އިދިކޮޅު ޕީޕީއެމް އިން ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފެށުމަށް މާލޭ ކާނިވާ ސަރަހައްދުގައި މިރޭ ބާއްވާ "މީ މަގޭ ރާއްޖެ" ޖަލްސާއަށް ކާނިވަލް ސަރަހައްދު ފުރާލައިފިއެވެ.
ޖަލްސާ ފެށުމަށް ޕީޕީއެމަށް ސަޕޯޓުކުރާ މެންބަރުން ޖަމާވެ ޖަލްސާގައި މީހުން އިށީންނަން ޖަހާފައިވާ ހުރިހާ ގޮނޑިއެއް ވަނީ ފުރާލާފައެވެ. އިށީންނާނެ ޖާގަ ނެތިފައި ކޮޅަށް ތިބެ ވަނީ ޖަލްސާ ފަށާފައެވެ.
ގިނަ އަދަދެއްގެ މެންބަރުންނާ އެކު ޕީޕީއެމްގެ ކައުންސިލް އިންތިހާބަށް ކެމްޕޭން ރަސްމީކޮށް މިރޭ ފެށިރު ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
މިމަހުގެ 21 ވަނަ ދުވަހުގެ ރޭ ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދެވެ. ސަބަބެއް ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ގެނެސްދެވިފައި ނުވާތީ ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވެފައި ވާއިރު އެރޭގެ ޖަލްސާގައި މީހުން މަދުވެފައި ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެއް ފަހަރާ ބޭއްވި ޖަލްސާތަކަށް މާލޭން މީހުން ދިއުމުން ކަމަށް އެއް ބަޔަކު ބުނި އިރު އަނެއް ބަޔަކު ބުނީ އެއީ ދިވެހިންގެ މެދުގައި އެމްޑީޕީއަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.