އިންޑިއާގެ ރައްވެހިކަމުގެ ގާނޫނަށް އިސްލާހުގެ ނަމުގައި ގެނައި ބަދަލު (ސީއޭއޭ)އާއި ދެކޮޅަށް އެގައުމުގައި ސިލްސުލާ މުޒާހާރަތައް ކުރަމުންދާތާ އެތައް މަހެއް ވެއްޖެއެވެ. ސީއޭއޭ އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ. މި އިސްލާހަކީ މުސްލިމުންނަށް ނާއިންސާފު ގާނޫނެއް ކަމަށް ބުނާ އެތައް ބަޔަކު މިހާރުވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަތިއްބެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅާ ދިމާކޮށް، މިމުޒާހަރާތައް ވަރުގަދަ ކުރިތާ އަދި ވާނީ ދޮޅު ހަފުތާއެއްހާ ދުވަހެވެ. މުޒާހަރާތައް ވަރުގަދަ ކުރީ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ. އިސާހިތަކު ހިންދޫންގެ ޖަމާއަތްތަކާ ގޭންގުތަކުން މަގުތަކަށް ނިކުތެވެ. ސީއޭއޭއާއި ދެކޮޅަށް ކުރަމުންދިޔަ މުޒާހަރާތަކާ ދެކޮޅަށް ކަމަށް ބުނެ ނިކުތް ގޭންގުތަކުގެ އަމާޒަކަށްވީ މުސްލިމުންނެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދުގައި ހުޅުޖެހި މިސްކިތް/ފޮޓޯ: ދަ ވަޔާ| ވައިޓީއައި

މަރަމުންދިޔައީ މުސްލިމުންނެވެ. ހުޅުޖަހާ ރޯކުރަމުންދިޔައީ މުސްލިމުންނަށް ހާއްސަ މިސްކިތްތަކާ އުޅަނދުތަކުގައެވެ. ލޫޓުވަމުންދިޔައީ މުސްލިމުންގެ ފިހާރަތަކެވެ. ދިއްލީ މުޒާހަރާތަކަށް ހަފުތާއެއްހާ ދުވަސްވީއިރު މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ އެއް އަސްކަރީ އަދި ފުލުހުންގެ ފައުޖު އޮތް އިންޑިއާގައި، އާންމު ރައްޔިތުންގެ ހިންދޫ ގޭންގުތަކެއްގެ މައްޗަށް ބާރު ފޯރުވުނު އެއްވެސް މީހަކު ނެތެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

ފައިޒަންގެ މަރު

ގާނޫނަށް ގެނައި އިސްލާހަކާ މެދު ހިޔާލު ތަފާތުވި ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުންތައް ބަދަލުވީ ދީނީ ކޯޅުމަކަށެވެ. މި ކޯޅުންގަނޑުގައި މުސްލިމުންނަށް އަނިޔާ ދެމުންދިޔަ މީހުންގެ ތެރޭގައި އެމީހުންގެ ދިފާއުގައި ނިކުންނަން ތިބި ފުލުހުންވެސް ހިމެނެއެވެ. މިފަދަ އެކަކީ ފައިޒަންއެވެ. ފައިޒަންއާއި އެއް ލޭ ހިއްސާކުރާ އަޚު ނައީމު ގިސްލާ ރޮމުން މީޑިއާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ/ފޮޓޯ: ބީބީސީ

ނައީމު ކިޔައިދިން ގޮތުގައި ފުލުހުން ފައިޒަންގެ ގައިގައި ގަދައަށް ތަޅާ އަނިޔާކުރުމަށްފަހު، އިންޑިއާގެ ގައުމީ ސަލާމް ކިޔަން މަޖުބޫރުކުރިވިއެވެ. ނައީމުގެ ވާހަކަތައް ގަބޫލުކުރަންޖެހެނީ، ސޯޝަލް މީޑިއާގައި މިހާރުވެސް ވައިރަލްވަމުންދާ މަންޒަރުތަކުންނެވެ. ފައިޒަންއާއި އަދިވެސް އިތުރު ބަޔަކަށް ފުލުހުން އަނިޔާ ކުރާ މަންޒަރާ، އެމީހުން ލައްވާ ގައުމީ ސަލާމް ކިޔުއްވި މަންޒަރުތައް އެހުރީ ފެނާށެވެ. ބޭނުންވެގެން އުޅެނީ މިނިވަންކަން ނޫންތޯއާއި މިނިވަންކަން އެޔޮތީ ދީފައިކަމަށް ބުނެ ފުލުހުން މުސްލިމުންނަށް ފުރައްސާރަކުރާތީ އެ މަންޒަރުތަކުން ފެނެއެވެ. އޭރުވެސް ފައިޒަންއާއި އިތުރު މީހަކު އޮންނަނީ ބިންމައްޗަށް ވެއްޓިފައެވެ. އެކަން އެހެން ނުކުރުމަށް އެދި ބޮޑެތި ފިރިހެނުން ރޮއި އާދޭސް ކުރަމުންދެއެވެ. އެމީހުންނަކީވެސް އިންޑިއާގެ ރައްޔިތުން ކަމަށް ބުނަމުންދިޔައެވެ. ނަމަވެސް ފުލުހުންގެ ކަންފަތަށް އެ އަޑު ނީވުނުތާ ހިތަށް އަސަރެއްވެސް ނުކުރިއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ތެރެއިން ފައިޒަންއަށް އަނިޔާ ލިބިފައިވާ މަންޒަރު/ފޮޓޯ: ބީބީސީ

ނައީމު ބުނި ގޮތުގައި ފައިޒަންއަކީ ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ޒުވާނެކެވެ. ފުލުހުން އޭނާއަށް އަނިޔާ ދިނީ އަދުލުއިންސާފުން ބޭރުން ކަމަށް ނައީމު ބުނެއެވެ. ނުވިތާކަށް ޑޮކްޓަރުންގެ ފަރާތުންވެސް އެދެވޭ އެހީތެރިކަމެއް ނުލިބޭ ކަމުގެ ޝަކުވާތައް އޭނާ އުފުލީ މީޑިއާގައެވެ. ނައީމު ކިޔައިދިން ގޮތުގައި ފުލުހުންގެ ވަކިތަކުގެ ޝިކާރައެއްގައި ގޮތުގައި ފައިޒަން ވަނީ 2 ގަޑިއިރެއްހާއިރު ހޭދަކޮށްފައެވެ. އޭގެ ފަހުން އޭނާ މަގުމައްޗަށް ދޫކޮށްލުމަށްފަހު ފުލުހުން ދޔައީކަމަށާ، ސިއްހީ ފަރުވާއެއް ދެވޭވަރުވީ އޭގެ ފަހުން ކަމަށް ނައީމު ބުންޏެވެ. ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށާ، ހޮސްޕިޓަލަށް ގެންދިއުމަށްފަހު އަނެއްކާވެސް ފައިޒަން ގެންދިޔައީ ފުލުހުންގެ އިދާރާއަށް ކަމަށް ނައީމު ބުންޏެވެ. އޭރުވެސް އާއިލާއާއި ބައްދަލު ނުވާކަން އޭނާ ފާހަގަކުރިއެވެ.

ފުލުހުންގެ ކިބައިން ފައިޒަންއަށް ފުރިހަމައަށް މިނިވަންވެވުނީ އެރޭގެ ވަގުތެއްގައި ކަމަށާ، ގެޔަށް ގެނައިއިރު ފައިޒަންގެ ހާލު ވަރަށް ދެރަކަމަށް ނައީމު ބުންޏެވެ. އަނެއް ދުވަހަށް އަލިވިލުނުއިރު ހާލު ވަކިން ގޯސްވެއްޖެކަމަށް ނައީމު ބުންޏެވެ. އެހެންކަމުން އާއިލާއިން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. މި ދުނިޔެއަށް ފައިޒަން އެންމެ ފަހު ނޭވާ ދޫކޮށްލީ އެދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވެ މަރުވި ފައިޒަންގެ އަޚެއް ކަމަށްވާ ނައީމު (ވ) އެ ވާހަކަތައް މިޑިއާއަށް ކިޔައިދެނީ/ފޮޓޯ: ބީބީސީ

ރަފީގަށް ވީ ކިހިނެއް؟

ފައިޒަންއަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއިން އިތުރު ޒުވާނަކު ވަނީ ދެނެގަނެވިފައެވެއް. އެއީ ރަފީގްއެވެ. އެއީވެސް ސީރިއަސް ޒަހަމްތަކެއް ލިބުނު ރައްޔިތެކެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ތެރެއިން ރަފީގު (މ)އަށް އަނިޔާ ލިބިފައިވާ މަންޒަރު/ފޮޓޯ: ބީބީސީ

ފުލުހުންގެ އަނިޔާތަކާއެކު މިއަދު ހިރިވެސް ނުލެވޭ ހާލުގައި، ބަލި އެނދުގައި އޮތް ރަފީގު ވަނީ ވީޑިއޯއިން ފެނުނު މަންޒަރުތައް އޭނާގެ ދުލުން ކިޔައިދީފައެވެ. ފުލުހުން ކުރި ހުރިހާ ކަމެއްގެ ވާހަކަ ކިޔައިދެމުންދިޔައިރު އެ އަޑުގައި ވޭން ހުއްޓެވެ. އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ތަދުތައް ކޮންމެވެސް ވަރަކަށް ދޭހަވަމުންދިޔައެވެ.

ރަފީގުވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ބޮޑެތި ޒަހަމްތައްވެސް މީޑިއާއަށް ދައްކާލާފައެވެ. ނަމަވެސް މިއިން އެއްވެސް ޒަހަމަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާކަށް އޭނާގެ ނަފުސު ތަނެއް ނުދެއެވެ. ރަފީގު މިއަދު އޮތީ ގެއިން ބޭރަށް ނިކުންނަން ބިރުންނެވެ. މަސްރަހު ގޯސްކަން އޭނާ އަދިވެސް ގަބުލުކުރެއެވެ. އޭނާއަށް އަމިއްލަ ވަޒަނުގައި ރައްކާތެރި ކަމެއް ނެތް ކަމަށް ރަފީގު ބުނަމުންދިޔައެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ތެރެއިން ފުލުހުންގެ ޝިކާރައަކަށްވި ރަފީގު، ބަލި އެނދުގައި/ފޮޓޯ: ބީބީސީ

ފުލުހުންގެ ޝިކާރައަކަށް ރަފީގު ހަދާލީ ދިއްލީގެ މަސްރަހު ގޯސްވާން ފެށުމުން، މަންމަ ކޮބައިތޯ ބެލުމަށް ގެއިން ބޭރަށް ނިކުތް ވަގުތު ކަމަށް އޭނާ ބުންޏެވެ. ފުލުހުންގެ އަތްދަށުވީ މަގުމަތީގައި ތިބި މީހުން ފަހަމުން ފުލުހުން އައި ވަގުތު ވެއްޓުމުގެ ސަބަބުން ކަމަށްވެސް ރަފީގު ބުންޏެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާގެ ޝިކާރައަކަށްވި ރަފީގު، ބައެއް ޒަހަމްތައް ދައްކާލަނީ/ފޮޓޯ: ބީބީސީ

ލާއިންސާނީ ތުހުމަތުތަކާ ގުޅިގެން ދިއްލީ ފުލުހުންނާ ބައިނަލްއަގުވާމީ މީޑިއާއިން ސުވާލު ކުރުމުން އެކަމަށް އެއްވެސް ކަހަލަ އިޖާބައެއް ދީފައެއް ނުވެއެވެ.