ދުނިޔޭގައި ނަން ހިނގާ، މަޝްހޫރު ބްރޭންޑްތަކަށް ބޭނުންވާ އެކި ކަހަލަ ސާމާނު ސަޕްލައިކުރުމަށް ޗައިނާގައި ހިންގާ ކާރުޚާނާތަކުގައި 'އަޅު މަސައްކަތް' ކުރުމުގައި ހަރަކާތްތެރިވަނީ ޗައިނާގެ މައި ސަރުކާރުން ލާއިންސާނީ އަނިޔާ ދެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުން ކަމަށާ، މިފަދަ އެތައް ހާސް މުސްލިމުންނެއް އެ ކާރުޚާނާތަކުގައި މަސައްކަތް ކުރަމުންދަނީ ބިރު ދައްކައިގެން މަޖުބޫރީ ހާލަތުގައި ކަމަށް ދާދި ފަހުން އާންމު ކުރި ރިޕޯޓެއް ބުނެފިއެވެ.
ދިރާސާ ރިޕޯޓް އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވާ ދި އޮސްޓްރޭލިއަން ސްޓްރެޓީޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި)އިން ބުނީ، މިއީ ވީގޫރު ދަރިކޮޅުގެ މުސްލިމުންނަށް ކަންކަން އުނގަންނައިދިނުމުގެ ނަމުގައި ޗައިނާއިން ހިންގާ މަޝްރޫއުގެ 2 ވަނަ މަރުހަލާ ކަމަށެވެ.
ޗައިނާއިން މިހާރުވެސް ވަނީ މުޖުތަމަށް އަހުލުވެރިކޮށް ވޮކޭޝަނަލް ތަމްރީނު ދިނުމުގެ ނަމުގައި މިލިއަނެއްހާ ވީގޫރު މުސްލިމުން ކޭމްޕުތަކެއްގައި ބަންދުކޮށްފައެވެ. މިއީ ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް ޗައިނާގެ މައި ސަރުކާރުން ހިންގާ ކޭމްޕުތަކެއް ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވާއިރު، އެ ސަރަހައްދުން ލިބޭ މަދު މައުލޫމާތުން ހެކިދެނީ ލާއިންސާނީ އަނިޔާއާއި ޖަރީމާގެ ހާއްޔަކަށް އެ ސަރަހައްދު ވެފައިވާކަމެވެ.
ދާދިފަހުން މީޑިއާއާއި ވާހަކަދެއްކި ޗައިނާގެ އޮފިޝަލަކު ވަނީ، ކޭމްޕިތަކުގައި ތިބި ގިނަ އަދަދެއްގެ ބަޔަކު މިހާރު 'ދަސްވެނި'ވެފައިވާކަމަށް ބުނެފައެވެ. އެހެންކަމުން، ކާރުޚާނާތަކުގައި އަޅު-މަސައްކަތު އެ މުސްލިމުން ގެންގުޅޭ ކަމަށް ބުނެ އާންމުކޮށްފައިވާ ދިރާސާގެ ވާހަކަތަކަށް ބާރު ލިބެއެވެ.
އޭއެސްޕީއައިއިން ބުނީ 2017 ވަނަ އަހަރުން ފެށިގެން ޗައިނާގެ ޝީންޖިއާންގް ސަރަހައްދުން އައި ވީގޫރު ލޭބަރުންލައްވާ، ޗައިނާގެ 9 ޕްރޮވިންސްއެއްގެ 27 ކާރުޚާނާއެއްގައި މަސައްކަތް ކުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. މި ކާރުޚާނާތަކަކީ ދުނިޔޭގައި ނަން ހިނގާ 83 ބްރޭންޑެއްގެ ސަޕްލަޔަރުން ކަމަށް ބުނާއިރު، އެ ކުންފުނިތަކުގެ ތެރޭގައި، ނައިކީ، އެޕަލް އަދި ޑެލް ހިމެނެއެވެ.
އޭއެސްޕީއައިގެ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި މި ކާރުޚާނާތަކުގައި މަސައްކަތްކުރާ ވީގޫރު މުސްލިމުން ނިދުމަށްވެސް ވަކި ހާއްސަ ތަނެއް ކަނޑައަޅާފައިވާއިރު، އެމީހުންނަށް ޗައިނާގެ 'ފިކުރު' ޕްރޮމޯޓްކުރާ ފިލާވަޅުތަކެއްވެސް ނަގާދެއެވެ. ޗައިނާގެ ފިކުރަށް ސިކުނޑި ދޮވެލުމުގެ މަސައްކަތް ކުރިއަށްދަނީ އަޅު-މަސައްކަތުގެ ވަގުތުން ބޭރުގައި ދެން އޮންނަ ވަގުތުތަކުގައެވެ. ހުރިހާ ވަގުތެއްގައިވެސް ވީގޫރު މުސްލިމުންގެ ހަރަކާތްތައް ވީޑިއޯ މެދުވެރިކޮށް ވިލަރެސްކުރަމުންދާއިރު، ދީނީ އަޅުކަންތަކާ ވާޖިބުތައް އަދާކުރުންވެސް އެމީހުންނަށް މަނާކޮށްފައި އޮންނަ ކަމަށް އޭއެސްޕީއައިގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މިކަންކަން ހިނގަނީ ބޮޑެތި ބްރޭންޑްތަކަށް ނޭނގި ކަމަށް ވުން އެކަށީގެންވާކަމަށާ، އެހެންކަމުން އެ ފަދަ ކުންފުނިތަކުގެ ކަރުޚާނާތަކުގައި ލާއިންސާނީ ޖަރީމާ ހިންގަމުން ނުދާކަން ކަށަވަރު ކުރުމަށް ކުންފުނިތަކާ ކާރުޚާނާތަކަށް ގޮވާލާކަމަށްވެސް އޭއެސްޕީއައިގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓާ ގުޅިގެން ނައިކީއިން ބުނީ އެ ކުންފުންޏަކީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކަށް ކިޔަމަންވާ ކުންފުންޏެއް ކަމަށާ، އެއްވެސް ހާލެއްގައި މަސައްކަތްތެރިންލައްވާ މަޖުބޫރުން މަސައްކަތް ކުރުވުމާ، ބޮންޑް އުސޫލުން މަސައްކަތް ކުރުވުމާ، ގައިދީންގެ އުސޫލުން މަސައްކަތް ކުރުވުމަކީ ސަޕްލަޔަރުންނަށްވެސް މަނާކޮށްފައި އޮންނަ ކަމެއް ކަމަށެވެ. އެޕަލް އިން ބުނީ އެ ކުންފުންޏަކީ ކޮންމެ މުވައްޒަފެއްގެ އަބުރާ އިއްޒަތަށް ހުރުމަތަށް އިހުތިރާމް ކުރާ ކުންފުންޏެއް ކަމަށާ، ސަޕްލަޔަރުންގެ މެދުގައިވެސް އެކަން އޮތީ އެހެން ކަމަށް ކަށަވަރު ކުރާ ކުންފުންޏެއް ކަމަށެވެ. ކަންމިހެން އޮތްއިރު، ޑެލްއިންވަނީ މިކަންކަން އިތުރަށް ބަލާނެ ކަމަށް ބުނެފައެވެ.