އެފަދަ ދެވަނަ ޓީވީ ޝޯއެއް މިހާތަނަށްވެސް އުފައްދާފައި ނުވާކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު އިއްތިފާގުވާ އެމެރިކާގެ ޓީވީ ސީރީޒް "ފްރެންޑްސް"ގެ ރީޔޫނިއަން އެޕިސޯޑްގައި، އެ ސީރީޒްގެ މައިގަނޑު ރޯލަކުން ފެނިގެންދިޔަ ޖެނިފާ އެނިސްޓަން އާނ ބަސް ބުނީ ބްރެޑް ޕިޓްގެ މަސައްކަތުން ކަމަށް މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނެފިއެވެ.

ބްރެޑް ޕިޓްއާއި ގާތް މަސްދަރަކާ ހަވާލާދީ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރުތައް ބުނާ ގޮތުގައި، "ފްރެންޑްސް"ގެ ރީޔޫނިއަން އެޕިސޯޑެއްގެ މަސައްކަތް ކުރުމަށް ޖެނިފާ އެނިސްޓަން ނުވަތަ ސީރީޒްގެ ނަމުންނަމަ "ރޭޗަލް ގްރީން" ފުރަތަމަ މާ ގަޔާވާ ގޮތެއް ނުވިއެވެ. ނަމަވެސް ސީރީޒްގެ ލީޑުން ފެނިގެންދިޔަ 6 ތަރިންނާ ނުލާ އެ ސީރީޒްގެ ރީޔޫނިއަންއެއް ފުރިހަމަ ނުވާނެ ކަމަށް ފޭނުން ދިޔައީ ކެނޑިނޭޅި ބުނަމުންނެވެ.

"ފްރެންޑްސް"ގެ ރީޔޫނިއަންއަކަށް ޖެނިފާ އެނިސްޓަން އެންމެ ފަހުން އާނ ބަސް ބުނީ މިދިޔަ އަހަރު އޮތް އުފަންދުވަހުގެ ޕާޓީއެއްގެ ތެރެއިން، ކުރީގެ ފިރިމީހާ ބްރެޑް ޕިޓްއާއިއެކު ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހު، ބްރެޑް ޕިޓް ދިން ލަފާގެ މައްޗަށް ބިނާކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.

އެގޮތުން، މިއީ "ފްރެންޑްސް"ގެ ރީޔޫނިއަންއަކަށް އެންމެ މުނާސަބު ވަގުތުކަން ޖެނިފާ އެނިސްޓަންއަށް ވިސްނައިދިނީ ބްރެޑް ޕިޓް ކަމަށް ޚަބަރުތައް ބުނެއެވެ.

ޚުދު ބްރެޑް ޕިޓްވެސް ވަނީ "ފްރެންޑްސް"ގެ އަސްލު ސީރީޒްގައި ހާއްސަ ފެނިލުމަކުން ފެނިލާފައެވެ.

ޓީވީ ސީރީޒް "ފްރެންޑްސް"ގެ ހާއްސަ ފެނިލުމެއްގައި މަޝްހޫރު ތަރި ބްރެޑް ޕިޓް (ކ)، ޑޭވިޑް ޝްވިމާއާއިއެކު/ފޮޓޯ: ވައިޓީއައި

1994-2004 ވަނަ އަހަރުގެ ނިޔަލަށް 10 ސީޒަނަކަށް ބަހާލައިގެން ގެނެސްދިން "ފްރެންޑްސް" ސީރީޒްއަށް 25 އަހަރު ފުރުން ކުލަ ގޮތެއްގައި މިދިޔަ އަހަރު ފާހަގަކުރިއިރު، ރީޔޫނިއަން އެޕިސޯޑް ފެންނަވަރު ވާނީ މި އަހަރުގެ މޭމަހުގެ ތެރޭގައެވެ.

މީގެ 25 އަހަރު ކުރިން ޓީވީ ސްކްރީންތައް ފަތަހަކުރި ގޮތަށް އަދާޖެހުނުއިރުވެސް ދެގޮތެއް ނުވެ އޮތް މަޝްހޫރު ޓީވީ ސީރީޒް "ފްރެންޑްސް"ގެ ރިޔޫނިއަން އެޕިސޯޑެއް ވަރަށް އަވަހަށް އެޗްބީއޯ މެކްސްއަށް އަންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. "ފްރެންޑްސް ރިޔޫނިއަން އެޕިސޯޑް" ނުވަތަ "ދަ ވަން ވެއާ ދޭ ގޮޓް ބެކް ޓުގެދާ"ގައި، "ފްރެންޑްސް"ގެ އަސްލު ސީރީޒްގެ ލީޑުން ފެނިގެންދިޔަ 6 ކެރެކްޓާވެސް ފެންނާނެ ކަމަށާ، މި އެޕިސޯޑަކީ ގާތްގަނޑަކަށް ގަޑިއެއްހާއިރަށް ދެމިގެންދާ އެޕިސޯޑެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ފްރެންޑްސް ރިޔޫނިއަން އެޕިސޯޑް" ޝޫޓުކުރަން ހަމަޖެހިފައިވަނީ "ފްރެންޑްސް" ޓީވީ ސީރީޒްގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވާ ބާބަންކްގެ ވޯނާބްރޯސް ސްޓޫޑިއޯގެ "ސްޓޭޖު 24"ގައެވެ. މި އެޕިސޯޑްގައި، ޝޯގެ ހަގީގީ ބާނީންކަމަށްވާ ޑޭވިޑް ކްރޭން އަދި މާތާ ކޯފްމަންވެސް ފެނިގެންދާނެ ކަމަށާ، މި އެޕިސޯޑަކީ، ސްކްރިޕްޓްއަކާ ނުލާ ޝޫޓްކުރާނެ އެޕިސޯޑެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.