ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)އަށް ނިސްބަތްކޮށް، ޒަމާނީ މާލީ މުއާމަލާތުގެ ތެރެއަށް ތައާރަފްވެފައިވާ ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީއެއް އުފައްދައިފިއެވެ.

ކޮރޯނާކޮއިން (އެންކޯވް)ގެ ނަމުން ނަންދީފައިވާ މި ޑިޖިޓަލް ފައިސާ ފަރުމާކޮށްފައިވަނީ ކޮވިޑް-19ގެ ކޭސްތައް އިތުރުވެ، އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވާ ވަރަކަށް، މި ފައިސާގެ އަގުވެސް އުފުލޭ ގޮތަކަށެވެ. މިއާއެކު ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވާން ފަށާފައެވެ.

ކްރިޕްޓޯކަރަންސީ އުސޫލުން ބޭނުންކުރާ ކޮރޯނާކޮއިން އެންމެ ފުރަތަމަ އުފައްދާފައިވަނީ ބަލި ފެށިގެން އައިއިރު ދުނިޔޭގެ ޖުމުލަ އާބާދީ އޮތް ނިސްބަތަށް ބަލައިގެންނެވެ. ނަމަވެސް ކޮންމެ 48 ގަޑިއިރަކުން ކޮރޯނާކޮއިންގެ ފައިސާ ފިތ 'އަނދަމުންދަނީ' ކޮވިޑް-19ގެ ކޭސްތައް އިތުރުވާ މިންވަރަށް ރިއާޔަތްކޮށްގެން ކަމުން، މި ފައިސާގެ ޑިމާންޑަށްވުރެ ސަޕްލައި ދަށްވެ، އަގު އުފެލެން މަޖުބޫރުކުރުވައެވެ.

ކޮރޯނާކޮއިންގެ ނަމުގެ ކްރިޕްޓޯކަރަންސީއެއް އުފައްދާފައިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ހެކަރުން ޓީމު ނުވަތަ 'އެނޯނިމަސް'އާއި އެފަދަ އެތައް ގުރޫޕެއް އުފެދިގެން އައި ފޯރަމް ތެރެއިން ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވާ މީހުންގެ އަދަދު ޑަބްލިއު.އެޗް.އޯއިން ހާމަކުރަމުންދާ ވަރަކަށް ކޮރޯނާކޮއިންގެ އަގަށް ބަދަލު އަންނަކަން، މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ސަނީ ކެމްޕް ނަމަކަށް ކިއާ މީހަކާ ހަވާލާދީ، ކޮރޯނާކޮއިންގެ ޓެލެގްރާމް ގުރޫޕެއްގައި ބުނެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ.

ކްރިޕްޓޯކަރަންސީ ޕްލެޓްފޯމަށް ތައާރަފުކުރި ކޮރޯނާކޮއިންއަށް ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ/ފޮޓޯ: ކޮރޯނާޓޯކަން

ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަމަށް ކޮވިޑް-19 ވެފައިވާއިރު އެފަދަ ކަމަކަށް ރިއާޔަތްކޮށް އަގު އުފުލޭ ޑިޖިޓަލް ފައިސާއެއް ތައާރަފުކުރުމުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވަމުންދާއިރު، ކޮރޯނާކޮއިން ތައާރަފުކުރި ފަރާތުން ވަނީ އެކަމަށް ރައްދު ދީފައެވެ. ކޮރޯނާކޮއިން އުފެއްދި ފަރާތުން ބުނާ ގޮތުގައި، މިފަދަ ކަމެއް ކޮށްފައިވަނީ ކޮވިޑް-19އަށް މީހުންގެ ހޭލުންތެރިކަން އިތުރުކޮށް، މި ބަލިން އަރައިގަތުމަށް ބޭނުންވާ ރިލީފް މަސައްކަތަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައެވެ. އެގޮތުން ކްރިޕްޓޯކަރަންސީއިން ލިބޭ އާމްދަނީގެ ބައެއް، ހިލޭ އެހީދޭ ޖަމިއްޔާއައަކަށް ޚަރަދުކުރަން ހަމަޖެހިފައިވާކަމަށް ކެމްޕް ބުނެފައިވާކަމަށްވެއެވެ.

ކަންމިހެން އޮތް ނަމަވެސް މިއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.