ހަނގުރާމަ ގަދަވެފައިވާ ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބު ޕްރޮވިންސް ހިމެނޭ ސަރަހައްދުގައި އަމިއްލަ ގެދޮރު ދޫކޮށް، ރެފިއުޖީންނަށް ވަމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވަމުން އަންނަ ކަމަށް ސޫރިޔާގައި ހާލުގައިޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ، ޖަމާއަތްތަކުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހަނގުރާމަ މަތީ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެހާ ތަނުން ފެށިގެން އަދާ ހިސާބަށް އާދެވުނުއިރު 950000 އެއްހާ މީހުން ރެފިއުޖީންނަށް ވެފައިވާކަމަށް އދގެ ރެކޯޑްތަކުން ދައްކައެވެ.

ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބު ޕްރޮވިންސްގައި އަޅާފައިވާ ވަގުތީ ހިޔާތަކެއް.ފޮޓޯ: ރޮއިޓާޒް

އިދްލީބު ޕްރޮވިންސްއަކީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް ހަމައެކަނި ސަރަހައްދަށްވާއިރު، އެ ސަރަހައްދުގައި ހަނގުރާމަގަނޑު ގަދަވެފައިވަނީ ރައީސް ބައްޝާރު އަލް-އަސަދުގެ ކޮންޓްރޯލްގެ ދަށަށް އިދްލީބު ޕްރޮވިންސް ހިމެނޭ ސަރަހައްދު ގެންދިއުމަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެންނެވެ.

ހަނގުރާމަ ގަދަވެފައިވާ ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރެއިން 81 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނާ ކުޑަކުދިންނެވެ.

ސޫރިޔާގައި ހާލުގައިޖެހިފައިވާ ކުޑަކުދިންތަކެއް އަލިފާންގަނޑެއް ޖަހައިގެން ފިނިން ފިނިން ރައްކާތެރިވާން މަސައްކަތްކުރަނީ/ފޮޓޯ: އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ

އިންސާނީ އެހީއާއި ބެހޭ އދގެ އިދާރާ (އޯޗާ)ގެ އިސްވެރިޔާ މާކް ލޯވްކޮކް ވިދާޅުވީ، ސޫރިޔާގައި މިހާރު އުފެދިފައިވާ އިންސާނީ ކާރިސާއަކީ 21 ވަނަ ގަރުނުގައި ދުނިޔެދުށް އެންމެ ނާމާން އިންސާނީ ކާރިސާކަމަށެވެ. ލޯވްކޮކް ވަނީ ވަނީ ސޫރިޔާގައި ބަދަލު ކުރަމުންދާ ހަމަލާތައްވެސް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގެ ފިނިހޫނުމިން ބައެއް ގަޑިތަކުގައި ސުން ޑިގްރީއަށްވުރެވެސް ދަށަށްދާއިރު، މިވަގުތު އެންމެ ހާއްސަ ސަމާލުކަމެއް ދީގެން އެހީދޭ ޖަމިއްޔާތަކުން މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ބޯހިޔަވަހިކަން ފޯރުކޮށްދެވޭތޯއެވެ.

އެހީދޭ ބައެއް ޖަމާއަތްތަކުން ބުނާ ގޮތުގައި އިދްލީބުގެ ބައެއް ގެތަކަށް ބަލާއިރު ކޮޓަރިއެއްގައި 50 މީހުން ދިރިއުޅެމުންދާ ތަންތަންވެސް އެބަހުއްޓެވެ. ޓެންޓުތަކަށް ބަލާއިރު ޓެންޓެއްގައި 4 ވަރަކަށް އާއިލާއިން ހިޔާވަހިކަން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެހީދޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ސޫރިޔާގެ ހުޅަނގު އުތުރު އިދްލީބު ޕްރޮވިންސްގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިދިޔަ މަހު މަރާލާފައިވާ އިންސާނީ އެހީދޭ މެމްބަރުންތަކެއް/ފޮޓޯ: އަލްޖަޒީރާ

ބޯހިޔާވަހިކަމުގެ އިތުރުން ކަރަންޓާ، ފެނާ ނަރުދަމާގެ ހިދުމަތްވެސް ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި އެކަށީގެންވާ ފެންވަރެއްގައި ފޯރުކޮށްދެވެމުން ނުދާކަން، އެހީދޭ ފަރާތްތަކުން ފާހަގަކުރެއެވެ. އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި އިދްލީބަށް ސަމާލުކަން ދެވެމުން ނުދާތީ އެކަމާ ހައިރާންވާކަމަށްވެސް ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެކި ފަރާތްތަކުން ސޫރިޔާއަށް ފޯރުކޮށްދީފައިވާ އެހީ ޖަމާކޮށް ރައްކާކޮށްފައިވާ ގުދަނެއް/ފޮޓޯ: އަލްޖަޒީރާ

މިހާރުން މިހާރަށް އިންސާނީ އެހީ ބޭނުންވާ 1.2 މިލިއަނެއްހާ މީހުން ތިބިއިރު، ކުރިއަށް އޮތް 6 މަސްދުވަހަށް ބޭނުންވާ ޒަރޫރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް 500 މިލިއަން ޑޮލަރުގެ ފަންޑެއް ބޭނުންވާ ކަމަށާ، އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އދއިންވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.