އެމްޑީޕީއަށް މުހިންމީ އުމްރާނީ ތަރައްގީ ނޫން ކަމަށާއި މުހިންމު ވަނީ ކުދިންނަށް ހެނދުނު ސައިދިނުން ކަމަށް އެމްޑިޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ "ރަށްވެހި ފަތިސް ކެމްޕެއިން" ގައި ގދ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި، އެ އަތޮޅު ފަރެސްމާތޮޑާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަނދަރު ހެދުމާއި މަގުހެދުންފަދަ ކަންކަމަކީ މި ރައްޖެގެ ތަރައްގީއަށް ކުރެވޭނެ ކަންކަން ނޫން ކަމަށެވެ. ކުދިންނަށް ހެނދުނުގެ ސައި މުހިންމު ވުމަކީ ގައުމުގެ ތަރައްގީ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

90 ހައިގެ އަހަރުތަކުގައި ވިހާފައިވާ ކުދިންގެ ބަރުދަން ޗާޓު ބަލާލުމުން އޭރުގެ ކުދިން ހެނދުނު ސައި ނުބޮއި ސްކޫލަށް ދިއުމުގެ ސަބަބުން ފިލާވަޅުތަށް ރަނގަޅަށް ނުހެދޭނެ ކަމަށައި އެއްވެސް ޝައުގުވެރި ކަމެއް ނުހުންނާނެ ކަމަށެވެ. އެހެން ވުމުގެ ސަބަބުން ކުދިން ކިޔެވުމަށް ދައްވެ ފާސްނުވެ މަގުތަށް މައްޗަށް ނުކުންނަނީ "ޕާޓޭން" ގެ ގޮތުގައި ކަމަށެވެ. އެއްވެސް ތައުލީމެއް ތަރުބިއްޔަތެއް ނުލިބި ކަމަށެވެ.

އަޅުގަނޑުމެން ކީއްހޭ ކުރީ! ކުރި ކަމަކީ 206 ކުދިންނަަށް ކޮންމެ ދުވަހަކުވެސް ހެނދުނު ސައިބޯންދެނީ، ހަމަ ކޮންމެ ދުވަހަކުވެސް، އިއްޔެގަވެސް، މާދަމާވެސް، އޭގެ ކުރީ ދުވަހުވެސް، އަޅުގަނޑުމެން ދެކޭ ގޮތުގައި އެ ކުއްޖާއަށް ސައިބޯން ދިނުމަކީ މި ރާއްޖޭގެ ތަރައްގީއަށް އެންމެ ބޭނުން ކަންތަށް!، ބޮޑުހިލަ ބަނދަރެއް ފެށުމެއްވެސް ނޫން، އެއްގަމު ތޮއްޓެއް އެޅުމެއްވެސް ނޫން، މަގެއް ހެދުމެއްވެސް ނޫން، ހަގީގަތުގައި ފެނާއި ނަރުދަމާ އެޅުމެއްވެސް ނޫން، އޭގެން އެއްކަމެއް ކުރުމަށްވުރެ މާ މުހިންމު، އޭނަ ހެނދުނު ހޭލައިހެން ރަނގަޅަށް ސައިބޮއެގެން ގޮސް މަދަރުސާއަށް ގޮސް، ރަނގަޅަށް ކިޔެވުން،
މުހައްމަދު ނަޝީދު

ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ އެމްޑީޕީގެ އެންމެ ފުރަތަމަ މެނިފެސްޓޯގައި ހިމެނުނު އެއް ވައުދަށްވީއިރު އެއީ އެމްޑީޕީގެ ރިޔާސީ އިންތިބާހުގެވެސް ވައުދެކެވެ. މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލުތަކެއްގައި ނާސްތާ ޕްރޮގްރާމް ފަށާފައެވެ.