ޕީޕީއެމްގެ ސަރުކާރެއްގައި މި ދިވެހި ފަސްގަނޑުން އަކަ އިންޗިއެއްވެސް އެހެން ގައުމެއްގެ ބަޔަކަށް ދޫނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް އިން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި "މީ މަގޭ ރާއްޖެ" ޖަލްސާގާ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަސްކޮށްދެއްވި ފިލާވަޅުތަކާއި އިރުޝާދުތަކުގެ މަތީގައި ސާބިތުކަމާ އެކު ޕީޕީއެމް އޮތް ކަމަށެވެ.
އަދި މާތްވެގެންވާ އިސްލާމް ދީނާއި ގައުމަށްޓަކާ ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ކޮށްދެއްވި ކަންތަށްތަށް މިރޭގެ ޖަލްސާއަށް ބަލާލުމުން އެނގިވަޑައިގެން ދާ ކަމަށާއި ރައްޖޭގެ ރައްޔިތުންގެ ހިތުގައި ރައީސް ޔާަމީނަށްޓަކައި އޮތް ލޯބި ފެނިވަޑައިގަންނަވާ ކަމަށެވެ.
އަދި މި ގައުމު، މިނިވަންކަން މަތީ ބޭއްވުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވުމަށްވެސް ޕީޕީއެމް ތައްޔާރަށް އޮތްކަމަށާއި އިސްލާމް ދީނާ ހިލާފް އެއްވެސް ކަމަކަށް ޖާގަ ނުދޭނެ ކަމަށް އަދުރޭގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާގައެވެ.
މިރޭ ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ޖަލްސާގައި މީހުން އިށީންނަން ޖަހާފައިވާ ހުރިހާ ގޮނޑިއެއް ފުރާލާފައެވެ. އެ ޕާޓީގެ އިސްވެރިން ކޮޅަށް ތިއްބެވި އިރު، ސަޕޯޓަރުންގެ ތެރެއިން ގިނަބަޔަކުވެސް އިށީންނާނެ ޖާގަ ނުލިބި ކޮޅަށް ތިބިކަން ފާހަގަކުރެވުނެވެ.
ގިނަ އަދަދެއްގެ މެންބަރުންނާ އެކު ޕީޕީއެމްގެ ކައުންސިލް އިންތިހާބަށް ކެމްޕޭން ރަސްމީކޮށް މިރޭ ފެށި އިރު ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.