ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ހަލުވިކަމާއެކު ފެތުރެމުންދާ އީރާނުގައި ތާށިވެފައިވާ އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް، އީރާނުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިކަން ހާމަކުރައްވާފައި މި ވަނީ، ކޮވިޑް-19އާއި ގުޅިގެން އީރާނުގައި ތާށިވެފައިވާ އިންޑިއާގެ ރައްޔިތުންނާ މެދު ސަރުކާރުން އަމަލު ކުރަމުންދާ ގޮތެއް ސާފު ކުރުމަށް ކެރެލާ ސްޓޭޓްގެ ޗީފް މިނިސްޓަރު ޕިނަރާޔީ ވިޖޭޔަންއާއި އިދިކޮޅު ކޮންގްރެސް ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ޝަޝި ތަރޫރު ބޮޑެތި ސުވާލުތަކެއް ފެންމަތިކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގައި ތިބި އިންޑިއާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ސްކްރީން ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މިކަމާބެހޭ އެންމެ ފަހުގެ ތަފްސީލުތައް ފޯރުކޮށްދިނުމަށް، އީރާނަށް އިންޑިއާއިން ކަނޑައަޅާފައިވާ ހުންނަވާ މަންދޫބު ގައްދާމު ދަރުމެންދްރާއާއި ހަވާލުކުރައްވާފައިވާކަމަށްވެސް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

ކިޔަވާ ކުދިންގެ އިތުރުން އިންޑިއާގެ މަސްވެރިންތަކެއްވެސް އީރާނުގައި މިވަގުތު ތާށިވެފައިވާކަމަށް ޚަބަރު ލިބެއެވެ.

އީރާނުގައިވެސް ކޮވިޑް-19 ފެތުރެމުންދާކަން އެގައުމުން ކަށަވަރުކޮށްދިނީ މީގެ ދޮޅު ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އޭގެ ފަހުން މިހާތަނަށް 900 އަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެ، 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އީރާނުގެ ރަސްމީ ރެކޯޑްތަކުން ދައްކައެވެ.