މުޙައްމަދު މަނާޒިރު، އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ބަދަލުވީ މީގެ އެތައް އަހަރެއް ކުރިންނެވެ. އެއީ އޭނާގެ އުފަން ވަޒަން ކަމުގައިވި ބިހާރުގައި އޮތް އިންތިހާ ފަގީރުކަމުގެ ހާލަތު ދޫކުރުމަށްފަހުގައެވެ. ބިހާރުގެ ފަސްގަނޑުގައި އަމިއްލަ ބިންކޮޅެއް ނެތް ހާލު، މަނާޒިރުގެ ބައްޕަ އާމްދަނީ ހޯދަމުންދިޔައީ އެހެން މީހުންގެ ދަނޑުބިންތަކުގައި ގުލާނުކޮށްދީގެންނެވެ.

ދިއްލީއަށް ދިރިއުޅުން ބަދަލުކުރި ދުވަސްކޮޅު، އޭނާ ފަދަ އެތައް މިލިއަން ފަގީރު ހިޖުރަވެރިން ފަދަ މަނާޒިރުވެސް ދިރިއުޅެމުންދިޔައީ ދިއްލީގެ ރަށް ބޭރަށް އޮންނަ ހިސާބުގައި، ކުޑަކުޑަ ޖިފުޓިގަނޑެއް ޖަހައިގެންނެވެ. އާމްދަނީ ހޯދަން މަސައްކަތް ކުރަމުންދިޔައީ ފޮތް ބައިންޑްކުރާ ފިހާރައެއްގައެވެ. އޭގެ ފަހުން ދެން އޭނާ ބަދަލުވީ ޚަޖޫރީ ޚާސްއޭ ކިއުނު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ލިޔަންކިޔަން ދަންނަ މީހަކު ނެތޭ ބުންޏަސް ހެޔޮވާނެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދުގައި ހުޅުޖެހި މިސްކިތް/ފޮޓޯ: ދަ ވަޔާ| ވައިޓީއައި

ފޮތް ބައިންޑްކުރާ ފިހާރަ އިނދަޖެހުމުން މަނާޒިރު ނިންމީ އަމިއްލަ މަސައްކަތެއް ފަށާށެވެ. އެއްވެފައި ހުރި ފައިސާކޮޅުން އަތް ގާޑިޔަލެއް ގަތެވެ. ހަނޑުލާ ކުކުޅު ގަނެ، ބިރިޔާނީ ވިއްކަން ފެށިއެވެ. ވިޔަފާރި މެކުހަށް ޖެހީ ހީވެސް ނުކުރާހާ ހަލުވި ދުވެއްޔެއްގައެވެ.

"އެންމެންގެ ކުރިމަތީގައި އަހަރެންނަކީ ބަތޮލެއް. ކޮންމެ މީހަކުވެސް އަހަރެންގެ ބިރިޔާނީއަށް ގަޔާވޭ. ދުވާލަކު 15 ކިލޯގެ ބިރިޔާނީ ކެއްކިން. ލިބެނީ ގާތްގަނޑަކަށް 12 ޑޮލަރު. މުސްތަގުބަލު އޮތީ ފިސާރި އުޖާލާކޮށް" މަސައްކަތް ފެށިގެން އައި ދުވަސްވަރުގެ ވާހަކަ ހިއްސާކުރަމުން މަނާޒިރު ކިޔައިދިނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދު/ފޮޓޯ: ޑެއިލީ ސަބާހް

އަދުން ފެށިގެން 3 ވަރަކަށް އަހަރު މާޒީއަށް ޖެހިލާނަމެވެ. މަނާޒިރާ އޭނާގެ ބޭބެ އެއްކޮށްފައި ހުރި 2.4 މިލިއަނެއްހާ ރުޕީޒްއިން އެ ދެމީހުން ގަތީ ގެއެކެވެ. ހަނި ގޯޅިއެއްގައި، 2 ފަންގިފިލާއަށް ހަދާފައި ހުރި ގެއަކީ، ބިހާރުގައި އަމިއްލަ ބިންކޮޅެއް ނެތް މީހަކަށް ދިއްލީއިން ލިބުނު ރަންގަނޑެކެވެ. 2 އާއިލާއެއް ދިރިއުޅެން މި ގެ ކިތަންމެ ކުޑަ ނަމަވެސް ދިރިއުޅުން ކިތަންމެހާވެސް އުފާވެރިއެވެ.

"މި ގެއަކީ އުމުރު ދުވަހުގެ މަސައްކަތް. މިއީ އަހަރެންގެ އަނބިމީހާއަށާ 6 ދަރިންނަށް ހޯދާދިން ތަނެއް. އަހަރެންގެ މުޅި އުމުރުގައިވެސް ބޭނުންވި ކަމަކީ މިއީ. މިއީ އަހަރެން ދުށް ހަމައެކަނި ހުވަފެން. އެ ހުވަފެން ހަގީގަތަކަށްވި" މަނާޒިރު ކިޔައިދިނެވެ.

ހަގީގަތަކަށްވި ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މިލްކިއްޔާތުގައި ހުރިއްޔާ ހުރި ހުރިހާ އެއްޗެއް އަނދާއަޅިއަށްވިއެވެ. މަނާޒިރުގެ އާއިލާ ދިރިއުޅެމުންދިޔަ ގެ ލޫޓުވާ، އެ ގޭގައި ހުޅުޖެހީ މިދިޔަ ހަފުތާގައި ދިއްލީގައި ހިންގަން ފެށި ހަމަނުޖެހުންތަކުގެ ތެރެއަށް މޫނު އަޅައިގެން ނިކުތް ގޭންގަކުންނެވެ. އެ މީހުންގެ އަތުގައި ނެތް ހަތިޔާރެއް ނެތެވެ. ހިންދޫ ދީނުގެ ގޮވެލިތައް ގޮވަމުން، މުސްލިމުންގެ ގެތަކާ މުދަލުގައި ހުޅަޖަހަމުން ދިޔައީ މިނިވަންކަމާއެކުގައެވެ.

ފާއިތުވީ އަހަރުތަކުގައި ދިއްލީ ދުށް އެންމެ ވަރުގަދަ ކުރިމަތިލުންތައް ފެނިގެންދިޔަ ސަރަހައްދަކީވެސް ޚަޖޫރީ ޚާސް ސަރަހައްދެވެ. ދިއްލީ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 40އަށްވުރެ މައްޗަށް އަރާފައިވާއިރު އެތައް ސަތޭކަ ބަޔަކު ވަނީ ޒަހަމްވެފައެވެ. އެތައް މިލިއަން ޑޮލަރެއްގެ ގެއްލުން އޮތީ ދީފައެވެ. މިހާރު ލިބެމުންދާ މައުލުމާތަށް ބަލާއިރު އެއީ ސީދާ މުސްލިމުންނަށް އަމާޒުކޮށްގެން، ފުލުހުންގެ އެއްބާރުލުމާއެކު ދިން ހަމަލާތަކެއްކަން ދަނީ ހާމަވަމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅެމުންދާ މުޙައްމަދު މަނާޒިރު، ގޭންގުތަކުން އަންދާ އަޅިއަށް ހަދާފައިވާ އޭނާގެ ގެ ދައްކާލަނީ/ފޮޓޯ: މާންސީ ތާޕްލިޔާލް

ހިންދޫންނާ މުސްލިމުން އެއް ސަރަހައްދެއްގައި ދިރިއުޅެމުންދާ ޚަޖޫރީ ޚާސްއަށް މިހާރު ބަލާލިކަމުގައި ވީ ނަމަވެސް ހިންދޫންނަށް ހާއްސަ ތަންތަނާ އެމީހުންގެ ގެތަށް ހުރީ ހުރި ގޮތަށެ ދެންވިއަސް ދޮގަކަށް ނުވާނެއެވެ. އެއް ފާރެއް ހިއްސާ ކުރާ ގެތަކުގެ ހާލަކީވެސް މިއީއެވެ. ސުންނާފަތި ކޮށްފައި އޮތީ މުސްލިމުންނާ ވީ ފަޅިއެވެ. ފާރުގެ އަނެއް ފަރާތް ހިންދޫންނަށް ހާއްސަވީތީ އެފަޅިއަށް އެއްވެސް ވަރެއްގެ ގެއްލުމެއް ދީފައެއް ނެތެވެ.