އަވަށްޓެރި އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 29އަށް އަރާފައިވާކަމަށް އެގައުމުގެ ޔޫނިއަން ހެލްތް މިނިސްޓަރު ހަރްޝް ވަރުދާން ހާމަކުރައްވައިފިއެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ވެރިރަށް ނިއު ދިއްލީ، އާގްރާ، ތެލަންގަނާ އަދި ކެރަލާއިން ކަމަށް ޚަބަރު ލިބެއެވެ.
އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިޓަލީވިލާތުން އެގައުމަށް ދަތުރުކުރި 16 ފަތުރުވެރިއަކު ހިމެނޭ ކަމަށްވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ. އަދި އެމީހުންގެ ޑްރައިވަރެއްގެ ގޮތުގައި އުޅުނު އިންޑިއާ މީހަކުވެސް ކޮވިޑް-19އަށް މިހާރު ޕޮޒިޓިވްވެފައިވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިދާނެ ކަމަށް، އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅަމުންނެވެ. އެގޮތުން ކަރަންޓީނާ އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ މަޝްވަރާކޮށްފައެވެ.
ކަންމިހެން އޮތްއިރު އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިންވަނީ ފްލައިޓް އޭއައި-154 ގައި ވިއެނާއިން ދިއްލީއަށް ފެބުރުވަރީ 25 ވަނަ ދުވަހު ދަތުރުކުރި ހުރިހާ ފަސެންޖަރުން، އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހާއްސަ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ގޮވާލާފައެވެ. މިއީ އެ ފްލައިޓުން ދަތުރުކުރި ފަސެންޖަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެއާ އިންޑިއާއިން ކޮށްފައިވާ އިއުލާނެކެވެ.
އިންޑިއާގައި ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އިޓަލީވިލާތުގެ 16 ފަތުވެރިންނަކީ ބައިނަލްއަގުވާމީ ސްކްރީނިންގް ލިސްޓުގައި އިންޑިއާއިން އިޓަލީވިލާތް ހިމެނުމުގެ ކުރިން އެގައުމަށް އެތެރެވި ބައެއް ކަމަށް ޚަބަރު ލިބެއެވެ. އިންޑިއާއިން މިހާރުވަނީ، ބޭރު ގައުމުތަކުން އިންޑިއާއަށް އަންނަ ހުރިހާ ބިދޭސީންވެސް ކޮވިޑް-19އަށް ސްކްރީން ކުރުމަށް ނިންމާފައެވެ. އަދި ބައެއް ސްކޫލުތަކުގެ ކިޔެވުން ބަންދުކޮށް ޗުއްޓީއަށް ދާ ތާރީޚު އަވަސް ކުރުމަށްވެސް ވަނީ ނިންމާފައެވެ.