ޖުމްހޫރީ ޕާޓީ (ޖޭޕީ) ހަރަކާތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. މިއަދު ހަވީރު ކުނޫޒުގައި ބޭއްވި އެޕާޓީގެ 141 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ ކާނިވަލްގައި ބާއްވާ ޖަލްސާ މިމަހުގެ 13 ވާ ހުކުރުދުވަހުގެ ބޭއްވުމަށެވެ.

ރާއްޖޭގައި 3 ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީގެ ގޮތުގައި އޮތް ޖޭޕީގެ އެ ޖަލްސާގެ އެޖެންޑާއަކީ ކޮބައިކަން އަދި ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް ޖޭޕީގެ އިސް މެންބަރަކު ވިދަޅުވީ އެ ޖަލްސާއަކީ "ސައިޒް" ދައްކާލާ ޖަލްސާއަކަށް ވެގެންދާނެ ކަމަށެވެ. އަދި އަންނަ އޭޕްރީލް މަހު ކައުންސިލް އިންތިހާބު އޮތުމާއެކު އެރޭގެ ޖަލްސާގައި ހާއްސަ ކަންތައްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ މޭސްތިރިކަމުގައި ހިންގަމުންދާ ޖޭޕީއަކީ، ސަރުކާރު ކޯލިޝަން ޕާޓުނަރެކެވެ. ނިމިދިޔަ ރައީސް ޔާމީނުގެ ސަރުކާރުގައިވެސް ކޯލިޝަން ބައިވެރިއެއްގެ ގޮތުގައި ޖޭޕީ އޮތެވެ. އަދި ސަރުކާރުގައި ޖޭޕީ ތަމްސީލު ކުރާ މިނިސްޓަރުންނާއި ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުން އެބަތިއްބެވިއެވެ.

ދާދި ފަހުން ލީކުވި އޯޑިއޯ ތަކުގައި ހިމެނޭ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއަކީ ޖޭޕީގެ ސްލޮޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނޭ ދެ ބޭފުޅުންނެވެ. އަލީ ވަހީދަކީ ޖޭޕީގެ ރައީސްއެވެ. ނަހުލާއަކީ، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނެވެ.

ލީކުވި އޯޑިއާ ގުޅިގެން ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައި ވާއިރު، މިއަދު ހަވީރު ބޭއްވި ކައުންސިލް ބައްދަލުވުމަށް އަލީ ވަހީދު ހާޒިރުވެވަޑައެއް ނުގަންނަވައެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނަހުލާ ބައިވެރިވެވަޑައިގަތެވެ.