ރަޝިއާގެ ސިޔާސީ މައިދާނުގެ އިސް މަގާމުތަކުން ފާއިތުވީ 20 އަކަށް އަހަރު ދުވަހު ފެނިފައިވާ އެގައުމުގެ މިހާރުގެ ރައީސް ވްލޭޑިއާ ޕޫޓިންއާއި ގުޅިގެން އެކި ދުވަސްވަރު ތަފާތު އެކި ގޮތްގޮތަށް، އާދަޔާ ހިލާފު ވާހަކަތައް ފެންމަތިވެއެވެ.

މިހާރު އުމުރުފުޅުން 67 އަހަރު ފުރިފައިވާ ޕޫޓިންއާއި ގުޅިގެން އެންމެ އާންމުކޮށް ފެންމަތިވާ އެއް ވާހަކައަކީ އާންމު އިވެންޓްތަކުގައި ބައިވެރިވުމަށް ހުރިހާ ގޮތަކުން ޕޫޓިންއާއި ސިފައެއްގޮތް ބޮޑިޑަބަލްއެއް ނުވަތަ އެފަދަ ބޮޑީ ޑަބަލްތަކެއްގެ ފައުޖެއް ގެންގުޅުއްވާ ކަމަށް ދެކެވޭ ވާހަކައެވެ.މިކަމަށް ވަކާލާތު ކުރާ މީހުން ދަނީ އެކި އިވެންޓްތަކުގައި ޕޫޓިން ހުންނަވާ މަންޒަރުތައް އެއްކޮށްގެން، އެއީ ހަގީގީ ޕޫޓިން ނޫންކަމަށް ބުނަމުންނެވެ.

ކަންމިހެން އޮތްއިރު، ޕޫޓިން ވަނީ މިކަމަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ.

ސަލާމަތީ އެކި ސަބަބުތަކާ ހެދި އާންމު އިވެންޓްތަކުގައި ޕޫޓިންގެ ފަރާތްޕުޅުން، ޕޫޓިންގެ ގޮތުގައި ހަރަކާތްތެރިވާނެ ބޮޑީ ޑަބަލްއެއް ބޭނުންކުރައްވަން ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ، ނަމަވެސް ފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާނެ ކަމަށާ، މާޒީގައިވެސް އެފަދަ ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ޕޫޓިންވަނީ އިއުތިރާފުވެވަޑައިގެންފައެވެ.

ޓީއޭއެސްއެސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ، ބޮޑީ ޑަބަލްއިން ބޭނުން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށާ، އެ ފުރުސަތު ލިބިވަޑައިގަތީ ޓެރަރިޒަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ހަނގުރާމަ ކުރެވިގެންދިޔަ ދުވަސްވަރުގައި ކަމަށެވެ. އެއީ 2000ގެ އަހަރުތައް ކަމަށާ، ނަމަވެސް އެއިރުވެސް އެފަދަ ފުރުސަތެއްގެ ބޭނުން ހިއްތަޕަވާފައިނުވާނެ ކަމަށް ޕޫޓިންވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު ޕޫޓިންއާއި ގުޅޭ އިތުރު ވާހަކަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ޕޫޓިންއަކީ އެއްވެސް ހާލެއްގައި އަމިއްލަފުޅު މޯބައިލް ފޯނެއް ގެންގުޅުއްވާ ލީޑަރެއް ނޫންކަމަށް ކޭޖީބީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. ޕޫޓިންވަނީ އެއީ ތެދެއްކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެއީ އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ގޮތް ކަމަށް ޕޫޓިންވަނީ ވިދާޅުވެފައެވެ. މޯބައިލް ފޯނެއްގެ ބަދަލުގައި ޕޫޓިން ގެންގުޅުއްވަނީ ބޭނުންފުޅު ކޮންމެ ނަމްބަރަކަށްވެސް ގުޅާލެވޭ އާދަޔާ ހިލާފު "ރަސްމީ" ފޯނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.