މިމަހުގެ 13 ވަނަ ދުވަހު ޖުމްހޫރީ ޕާޓީން "ދީނާއި ގައުމުގެ ދިފާއުގައި" މިނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އަދި އަދާލަތު ޕާޓީ (އޭޕީ)އަށް ދައުވަތު ދީފިއެވެ.
ކުނޫޒުގައި ޖޭޕީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ، ހަމަ މިންވަރާއި ދޭންޖެހޭ މިންވަރު ރަނުން ރަނަށް ދޭނެ ހަމައެކަނި ޕާޓީ އަކީ ޖުމްހޫރީ ޕާޓީކަމަށެވެ. އެހެން ކަމުން ޖޭޕީގެ ބައްދަލުވުމުގައި ބައިވެރި ވުމުގެ ހާއްސަ ދައުވަތު އެމްއާރްއެމް އަށާއި އަދާލަތަށް ދޭ ކަމަށެވެ.
މީގެ އިތުރުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ ޖޭޕީގެ ޖަލްސާގައި ދީނަށް ލޯބި ކުރާ މީހުން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި ޖޭޕީ އަކީ އަބަދުވެސް ދީނާއި ގައުމުގެ ދިފާއުގައި ނުކުންނާނެ ފުރަތަމަ ޕާޓީއަށް އަބަދުވެސް ވާނެ ކަމަށް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ދިވެހި ރައްޔިތުން އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ދީފި ކަމަށާއި އެ ފުރުސަތު ލިބެނީ ގާސިމް އިބްރާހިމް އެތައް ހޭދައެއް ކުރައްވައިގެން ކަމަށެވެ. އަދި މިއީ ގާސިމް ޓެސްޓް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށާއި ޖާނާއި މާލުން ގުރުބާންވާ ހަމައެކަނި ފަރާތަކީ ގާސިމް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ބޭއްވި ޖަލްސާ އެމްޑީޕީއާއި ޕީޕީއެމުން ވަނީ ބާއްވާފައެވެ. އެމްޑީޕީންގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. އަދި ޕީޕީއެމްގެ ޖަލްސާ ބައްވާފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހެވެ.
"ދީނާއި ގައުމު" "ދީނަށް ލޯބިކުރާމީހުން "މީ މިމީހުން މާ ފޯރީގައި ދައްކާ ވާހަކައެއްކަމުގައި ފާހަގަ ކުރެވޭ %100 މުސްލިމު ގައުމެއްގައި މިފެންވަރުގެ މީހުން މިމޭރުމުން ވާހަކަ ދެއްކީމައި ދީނާއި ހިލާފަށް ކުރާކަންތަކީ ކޮބައިކަން އޮޅި ހަސަދަވެރިކަން އިތުރުވުންނޫން އެހެންކަމެއްވާތަނެއް ނުފެނޭ.