އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުގެ ފަރާތުން އިސްކޮށް ވަކާލާތުކުރާ މުއްލާ ޢަބްދުލްޣަނީ ބަރާދަރާއެކު އެދެވޭ މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ބަރާދަރާއެކު އެދެވޭ މަޝްވަރާތަކެއް ކުރިއަށް ގެންދެވިފައިވާކަމަށް ޓްރަމްޕް ވިދާޅުވެފައި މިވަނީ، ބަރާދަރާއެކު ޓްރަމްޕް ކުރިއަށްގެންދެވި 35 މިނެޓެއްހާއިރުގެ ފޯނު ކޯލަކަށްފަހުގައެވެ.

އަފްގާނިސްތާނުގައި 18 އަހަރުވީ ދިގު ހަނގުރާމައެއް ކުރަމުންދާ އެމެރިކާއާއި ތޯލިބާނުންނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕްއާއި ބަރާދަރާ ދެމެދު ކުރިއަށް ގެންދިޔަ ފޯނުކޯލަކީ ތޯލިބާނު ޖަމާއަތާ އެމެރިކާގެ އިސް ލީޑަރަކާ ދެމެދު ސީދާ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.

އަފްގާނިސްތާނުގެ މަގުމަތީގެ އާންމު ހާލަތު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ރޮއިޓާޒް

ބަރާދަރާއެކު ޓްރަމްޕް ފޯނު ކޯލެއް ކުރެއްވިކަން އެންމެ ފުރަތަމަ ހާމަކުރީ ތޯލިބާނުންގެ ތަރުޖާމަނާކެވެ. ވައިޓްހައުސްއިން މިކަން ކަށަވަރުކޮށްދިނީ އޭގެ ފަހުންނެވެ.

ފޯނު ކޯލާ ބެހޭ އިތުރު ތަފްސީލު ހާމަކުރައްވަމުން ޓްރަމްޕް ވިދާޅުވީ ހަމަނުޖެހުންތަކެއް ނެތް ކަމަށާ، ހަމަނުޖެހުންތަކެއް ހިންގަން ބޭނުން ނުވާކަމަށް ދެފަރާތުންވެސް އެއްބަސްވުމަކަށް އައިސްފައިވާކަމަށާ، ދެން އޮތީ ކުރިއަށް ދެން ވާ ގޮތެއް ބަލަން ތިބުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފޯނުކޯލެއްގައި/ފޮޓޯ: ރޮއިޓާޒް

ތޯލިބާން ޖަމާއަތާ އެމެރިކާއާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލާފައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ސަރުކާރާ ތޯލިބާނުން މަޝްވަރާގެ މޭޒުދޮށަށް ގެނެވޭ ގޮތެއް އަދި ނުވެއެވެ. ތޯލިބާނުން ބުނާ ގޮތުގައި، އެމެރިކާ ސިފައިން އަފްގާނިސްތާނަށް އަރާ ތޯލިބާނުންގެ ވެރިކަން ވައްޓާލިފަހުން އަފްގާނިސްތާނުގައި އުފެދިފައިވާ ސަރުކާރަކީ ގައިރު ގާނޫނީ ސަރުކާރެކެވެ. ތޯލިބާނުން ދަނީ އަފްގާނިސްތާނުގެ މައި ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތަކަށް ހާޒިރުވުމަށް އިންކާރު ކުރަމުން ކަމަށްވާއިރު، ސުލްހަވުމަށް ތޯލިބާނުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމަށް އަފްގާނިސްތާނުގެ މައި ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ.

ކަންމިހެން އޮތްއިރު، ސުލްހައިގެ މަޝްވަރާތަކަށް މަގުފަހި ކުރެއްވުމުގެ ގޮތުން، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ، އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރައްވާނެ ކަމަށް ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުﷲ މުޖާހިދު ވަނީ ހާމަކޮށްފައެވެ. މި ކަމާ ގުޅޭ ގޮތުން ދެ ގައުމުން ކުރެ އެއްވެސް ގައުމަކުން ރަސްމީ ބަހެއް އަދި ލިބޭ ގޮތެއް ނުވެއެވެ.