ބައްދަލުވާ ދެ ޖިންސުގެ ދެ މީހެއްގެ މެދުގައި އުފެދޭ 'އިޝްގީ' ލޯބީގެ ގުޅުމަކީ އިންސާކަށް އިހުސާސްކުރެވޭ ޖަޒުބާތުތަކުގެ ތެރެއިން އެންމެ ބާރުގަދަ އެއް ޖަޒުބާތެވެ. ރަހުމަތްތެރިކަމަކީވެސް މިފަދަ ވަރުގަދަ ގުޅުމެކެވެ. ދެ މީހުންގެ ހިޔާލު ކިތަންމެ އެއްގޮތްވި ކަމުގައި ވީ ނަމަވެސް ހުރިހާ ކަމެއްގައިހެން އެއީ ތަފާތު ދެ މީހެކެވެ. ލޯބީގެ ޖަޒުބާތުން ގުޅޭ ދެ ހިތެއްގައި އަސަރުގަދަ ވިންދެއް ޖަހާއިރު، ދެ ރަހުމަތްތެރިންގެ މެދުގައި އޮންނަނީ އެކަކު އަނެކަކު ވަޒަން ކުރުމުގެ ބަދަހި ކަމެކެވެ.

ކަންމިހެން އޮއްވާ، އެންމެ ގާތް އެކުވެރިޔާ ނުވަތަ އެކުވެރިޔަކާ މެދު އިޝްގީ ލޯބީގެ ނަޒަރަކުން ބަލަން ފެށިއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ ފެންނަ ކޮންމެ ފަހަރަކު ހިތު ވިންދު އަވަސްވެ، ހުރެވުނު ތަން ހަނދާން ނެތެން ފަށައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެ އެކުވެރިޔާ އެހެން މީހުންނާ އެކުގައި އުޅޭ ތަން ފެނުމުން ހިތުގައި ހަސަދައިގެ ގިނި އަނދަން ފަށައިފިނަމަ އެކަކު އަނެކަކު ވަޒަންކޮށްދެމުންދިޔަ ބަދަހި ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟

ދެ ލޯބިވެރިން އަތުގައި ހިފާލައިގެން/ފޮޓޯ: ޔެންކީ ޑޫޑްލް ޕެޑީ

މިއީ ހަމަ ޔަގީނުންވެސް ސާފު އެކުވެރި ކަމުގެ ގުޅުމަކުން ބަދަހިވެފައިވާ ގުޅުމެއްގައި ތިބި ދެމީހެއްގެ ތެރެއިން އެކަކަށް ނުވަތަ ދެ މީހުންނަށް ބޮޑު ތަކުލީފަކާ ކުރިމަތި ކުރުވާނެ ހާލަތަކެވެ. ނަމަވެސް މިއީ އެކަމަކުން ދުރުވެ، ރައްކާތެރި ވެވިދާނެ ކަމެއްވެސް މެއެވެ.

ރަހުމަތްތެރިކަމާ އިޝްގީ ލޯބީގެ އިން ވަކިކޮށް ދެނެގަތުން

ދެ ޖިންސުގެ ދެމީހެއްގެ މެދުގައި އެކުވެރި ކަމުގެ ގާތް ގުޅުމެއް ބަދަހި ވަމުންދިޔަ ކަމުގައި ވީ ނަމަވެސް އެއީ އަދި އިޝްގީ ލޯބި ކަމުގައި ބުނެވޭކަށް ނެތެވެ. އެހެންކަމުން އެ އިން ވަކިކުރަން ދެ މީހުންވެސް ދަސްކުރަންޖެހެއެވެ. ދެ މީހުންގެ ނިޔަތަކީ ކޮބައިކަން އެނގުން ބުއްދިވެރިއެވެ.

ދެ މީހުންގެ ގުޅުމަކީ ސާފު ރަހުމަތްތެރިކަމުގެ ގުޅުންކަން ކަށަވަރު ކުރަން ވާނެއެވެ. މި ފަރަގު ފާހަގަކުރަން އެނގިއްޖެނަމަ އެ ގުޅުމަކަށް 'އިޝްގީ' ލޯބީގެ ކޮޅުގަނޑު އައުން އޮންނާނީ ވަރަށް ދުރުގައެވެ.

އިހުސާސްތަކާ ޖަޒުބާތުތަކަށް ސަމާލުވުން

އަމިއްލަ މީހާއަށް ކުރެވެމުންދާ އިހުސާސްތަކާ، ނަފްސުގައި ހިނގާ ޖަޒުބާތުތަކަށް އަދުވެސް ސަމާލުކަން ދޭން ވާނެއެވެ. އެހެން މީހަކަށް ބެލުމުގެ ބަދަލުގައި، ފުރަތަމަ ކަމަކީ އަމިއްލަ ނަފްސު ދަސްކުރުމެވެ. ކުރެވޭ އިހުސާސްތަކާ، ހިތުގައި ހިނގާ ޖަޒުބާތުތައް ދަސްކުރުމެވެ. އެކަންކަމަށް ރިއާޔަތްކޮށް، ހައްލު ހޯދަން ދަސްކުރުމެވެ.

ދެ ލޯބިވެރިން އަތުގައި ހިފާލައިގެން/ފޮޓޯ: ސީކާޒް ގައިޑަންސް

ރަހުމަތްތެރިކަމުގެ ގުޅުން އޮތް މީހަކާ މެދު 'އިޝްގީ' ލޯބީގެ ޖަޒުބާތެއް އުފެދޭ ހެން ހީވެއްޖެނަމަ އަމިއްލަ ނަފުސުގެ ދިރާސާއެއް ހަދާށެވެ. އެމީހަކާ މެދު އެ ޖަޒުބާތު އުފެދެން ފެށި ހިސާބެއް ފާހަގަކުރާށެވެ. އެއީ ކީއްވެތޯ ވިސްނާލާށެވެ. އެ މަގާމުގައި އެހެން މީހަކު ހުރި ނަމަ އެމީހަކާ މެދުވެސް ދެކެވެނީ އެފަދަ ގޮތަކަށް ތީ ވިސްނާ، ދެނެގަންނާށެވެ. އަދި އެކުވެރި ކަމުގެ ގުޅުން ވަޒަން ކުރަން ދަސްކުރާށެވެ.

ދިރިއުޅުމުގެ މާ ގިނަ ވާހަކަތައް ހިއްސާ ނުކުރުން

ތެދުވެރި، އިހުލާސްތެރި ރަހުމަތްތެރިންނަކީ ތަދު ބައެއް ނަމަވެސް އެ ނަސީބު ލިބިއްޖެނަމަ އެއީ ލިބޭ އަގުބޮޑު ނިއުމަތެކެވެ. ދިމާވާ ކޮންމެ ކަމެއްގައި އެހީވާން އެންމެ ގާތުގައި ތިބޭނެ ބަޔަކީވެސް އެއީއެވެ. އުފަލާ ހިތާމަ، ބަލިމަޑުކަމާ ހެޔޮ ހާލުގައިވެސް ތިބާއާއިއެކުގައި ވާނެ މީހަކީ އެއީއެވެ. ކަންމިހެން އޮތް ނަމަވެސް، އެ އެކުވެރިޔާއާއި ހިއްސާކުރާ ވާހަކަތަކަށް ސަމާލުކަން ދޭށެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް ކަނޑައަޅާށެވެ.

ދިރިއުޅުމުގައި ހަޔާތުގެ ވާހަކަތައް ހިއްސާކުރަމުން ގޮސް ދެއްކޭ ވާހަކައެއްގެ ސަބަބުން ދެމީހުން ކުރެ މީހަކަށް އަނެކާ ދެއްކި ވާހަކައަކުން 'ނުބައި' މާނައެއް ނެގި، ކަސިޔާރު މަގަކަށް ވިސްނުން ބަދަލުކޮށްލުވާފާނެއެވެ. މިފަދަ ނުރަނގަޅު ގޮތަކަށް ސިގްނަލުތަކެއް މާނަ ކުރެވިއްޖެނަމަ، ކޮށި ދަނޑު ގެއްލި، ކަތިވަޅި ގެއްލި މަރިޔަނބުވެސް ގެއްލިދާނެއެވެ.

ޖަޒުބާތުގައި ޖެހިފައި ހުންނަ ގަޑީގައި ވާހަކަ މަދު ކުރުން

ދިރިއުޅުމަށް އަންނަ އެކި މޫސުންތަކާއެކު ކުރެވޭ އިހުސާސްތަކަށް ބަދަލު އާދެއެވެ. ދިރިއުޅުމުގައި ދިމާވާ ކަމަކުން ހަޔާތުގެ ބައިވެރިޔާއަށް ނަފުރަތުވާ ގޮތް ވެދާނެއެވެ. ނަމަވެސް ފަހަރުގައި އެއީ ވަގުތީ ކަމަށް ވެދާނެއެވެ. އެހެންކަމުން އެފަދަ ކަންކަމަށް ސަމާލުކަން ދޭންޖެހެއެވެ. ކަމެއް ދިމާވާ ހިނދުން ހިނދަށް ގާތް އެކުވެރިޔާއާއި އެ ވާހަކަތައް ހިއްސާކޮށް، ތިމާގެ ބައިވެރިޔާއަށް ބަދު ބަސް ބުނުމުގައި ދެމި ހުންނަން ވެއްޖެ ނަމަ އެކުވެރި ކަމުގެ ގުޅުމަށް އަސްލެއް ނެތް 'އިޝްގީ' ލޯބީގެ ރާޅެއް ބިންދާލުން ގާތެވެ.

ފޯނުން މެސެޖުތަކެއް ކިޔައިން އިން މީޙަކު/ފޮޓޯ: ޕީއެސްއައިލަވްޔޫ

ކޮންމެ ގޮތަކަށް ކަން ހިނގަމުންދިޔަ ކަމުގައި ވީ ނަމަވެސް ރަހުމަތްތެރިކަމުގެ ގުޅުމުގެ އަގަކީ ފޮތެއްގައި ޖަހާލާ އަދަދަކުން ބަޔާންކޮށްދެވޭނެ އެއްޗެއް ނޫނެވެ. އެ އަގު ވަޒަންކޮށް، ދުޅަހެޔޮ ގުޅުމެއް ދެމެހެއްޓުމުގެ ސިއްރު ތަޅުދަނޑި އޮތީ ޚުދު ތިބާގެ އަތު ތެރޭގައެވެ. ގާތް ރަހުމަތްތެރިއަކު ދެކެ 'އިޝްގީ' ލޯބިވެވުމަކީ ނުވާނެ ކަމެއް ނޫނެވެ. މިފަދަ ހާލަތަކަށް ހިނގައްޖެ ނަމަ ދެމީހުން އެކުގައި އެ ވާހަކަ ދައްކާ، ސުލްހަ ހޯދާށެވެ. ސާބިތުކަމާ، ތެދުވެރިކަމާއެކު ވާހަކަ ދައްކައިގެން ހައްލު ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ.