އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ، އެގައުމުގައި 18 އަހަރުވީ ދިގު ހަނގުރާމައެއް ކުރަމުންދާ އެމެރިކާއާއި ދެމެދު ސުލްހައިގެ އެއްބަސްވުން އެކުލަވާލުމަށް ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދާ ހާއްސަ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު، އިންޑިއާއަށް ދީފިއެވެ.

ފެބުރުވަރީ މަހުގެ 29 ވަނަ ދުވަހު ދޯހާގައި އޮންނަ މި ބައްދަލުވުމުގައި ބައިވެރިވުމަށް، ގަތަރު ސަރުކާރުން ފޮނުވި ދައުވަތުގައި، އިންޑިއާ ތަމްސީލުކުރައްވާނީ ދޯހާގައި ހުންނަވާ އިންޑިއާގެ މަންދޫބު ކުމާރަން ކަމަށް ޚަބަރު ލިބެއެވެ.

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފައުޖުތައް އެގައުމުން ބާލަން މަގުފަހިކުރާ މި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ، މީގެ ހަފުތާއެއްހާ ދުވަސްކުރިން ތަންފީޒުކުރަން ފެށި ހަމަލާ ބަދަލުކުރުން މަދުކުރާ އެއްބަސްވުމަށް އިހުތިރާމުކުރުން އޮންނަ މިންވަރެއްގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށް އެމެރިކާއިންވަނީ ހާމަކޮށްފައެވެ.

އަފްގާނިސްތާނުގެ ކުރިމަގު ބައްޓަންކުރާ މަގުޗާތު އެކުލެވިގެންދާނީ މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހުގައެވެ.

އެމެރިކާއާއި ތޯލިބާން ހަނގުރާމަވެރިންނާ ދެމެދު އެއްބަސްވުން އެކުލަވާލާ މަންޒަރަކީ އިންޑިއާއިން ބަލަން ބޭނުންވާނެ މަންޒަރެއް ކަމަށް ގަބޫލުކުރައްވާ ކަމަށާ، އެކަމާ ބެހޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި މަޝްވަރާ ކުރައްވާފައިވާކަމަށް، ދާދި ފަހުން އިންޑިއާއަށް ފުރަތަމަ ފަހަރަށް ރަސްމީ ޒިޔާރަތެއްގައި ވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާއަކީ އަފްގާނިސްތާނުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކުގެ މުހިންމު ބައިވެރިއެކެވެ.