އާ އަހަރުގެ ފެށުމާއެކުހެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އަސަރު، ބައިނަލްއަގުވާމީ ފެންވަރެއްގައި ފިލްމީ ސިނާއަތަށް ކުރަމުންދާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ.

ޗައިނާގެ އިތުރުން ދެކުނު ކޮރެޔާއާއި އިޓަލީވިލާތް އަދި ޖަޕާނަކީ ބައިނަލްއަގުވާމީ ފިލްމީ ސިނާއަތަށް ބަލާއިރު މުހިންމު މާކެޓްތަކަކަށްވާއިރު، މިމަންޒިލްތަކަކީ އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މަންޒިލްތައްވެސް މެއެވެ.

ބައިނަލްއަގުވާމީ ބޮކްސް އޮފީސް ރެކޯޑްތަކަށް ބަލާއިރު ޗައިނާއަކީ 2 ވަނައަށް އެންމެ ބޮޑު މާކެޓެވެ. ނަމަވެސް ކޮވިޑް-19އާއިއެކު ޗައިނާގެ ސިނަމާތައް އޮތީ ފަޅުވެފައެވެ. ނަތީޖާއަކަށްވެފައިވަނީ ހޮލީވުޑް ފިލްމުތަކަށް އެކަށީގެންވާ މާލީ ބަދަލެއް ނުލިބުމެވެ. ޗައިނާގައި އެގައުމުގެ އާ އަހަރު ފެށުމާ ދިމާކޮށް ބޮކްސް އޮފީސް ރެޓިންގް ރެކޯޑްކޮށްފައިވަނީ 4.2 މިލިއަން ޑޮލަރުގައެވެ. މިދިޔަ އަހަރުގެ މި ދުވަސްވަރު ޗައިނާގެ ބޮކްސް އޮފީސް ރޭޓިންގް ވަނީ 1.76 ބިލިއަން ޑޮލަރަށް އަރާފައެވެ.

ދެކުނު ކޮރެޔާއަކީ ބައިނަލްއަގުވާމީ ފިލްމީ ސިނާއަތުގެ 5 ވަނައަށް އެންމެ ބޮޑޫ މާކެޓެވެ. ނަމަވެސް ދެކުނު ކޮރެޔާއިންވެސް ފިލްމީ ސިނާއަތަށް ކުރި އިންވެސްޓްމަންޓް ވަނީ 80 ޕަސެންޓް ދަށަށް ގޮސްފައެވެ. އެގައުމުގައިވެސް ތިއޭޓަރުތަކާ ސިނަމާތައް ވަނީ ފަޅުވެފައެވެ. ބައެއް ފިލްމުތައް ރިލީޒް ކުރުން ވަނީ، މުއްދަތެއް ނެތް ގޮތަށް ފަސްވެސްކޮށްފައެވެ.

އިޓަލީވިލާތުގައިވެސް ކަން ހިނގަމުންދަނީ މިފަދަ ގޮތަކަށެވެ.

މަޝްހޫރު ބޮޑެތި ފްރެންޗައިޒްތަކުގެ ފިލްމުތައް އިރުމަތީ އޭޝިއާ މާކެޓްގައި ރިލީޒް ކުރުން ފަސްކޮށްފައިވާއިރު، ވިލާތުގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ ބައެއް ފިލްމުތަކުގެ ޝެޑިއުލަށްވެސް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ގާތުން އަވަށްޓެރި އިންޑިއާއަށް ބަލާއިރު ބޮލީވުޑް ތަރިންވެސް ދަނީ ކޮވިޑް-19އާއި ގުޅިގެން އެމީހުންގެ ޝެޑިއުލްތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން ދިޕިކާ ޕަދުކޯންވަނީ ޕެރިސް ފެޝަން ވީކްގައި ބައިވެރިނުވާން ނިންމާފައެވެ. ހަމަ މިފަދައިން، ތައިލޭންޑްގައި ކައިވެނި ހަފުލާ ބާއްވަން ރާވާފައިވާ ވަރުން ދާވަންއާއި ނަތާޝާ ދަލާލްގެ ކައިވެނި އެހެން މަންޒިލަކަށް ބަދަލުކުރާ ކަހަލަ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ. ކަންމިހެން އޮތްއިރު، ސަނީ ލިއޯން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ، އޭނާގެ ފޭނުންނާއެކު ސެލްފީ ނެގުންވެސް ހުއްޓާލާފައެވެ. މިފަހަކަށް އައިސް ސަނީ ލިއޯން މުޅިންވެސް ފެނިފައިވަނީ މާސްކު އަޅައިގެން ހުއްޓާއެވެ. މީގެ އިތުރުން ކެރަލާގާއި ކޮވިޑް-19އާއި ގުޅިގެން ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން، ފިލްމް 'ސިތާރާ'ގެ ޝޫޓިންގް ޝެޑިއުލަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައިކަން ފާހަގަކުރަންޖެހެއެވެ.

ކޮވިޑް-19 ފެތުރުން އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިފައި ނުވާއިރު، މި ރޯގާގެ ސަބަބުން ދުނިޔޭގެ ފިލްމީ ސިނާއަތަށް ފާހަގަކުރެވޭ ވަރުގެ ލޮޅުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.