ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށް ވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު ވިދާޅުވީ އެކި މަރުހަލާގައި ހިންގާފައި ވާކަމަށާއި އެއީ ސަރުކާރުގެ ދުވެލި ހާމަކޮށް ދޭ މިސާލެއް ކަމަށެވެ

އަދި އެއީ ރެކޯޑެއް ކަމަށާއި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން އެގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށްވެސް ހޫދު ވަނީ ވިދާލުވެފައެވެ

ހޫދު މިހެން ވިދާޅުވެފައި ވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 500 އަށް ވުރެ ގިނަ މަޝްރޫއު ހިންގަމުން އަންކަމަށް ރައީސް އޮފީހުން އާއްމުކުރި ތަފާސް ހިސާބުތަތަކުން އެނގިފައި ވަނީ މިދިޔަ އާދިއްތަ ދުވަހެވެ.

ރައީސް އޮފީހުން އާއްމުކޮށްފައި ވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އެކި މަރުހަލާތަކުގައި ވާ 547 މަޝްރޫއުއެއް އެބައޮތެވެ. އެގޮތުން މަސައްކަތް ނިމިފައިވާ 49 މަޝްރޫއުއާއު ހުއްޓިފައިވާ ހަ މަޝްރޫއުއެއް އެބައޮތެވެ. މަސައްކަތް ހުއްޓިފައިވާ ސަބަބެއް ހާމައެއް ނުކުރެއެވެ. މިހާރުވެސް 152 މަޝްރޫއެއް ހިނގަމުން ދާއިރު ޑިޒައިން ނިމިފައިވާ ހަ މަޝްރޫއެއްވާ ކަމަށް ރައީސް އޮފީހުގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. މީގެއިތުރުން ޑިޒައިން ކޮންސަލްޓަލްސީ މަރުހަލާގައި 44 މަޝްރޫއުއެއް އޮތްއިރު އީއައިއޭ މަރުހަލާގައި 73 މަޝްރޫއުއެއް އެބައޮތެވެ. ހަމައެއާއެކުގައި މިހާރުވެސް 49 މަޝްރޫއެއްގެ ސާވޭ ކުރިޔަށްދާ ކަމަށްވެސް ރައީސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.