ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ތިން އަތޮޅަކަށް ވަޑައިގެންފިއެވެ.

ޕީޕީއެމްއިން ބުނީ މި ކެމްޕޭން ދަތުރަކީ ރަށްރަށުގައި ތިބި އެޕާޓީގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ދަތުރުގައި ޕީޕީއެމްގެ މިފަހަރުގެ ޝީއާރު "މީ މަގޭ ރާއްޖެ" ގެ ދަށުން ކަނޑައެޅިފައިވާ ސިޔާސަތުތައް ރައްޔިތުންނާއި ހިއްސާ ކުރާނެ ކަމަށް ޕީޕީއެމްއިން ބުނެއެވެ.

މި ކެމްޕޭން ދަތުރުތަކުގެ ތެރެއިން މިއަދު ޕްރްގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓީމުން ވަޑައިގެންނެވީ، ޅ. އަތޮޅާއި، ނ. އަތޮޅު އަދި ރ. އަތޮޅަށެވެ. އަދި އެޓީމުންވަނީ ރ. އިނގުރައިދޫ އަށާއި، ރ. އިންނަމާދޫ އަދި ޅ. ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާފައެވެ. މި ދަތުރުފުޅުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދުގެ އިތުރުން ކޯލިޝަނުގެ އިސްފަރާތްތައް ބައިވެރިވެވަޑައިގެންނެވިއެވެ.

އަންނަ އޭޕްރިލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން 679 ގޮނޑި އަކަށް ވާދަކުރުމަށް ވަނީ ނިންމާފައެވެ. އޭގެތެރެއިން އެމްޑީޕީއަށް 13 ގޮނޑި ކަށަވަރުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ބުނެފައެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ.