ރޭ ކާނިވަލްގައި ޕީޕީއެމުން ބޭއްވި ޖަލްސާއަށް ދުނިޔެއިން ބޭރުން މީހުން ނުގެނައިކަމަކީ ނަސީބެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައި ވަނީ، ރޭ ޕީޕީއެމުން ކާނިވަލްގައި ބޭއްވި ޖަލްސާގައި މުޅި ކާނިވާ ސަރަހައްދު ޕީޕީއެމް ސަޕޯޓަރުން ފުރާލި ޖަލްސާޢަށް ރާއްޖޭން ބޭރުގައި ތިބި ބައެއް މީހުންވެސް އައިކަން ހާމަވުމުންނެވެ. އެ ޖަލްސާ ނިންމާލުމަށްފަހު އަވަށްޓެރި ގައުމުތަކުން އެ ޖަލްސާއަށް އައިސްފައި ތިބި މީހުންގެ ފުރުން އެރޭ 11:30 ގައި ހަމަޖެހިފައިވާ ކަމަށް ބުނެފައި ވެއެވެ.

ނިިމިިދޔަ ރިޔާސީ އިންތިހާބުންނާއި މަޖިލިސް އިންތިހާބުން ރައްޔިތުން ތާއީދު ހުރި ގޮތް ފެނިވަޑައިގެންފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ރައްޔިތުން ތިބޭ ގޮތް އެނގިގެން ދާނެ ކަމަށާއި ރައްޔިތުންގެ ތާއީދު އޮތް ގޮތް ނިންމާނީ އޭޕްރީލް 4 ވަނަ ދުވަހު ކަމަށް މަހްލޫފް ވިދާޅުވިއެވެ.

"އޭޕްރިލް 4 ގައި ރައްޔިތުން ތިބޭ ގޮތް ވެސް ބަލަމާތޯ. ބޮޑުތޯ ކުޑަތޯ ރައްޔިތުން އެދުވަހުން ނިންމާނީ"
އަހުމަދު މަހްލޫފް

މި މަހުގެ 26 ވަނަ ދުވަހު ޕީޕީއެމްގެ ޖަލްސާއަށް މުޅި ކާނިވާ ފުރާލާފައިވާ އިރު މި މަހުގެ 20 ވަނަ ދުވަހު އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެ ސަރަހައްދު ފަޅުކޮށް އޮތް ކަމަކީ ގިނަ ބައެއްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒުވެގެން ދިޔަ ކަމެކެވެ.

މީގެ ކުރިން މަޖިލިސް އިންތިހާބުގެ ކެމްޕޭނާއި ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ބާއްވާ ޖަލްސާތަކުގައި މުޅި ކާނިވާ ފުރެއެވެ. އެހެންކަމުން މި ފަހަރު އެމްޑީޕީއަށް އޮތް ސަޕޯޓު ފަނޑުވެގެން ގޮސްފައިވާ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ.