އަފްގާނިސްތާނުގެ މައި ސަރުކާރާ މަދަނީ މުޖުތަމައާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދަން ފެށުމުގެ ޝަރުތެއްގެ ގޮތުގައި، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ކޮށްފައިވާ ޑިމާންޑްއައި އެއްގޮތަށް، 5000 ގައިދީން މިނިވަން ކުރުމަށް، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ދެކޮޅު ހައްދަވައިފިއެވެ.

ތޯލިބާނުންގެ މި ޑިމާންޑްއަކީ، 18 އަހަރުވީ ހަނގުރާމައެއް އަފްގާނިސްތާނުގައި ކުރަމުން އަންނަ އެމެރިކާގެ ކަމާބެހޭ ފަރާތްތަކާ ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު މިދިޔަ މަހު އެކުލަވާލި ސުލްހައިގެ އެއްބަސްވުމުގައި ފާހަގަކޮށްފައިވާ ޑިމާންޑްއެކެވެ.

ހުޅަނގުގެ ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި ޣަނީ މިފަދަ ނިންމެވުމެއް ނިންމަވާފައިވާ މި ދަނޑިވަޅަކީ އަފްގާނިސްތާނުގެ ތެރޭގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ ތޯލިބާނު ހަނގުރާމަވެރިންނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތޯލިބާނުން އެއްބަސް ކުރުވުމުގައި އެމެރިކާގެ އޮފިޝަލުންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައިވާ ދަނޑިވަޅެކެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ސިލްސިލާ މަޝްވަރާތަކަށް ފަހު ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހު އެކުލަވާލި އެއްބަސްވުން ބުނާ ގޮތުގައި، ކަމާބެހޭ ފަރާތްތަކުގެ ކިބައިން ނަގަންޖެހޭ ހުރިހާ ހުއްދަތަކެއް ފުރިހަމަކުރުމަށްފަހު، ސިޔާސީ ގައިދީން މިނިވަން ކުރުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އެއްބާރުލުން ދޭންޖެހެއެވެ. މިއީ އިތުބާރު ހިފެހެއްޓުމަށް ހިތްވަރު ދެނިވި ފިޔަވަޅެއްކަންވެސް އެ އެއްބަސްވުމުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އަފްގާނިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައިވާ ތޯލިބާން ހަނގުރާމަވެރިންގެ ތެރެއިން 5000 މީހަކު މިނިވަން ކުރުމަށާ، އޭގެ ބަދަލުގައި، ތޯލިބާނުން ހިފަހައްޓާފައިވާ އަފްގާނިސްތާނު ސަރުކާރުގެ 1000 އެއްހާ މެމްބަރުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން މިނިވަން ކުރުމަށް އެއްބަސްވުމުގައި ބާރު ދީފައިވެއެވެ.

ކަންމިހެން އޮތް ނަމަވެސް، މިއީ ކުރެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވެ އަފްގާނިސްތާނުގެ ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމުމެއްގެ ބާރެއް އެމެރިކާއަށް ލިބިގެން ނުވާ ކަމަށާ، އެމެރިކާއަކީ ސުލްހައިގެ މަޝްވަރާތަކަށް މަގުފަހިކޮށްދޭ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ކަމަށެވެ.

އެމެރިކާއިން އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމައަށް ނިމުން ގެނައުމަށް މަގު ތަނަވަސްކުރާ އެއްބަސްވުމުގައި، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯގެ ހާޒިރުގައި އެމެރިކާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހާއްސަ މަންދޫބު ޒަލްމޭ ޚަލީލުޒާދުއެވެ. ތޯލިބާނުންގެ ފަރާތުން ސޮއިކުރީ އެޖަމާއަތުގެ ސިޔާސީ ކަންކަމާ ބެހޭ އިސްވެރިޔާ މުއްލާ ޢަބްދު ޣަނީ ބަރާދަރުއެވެ.