އިގްތިސޯދީ ގޮތުން ކުރިއަށް ދިއުމުގައި ރާއްޖެ އޮތީ ޓޫރިޒަމަށް ބަރޯސާވެފައި ކަމަށާއި މިހާރު ދުނިޔެއަށް ދިމާވެފައިވާ ހާލަތުން އިގްތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ކެޕިޓަލް ޓްރެވަލްސް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު ވިދާޅުވެއްޖެއެވެ.

ރިއްފަތު މިހެން ވިދާޅުވީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ފެންމަތިވަމުން އައި ކޮރޯނާ ވައިރަސްއާ ގުޅިގެން ދުނިޔެއަށް ކުރަމުން އަންނަ ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ވާހަކަ ދައްކަަވަމުންނެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ރިއްފަތު ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ބަލާނަމަ ރާއްޖެއަކީ ކުޑަ އަދި ފަގީރު ގައުމެއް ކަމަށެވެ. މުޅި ގައުމު އެންމެ ބޮޑަށް ބަރޯސާވެފައި އޮންނަނީ ޓޫރިޒަމް ދާއިރާއަށް ކަމަށާއި ދުނިޔެ މިހާރު އެލާޓްވަމުން އަންނަ ހާލަތަށް ބަލާފައި ރާއްޖެއަށް ކުރާނެ ނޭދެވޭ އަސަރާ މެދު ފުންކޮށް ވިސްނާލުމަކީ މި ގައުމުގެ ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށް ރިއްފަތު ވިދާޅުވިއެވެ.

"ދުނިޔޭގެ އިކޮނޮމީއަށް ވަަރަށް ބޮޑެތި ބަދަލުތައް އަންނާނެ، ކުރިއަށް އޮތްތަނުގައި ގާތްގަނޑަކަށް 6 މަސް ދުވަސްތެރޭގައި އެކަމުގެ އިފެކްޓް ވަރަށް ބޮޑުތަނުން ކުރާނެ. މުޅި ގައުމު ބިނާވެފައި މިއޮތީ ޓޫރިޒަމް އިންޑަސްޓްރީއަށް. މަސްވެރިކަންވެސް މަދުވެފައި މިވަނީ ގޭ ކުރިމަތީ އޮންނަ ހުސް ބިމުގައި ގެސްޓްހައުސެއް އަޅައިގެން ޓުއަރިޒަމް ދާއިރާއަށް މުޅި ގައުމު މި ވަނީ ޑިޕެންޑް ވެފަ"
ޔޫސުފް ރިއްފަތު

މިހާރު އަދި ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ފަރާތެއް ފެނިފައި ނުވި ނަމަވެސް ކުރިއަށް އޮތްތަނުގައި އެފަދަ ކޭސްއެއް ފެނިއްޖެ ނަމަ ވެދާނެ ގޮތް ރިއްފަތު ހިއްސާ ކުރެއްވިއެވެ. އެގޮތުން މިހާރު މި ހާލަތުގައިވެސް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަދަލު އައިސް ވަރަށް ބޮޑުތަނުން ފަތުރުވެރިކަން ދަށަށް ދާނެ ކަމަށާއި އެކަމުން "އިގްތިސޯދު ފުނޑިގެންދާނެ" ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ޗައިނާ އަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެބޮޑު އެއް މާކެޓަށް ވީއިރު މިހާރު ޗައިނާ ފަތުވެރިން އައުން ވަނީ އެއްކޮށް ހުއްޓިފައި ކަން ރިއްފަތު ފާހަގަ ކުރެއްވިއެވެ. އަދި އެހެނިހެން ގައުމުތަކުން މިހާރު އަންނަ ފަތުރުވެރިންގެ ނިސްބަތަށް ބަލާއިރު މިހާރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވެފައިވާ ކަމަކީ މި "ކްރައިސިސް" ގެ ފެށުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަންނަ މާޗް މަހުގެ 4 އިން 9 އަށް ޖަރުމަނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ފެއާ އައިޓީބީވެސް ވަނީ ކެންސަލް ކޮށްފައެވެ. އައިޓީބީ ކެންސަލް ކޮށްފައިވަނީވެސް ކޮރޯނާ ވައިރަސް އާ ގުޅިގެން ކަމަށާއި މީ ދުނިޔެ އެލާޓަށް އައިސްފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހައްލު ކުރުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި ރިއްފަތު ވިދާޅުވީ، ހަރަދުތައް ވީހާވެސް ކުޑަކުރުމަށް މަސައްކަތް ކުރުމެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދިވެހިން ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއްގައި މެނުވީ ނުދިއުމަށް އިލްތިމާސް ކުރުމާއި ދިވެހިންނަށް މިކަމުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިއްމު ކަމެއް ކަމަށް ރިއްފަތު ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލް ކޮށްފައިވާ އިރު، ރާއްޖެއަށް ކްރޫޒް ލައިނާ އައުންވެސް ވަނީ މިހާރު ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ހަމައެހެންމެ ސައުތު ކޮރެއާގެ ދެ ސަރަހައްދަކުން ވެސް ރާއްޖެއަށް އައުން މެދުކަނޑާލާފައިވާ އިރު އިރާނުން ނުވަތަ އިރާނު މަގުން ރާއްޖެއަށް އައުންވެސް ވަނީ މެދުކަނޑާލާފައެވެ.

މިއަދާ ހަމައަށް އައި އިރު މި ވައިރަސް ޖެހިގެން އިންފެކްޓް ވެފައިވާ މީހުންގެ އަދަދު ވަނީ 85،000 އިން މައްޗަށް ގޮސްފައެވެ. އަދި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 2900 އިން މައްޗަށް ގޮސްފައެވެ.