އިނގިރޭސި ޝާހީ އާއިލާގެ އިސް މަގާމުތަކާ ލަގަބުތައް ދޫކޮށްލާފައިވާ ޕްރިންސް ހެރީއާއި ޝާހީ ކޮއިލުން މަތިކޮށްފައިވާ ފަހު ޒިންމާތަކުގެ ތެރެއިން، މަޝްހޫރު ލަވަކިއުންތެރިޔާ ބޮން ޖޯވީއާއި އަސްކަރިއްޔާއަށް ކުރިން ހިދުމަތް ކުރި މެމްބަރުންގެ ކޮއާ ގުރޫޕަކާ ބައްދަލުކޮށްފިއެވެ.

އެބީ ރޯޑް ރެކޯޑިންގް ސްޓޫޑިއޯގައި ކުރިއަށްދިޔަ މި ބައްދަލުވުމަށްފަހު ހެރީ ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ މަޝްހޫރު މިއުޒިކް ބޭންޑް، 'ބީޓްލްސް'ގެ މިއުޒިކް އަލްބަމް ކަވަރުތަކުގެ ތެރެއިން އެންމެ މަޝްހޫރުވި ކަވަރު ނުވަތަ ކަފިހި ހުރަހެއްގެ މަތިން ބޭންޑުގެ މެމްބަރުން ހިންގާފައިދާ މަންޒަރު ފެންނަ ކަވާ ފޮޓޯގެ ރީމޭކެއް ހަދާފައެވެ.

އިނގިރޭސިވިލާތުގެ އަމީރު ހެރީ (ކ2)، މަޝްހޫރު މިއުޒީޝަން ބޮން ޖޯވީއާއިއެކު އެބީ ރޯޑް ސްޓޫޑިއޯގައި/ފޮޓޯ: ސޯޝަލް މީޑިއާ

1969 ވަނަ އަހަރުގެ އަލްބަމް 'އެބީ ރޯޑް' ރިލީޒް ކުރި ފަހުން އެތައް ބަޔަކު ވަނީ މި ކަވަރުގެ ރީމޭކް ފޮޓޯތައް ހަދާފައެވެ. ޕްރިންސް ހެރީއާއިއެކު މި ފޮޓޯގެ ރީމޭކްގައި ބޮން ޖޯވީގެ އިތުރުން އަސްކަރިއްޔާއަށް ހިދުމަތްކުރި އޮފިސަރުންވެސް ބައިވެރިވިއެވެ.

https://www.instagram.com/p/B9G85ybJzbG/?utm_source=ig_embed

އަސްކަރީ ހިދުމަތުގެ ތެރޭގައި ޖިސްމާނީ ނުކުޅެދުންތެރިންކަމާ ކުރިމަތިލާންޖެހިފައި ތިބި މެމްބަރުން ބައިވެރިވެގެން އެކުލަވާލަފައިވާ ކޮއާ ގުރޫޕާއެކު ހެރީ ވަނީ ލަވައެއްވެސް ރެކޯޑްކޮށްފައެވެ. މި ލަވަ ތައްޔާރުކޮށްފައިވަނީ ބޮން ޖޯވީއެވެ. މި ލަވަ ރެކޯޑް ކުރުމުގެ ތެރެއިން ބައެއް މަންޒަރުތައް، ހެރީ ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.