އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ވާހަކަތައް މީޑިއާއަށް ތިލަވަމުންދާ ވަރަކަށް ތަފާތު އެކި ޚަބަރުތައް ދަނީ އާންމުވަމުންނެވެ. އެގޮތުން މިފަހަރު މީޑިއާގެ ފަލަ ސުރުހީއިން ޖާގަ ހޯދީ އިންޑިއާ ފުލުހުންގެ ތެރޭގައި ސުޕްރިންޓެންޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.
މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ދިއްލީގައި ހިންގަމުންދާ ދީނީ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 38އަށް އަރާފައެވެ. ޒަހަމްވީ މީހުންގެ އަދަދު 200 އަށްވުރެ ގިނައެވެ.
ނީރާޖު ޖާދޯންއަކީ އަކީ ދިއްލީއާއި އިންވެގެން އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓްގެ ފުލުހުންގެ ތެރޭގައި ސުޕްރިންޓެންޑެންޓެއްގެ މަގުގައި ހިދުމަތް ކުރަމުން އަންނަ ޒުވާނެކެވެ. އެއީ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހެވެ. އާދައިގެ މަތިން ބޯޑަރު ސަރަހައްދު ޕެޓްރޯލް ކުރަމުންދިއުމުގެ ތެރޭގައި ދިއްލީގެ ކަރަވާލް ނާގަރު ސަރަހައްދުން ގަދަ އަޑު ފައްގަނޑެއް އިވެން ފެށިއެވެ. އެއީ އޭރު ނީރާޖު ހުރި ސަރަހައްދާ އެންމެ 650 ފުޓޫ ދުރުންނެވެ. ނީރާޖުގެ ލޮލުގައި އަޅައިގަތީ 50 އަކަށް މީހުންގެ ގޭންގަކުން ވެހިކަލުތަކުގައި ހުޅުޖަހަމުންދިޔަ މަންޒަރެވެ. ޕެޓްރޯލް ބޮންތައް ހިފައިގެން، އާންމުންގެ ގެތަކަށް ހަމަލާ ދެމުންދިޔަ މަންޒަރެވެ.
އަޅާނެ ފިޔަވަޅެއް ނީރާޖު ނިންމާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިންޑިއާ ފުލުހުންގެ ތެރޭގައި އަމަލު ކުރަމުން އަންނަ އާންމު ޕްރޮޓޮކޯލްގެ ގަވައިދާ ހިލާފަށް އުއްތަރަ ޕްރަދޭޝްއިން ދިއްލީއަށް ބޯޑަރު ހުރަސްކުރިއެވެ. އިންޑިއާގެ ފުލުހުންގެ ހިދުމަތުގައި ހުންނަ މީހަކު އެއް ސްޓޭޓުން އަނެއް ސްޓޭޓަށް އެތެރެވާންޖެހެނީ އެކަމަށް ބޭނުންވާ ހާއްސަ ހުއްދައެއް ނަގައިގެންނެވެ.
"އަހަރެން ގަސްތުކުރީ ހުރަސްކުރަން. އެކަނި ދާން ޖެހުނަސް، ކޮންމެ ފަދަ ނުރައްކަލަކާ ކުރިމަތިލާންޖެހުނަސްދާން ވިސްނީ. އެ ސަރަހައްދަކީ އަހަރެންގެ އިހުތިސޯސުން ބޭރުގައި އޮތް ސަރަހައްދެއް. އެ 15 ވަރަކަށް ސިކުންތަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ބިރުވެރި ވަގުތުކޮޅު. ނަސީބަކުން އަހަރެންގެ ޓީމުވެސް އަހަރެންނާ އެކު ބޯޑަރު ހުރަސްކުރި. އަހަރެންގެ ބޮޑަށް ތިބި ވެރިންވެސް އަހަރެންގެ ނިންމުމަށް އެއްބާރުލުން ދިން" ނީރާޖު ކިޔައިދިނެވެ.
"އެއީ ވަރަށް ބިރުވެރި މައިދާނެއް. އެމީހުންގެ ބައިގިނަ އަހަރަމެންނަށްވުރެ. އެކޮޅުން ހަމަލާ ދެމުންދިޔަ ގޭންގު އޮތީ ހަތިޔާރުވެސް އަޅައިގެން. ފުރަތަމަ ބެލީ އެމީހުންނާ މަޝްވަރާ ކުރެވޭތޯ. އެކަމަކު އެކަމެއް ކާމިޔާބެއް ނުވި. ދެން އިންޒާރު ދިނިން ފުލުހުންވެސް ހަމަލާ ދޭން ފަށާނެ ކަމަށް. އެވަގުތު ކުޑަކޮށް ފަހަތަށް ޖެހުނު. އެކަމަކު، މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ކޯޅުންގަނޑު ފެށިއްޖެ. އެމީހުން އޭރު ހަމަލާ ދެމުންދިޔައީ އޮއްގަލުން. ބަޑީގެ އަޑުފައްގަނޑުވެސް އިވެމުންދިޔަ" ނީރާޖު އިތުރަށް ކިޔައިދިނެވެ.
ދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ އެންމެ ނުރައްކާތެރި އެއް ދުވަހުގެ ގޮތުގައި މިހާރު ސިފަކުރަމުން އަންނަ ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުގެ ހަމަލާތައް ކޮންޓްރޯލް ކުރުމަށް އެހެން ސްޓޭޓަކުން ދިއްލީއަށް އެތެރެވި ފުލުހުންގެ ފައުޖުގައި އިސްކޮށް ހުރި ނީރާޖާއާއި އޭނާގެ ޓީމުން ދިޔައީ ހަމަނުޖެހުން ހިންގަމުންދިޔަ ގޭންގު ފަހަތަށް ޖައްސަމުންނެވެ.
ނީރާޖު ކިޔައިދިން ގޮތުގައި ހަމަލާދޭން އައި ގޭންގު ތައްޔާރުވެފައި އޮތީ ތަންތަނުގައި ހުޅުޖަހާ ރޯކުރުމަށެވެ. ހަމަލާދޭން އަމާޒުކޮށްފައި އޮތް ސަރަހައްދަކީ ގިނަ އަދަދަކަށް އޮނު ރައްކާކޮށްފައި ހުންނަ ގުދަންތަކެއް ހުރި ސަރަހައްދެއްކަމުން އެންމެ ތަނެއްގައި ހުޅުޖެހިކަމުގައި ވީ ނަމަވެސް މުޅި ހިސާބު އަނދާ ދިޔައީސްކަމަށް އޭނާ ބުނެއެވެ.
ލެޔަށް ފެންބޮވައިގެންފައި އޮތް ގޭންގަކާ ކުރިމަތިލާން، އެމީހުން ފަހަތަށް ޖައްސާ ވަގުތީ ގޮތުން ހަމަހިމޭންކަން ގެނައުމުގައި ނީރާޖާއި އޭނާގެ ޓީމު ހަރަކާތްތެރިވެފައިވާއިރު ގިނަ ބަޔަކު މިހާރުވަނީ އޭނާއަށް ބަތޮލެއްގެ ދަރަޖަ ދީފައެވެ. ނަމަވެސް ނީރާޖުގެ ފިކުރު ތަފާތެވެ.
"އަހަރެންނަކީ ބަތޮލެއް ނޫން. އަހަރެން މިހުރީ އިންޑިއާއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ގައުމު ސަލާމަތް ކުރަން ހުވައެއް ކޮށްގެން. އަހަރެންގެ ޑިއުޓީގައި، އަހަރެންގެ ލޮލުކުރިމަތީގައި އެފަދަ ގޮތަކަށް ބަޔަކު މަރާލަން އަހަރެން ފުރުސަތެއް ނުދޭނަން. އަހަރަމެންނަށް އޭރު ތިބެވުނީ ހަމަލާ ދެވޭފަދަ ގޮތަކަށް ވީމަ، އެކަމަކުގެ ތެރެއަށް އަހަރަމެން ވަނީ" ގޭންގާ ކުރިމަތިލީ ގޮތުގެ ވާހަކަ ކިޔައިދެމުން ނީރާޖު އިތުރަށް ބުނެލިއެވެ.
ދިއްލީގައި ހިނގާދިޔަ ހަމަނުޖެހުންތަކަށް ފަހު އެ ސިޓީ އަދިވެސް އޮތީ މުޅިން ހަމައަކަށް ނޭޅިއެވެ. ނަމަވެސް ނީރާޖު ފަދަ ދަރިންގެ މަސައްކަތުން ހަމަޖެހުން އޮތީ މާ ދުރުގައި ނޫންކަމަށް އިންޑިއާގެ ރައްޔިތުން މިއަދު ގަބޫލުކުރެއެވެ.