ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ކަނޑައަޅުއްވާފައިވަނީ އައި.ސީ.ސީގެ މިހާރުގެ ފަނޑިޔާރު ޕިއޯޓްރީ ހޮފްމަންސްކީއެވެ. ފަނޑިޔާރު ހޮފްމަންސްކީ ވިދާޅުވީ، މިމައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް މީގެ ކުރިން ކަނޑައެޅިފައިވަނީ އިބްތިދާއީ މަރުހަލާގައި މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް ގޯހެއް ހެއްދެވިގެން ކަމަށެވެ. އޭރު ތިއްބެވި ފަނޑިޔާރުންވަނީ އެ ތަހުގީގަކީ އަދުލުއިންސާފުގެ މަސްލަހަތުން އެއްކިބާވެފައިވާ ތަހުގީގަކަށް ވެދާނެ ކަމަށާ ކާމިޔާބު ކަމާއެކު ޝަރިޔަތް ހިންގުމުގެ ފުރުސަތު ނޯވެދާނެ ކަމަށް ކަނޑައަޅުއްވާފައެވެ. ނަމަވެސް ފަނޑިޔާރު ހޮފްމަންސްކީ ވިދާޅުވީ، އެ ނިންމުމަކީ އެ ފަނޑިޔާރުންނަށް ލިބިދީފައވާ އިމްތިޔާޒާ ބާރުގެ ބޭރުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ކަނޑައަޅުއްވާފައެވެ.

އަފްޣާނިސްތާނުގައި ކުރިއަށްދިޔަ ކައިވެނި ހަފުލާގައި ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ ޖަނާޒާގެ ތެރެއިން/ފޮޓޯ: ދަ ޑެއިލީ ރިޕަބްލިކް

ފަނިޔާރު ހޮފްމަންސްކީ ވިދާޅުވީ، ބިންސޫދާގެ ހުށަހެޅުއްވުމަކީ އޮނިގަނޑަށް ފެތޭ ހުށަހެޅުއްވުމެއް ކަމަށާ، އަފްގާނިސްތާނުގައި ހިންގާފައިވާ ޖަރީމާތަކަކީ އައިސީސީގެ އިހުތިސޯސްގެ ތެރެއަށް ފެތޭ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭ މިންވަރަށް އަސާސީ ސަބަބުތައްވެސް ބަޔާންކުރައްވާފައިވާކަމަށެވެ.