ޗައިނާއިން މުޅި ދުނިޔެއަށް ފެތުރެމުންދާ ރޯގާއެއް ކަމަށްވާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭގެ ރައްޔިޔުން ކާބޯތަކެތި އެއްކުރާ ވާހަކަ އޮޅުން ފިލުއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ އަނބިކަނބަލުން ގާތު އައްސަވާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ޝިޔާމް ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް އޮޅުވާނުލާނެ ކަމެއް ނެތް ކަމަށެވެ. އެގޮތުން މިއަށްވުރެ މާ ސީރިއަސް ކަންކަމުގައިވެސް ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށާއި ހަގީގީ މައުލޫމާތު ރައްޔިތުންނާ ހިއްސާ ނުކޮށް އޮތް ތަން ދެކެވަޑައިގަތިން ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެގޮތުން ކުޑަކުއްޖަކު ބެޑްޝީޓެއްގައި އޮވެ ގެއްލުނު ވާހަކައާއި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކުރި ލުތުފީ ފިލައިގެން ލަންކާގައި ހުރިކަމުގެ ވާހަކައަށް ޝިޔާމް އަލިއަޅުއްވާލެއްވިއެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި އޮތް ކަމަށް ނުދަންނަވާ ކަމަށާއި، ނަމަވެސް ރާއްޖޭގެ ރައްޔިތުން އެކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި ތިބިކަން ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން އެހެން ގައުމުތަކުގައި އަސާސީ ކާބޯތަކެތި ގަތުމަށް މީހުން އަވަސްވެގަތް ކަމަށާއި ރާއްޖޭގައި ވެސް އެފަދައިން ރައްޔިތުން އަވަސްވެގަތް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި މި ކަމާ ގުޅިގެން އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރަށް ގުޅުއްވީމަ ހުރިހާ ކާބޯތަކެއްޗެއްވެސް ހަމައަށް އެބަހުރި ކަމަށް ވިދާޅުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ގުދަން ބަލަހައްޓާ މީހާއަށް ގުޅާލީމާ ކާޑު ހުރި މިންވަރު އެނގިގެން ދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. މީގެ އިތުރުން ބޭސް ފިހާރަތަކުގައި އަސާސީ ބޭސްތައް ލިބެން ނެތްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"މި ރާއްޖޭގައި ކާއެއްޗެއް ގަންނަން އެއްތަނުން އަނެއްތަނަށް ދުވެ އުޅެނިކޮށް އަޅުގަނޑު ދުވަހަކުވެސް ނުދެކެން. އިއްޒަތްތެރު މެންބަރަކުވެސް ދުވަހަކުވެސް ނުދެކޭ. އަޅުގަނޑު މަޖިލީހަށްވެސް މިއައީ ހިނގާފައި. ބާޒާރުމަތިން ލާފައި. ހަމައެކަކުވެސް ނުދުވޭ"
މުހައްމަދު ނަޝީދު

މިކަމަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، މި މައުލޫގައި ތިގޮތަށް ވާހަކަ ދައްކަވަން ފުރުސަތު އެރުވެން ނެތްކަމަށެވެ. އެގޮތުން ރާއްޖެގައި ކާއެއްޗެހި ނުލިބިގެން އެއްތަނުން އަނެއް ތަނަށް މީހުން ދުވާ މަންޒަރު ނުފެންނަކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ނަޝީދު މަޖިލީހަށް ދުރުވީ ބޭފިހާރައަކަށް ވަޑައިގެންފައި ކަމަށް ވިދާޅުވެ ބޭސްފިހާރައިގައި އަސާސީ ބޭސް ލިބެން ނެތް ކަމަށް ޝިޔާމް ދެއްކެވި ވާހަކަ ނަޝީދު ދޮގު ކުރެއްވިއެވެ.

ނަޝީދު މިހެން ވިދާލުވުމުން ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އެއީ ރޭގައި ނިދުމުގެ ކުރިން އޭނާގެ އަންހެނުން ވިދާޅުވި ވާހަކައެއް ކަމަށެވެ. އެގޮތުން އަންހެނުންގެ ރައްޓެހިން ކާބޯތަކެތި ހަމަކުރާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިފަދައިން ވިދާޅުވުމުން ރައިށް ނަޝީދު ވަނީ ޝިޔާމްގެ އަންހެނުންގެ ގާތުން އެވާހަކަ އޮޅުން ފިލުއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް އެއްވެސް ގައުމަކުން ޓުއަރިސްޓުން ނުގެނައުމަށް ނުވަތަ އެއްވެސް ގައުމަކުން ކާނާ އުފުލުން މަނާ ކުރާކަށް ނުޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯގެ މިންގަނޑަށް ބަލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މީގަ ޑަބްލިއުއެޗްއޯގެ މިންގަނަޑަ އަޅުގަނޑުމެން ބަލަން ޖެހޭނީ. ބަލިވެ އިނީމަވެސް ބަލަން ޖެހެނީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް. އެ މިންގަނޑަށް ބަލައިގެން ނުވަ މަސްދުވަހު އުޅުނީމަ ރީތިކޮށް އަޅުގަނޑުމެން މި ދަނީ ވިހަމުން"
މުހައްމަދު ނަޝީދު

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ އިޓަލީ ކަމަށާއި އަހަރެއްގެ މައްޗަށް ރާއްޖެއަށް 150،000 އެއްހާ އިޓަލީ ފަތުރުވެރިން އަންނަ ކަމަށެވެ. އިޓަލީގައި ކޮރޯނާ ވައިރަސް ފެތުރުނު ކަމުގައި ވިޔަސް އިޓަލީން ބޭރަށް ފަތުރުވެރިންގެ ގޮތުގައި ޗުއްޓީ ހޭދަކުރަން ދިއުމަށް އެގައުމުން ހުރަސް ނާޅާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ކޮރޯނާ ވައިރަސް ޖެހިފައި ނެތް މީހެއްކަން ހާމަކޮށްދިނުމަށް ފުރުމުގެ ކުރިން ފުރާ ފޯމެއް ގެންގުޅޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން އެއްވެސް ހާސްކަމެއް ނުވަތަ ބިރުވެރިކަމެއްގައި އުޅެން ނުޖެހޭ ކަމަށާއި، ގައުމީ އެއްވެސް އެމަޖެންސީއެއް ގެނގުޅެން ފެނިވަޑައި ނުގަންނަވާ ކަމަށް ރައިށް ނަޝީދު ވިދާޅުވިއެވެ.