އުމުރުން އެންމެ 3 އަހަރުގެ ސަލްވާއަކީ ހަނގުރާމަގަނޑު ގަދަވެފައިވާ ސޫރިޔާއަށް އުފަން ކުއްޖެކެވެ. މީގެ ހަފުތާއެއްހާ ދުވަސްކުރިން ސަލްވާ އިންޓަނެޓް ފަތަހަކުރީ، އެ ހިނިގަނޑު އަޑުއިވިއްޖެ މީހަކަށް ނުހީ ނުހުރެވޭ ފަދަ ހިނިގަނޑަކާ އެކުގައެވެ.
ގިނަ ބަޔަކަށް ހާއްސަވީ ސަލްވާގެ ހިނިގަނޑު އެކަންޏެއް ނޫނެވެ. އޭނާ ހޭން މެދުވެރިވި ސަބަބެވެ. އެކަން ފެށިގެން އައީ ސޫރިޔާގައި ގަދަވެފައިވާ ވައިގެ ހަމަލާތަކުގެ ބިރުވެރިކަމުގެ ތެރެއިންނެވެ. ސަލްވާގެ ކޮންމެ ހިނިގަނޑަކީ ބޮމުގެ ހަމަލާގެ އަޑުފައްގަނޑާއެކު އޭނާ ޖަހާ ހިނިގަނޑެކެވެ. އެކަން އޭނާއަށް ދަސްކޮށްދީ އޭނާގެ ބައްޕައެވެ. އެއީ ހަނގުރާމައިގެ ބިރުވެރިކަމާ ނަމާންކަން އެ ދަރިފުޅަށް އިހުސާސްކޮށް ނުދިނުމަށް އޭނާގެ ބައްޕަ، ކުޅިވަރެއްގެ ސިފާގައި ސަލްވާއަށް ދަސްކޮށްދިން ހުނަރެކެވެ.
ސަލްވާގެ ވީޑިއޯއަށް ބައިނަލްއަގުވާމީ ސަމާލުކަން ލިބުނުތާ މާ ގިނަ ދުވަހެއް ނުވެ، ތުރުކީވިލާތަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު އެ އާއިލާއަށް ލިބިފައިވާކަން ސަލްވާގެ ބައްޕަ ވަނީ ހާމަކޮށްފައެވެ. އަދި މިކަމަށްޓަކައި އޭނާ ވަނީ ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރުވެސް އަދާކޮށްފައެވެ.
ސަލްވާގެ ބައްޕަ ޢަބްދުﷲ އަލް-މުޙައްމަދު ބުނި ގޮތުގައި ސޫރިޔާގައި ކުރަމުންދާ ހަނގުރާމަތަކާއެކު ޅަދަރިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދަނީ ލިބެމުންނެވެ. ނަމަވެސް އެފަދަ ކަމެއް ސަލްވާއަށްވުމަށް އޭނާ ނޭދެއެވެ. ކުޅިވަރަކަށް އެކަން ބަދަލުކުރީ އެހެންވެ ކަމަށް މުޙައްމަދު ބުންޏެވެ. މުޙައްމަދު ބުނި ގޮތުގައި ވައިގެ ހަމަލާތަކުގެ އަޑުފައްގަނޑަކީ ހަވަޔާ ބަޑިބޭހުގެ ކުޅިވަރުތަކަކުން އިވޭ އަޑުކަން ސަލްވާއަށް ޔަގީންކޮށްދީފައިވާނެ ކަމަށެވެ. އަދި އެއީ ބިރުގަންނަންވީ އަޑެއް ނޫންކަން ސަލްވާއަށް ވިސްނާ ދީފައިވާނެ ކަމަށްވެސް ސަލްވާގެ ބައްޕަ ބުނެއެވެ.