ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގެން ނުދަނީ ކޯލިޝަންގެ ތެރޭގައި އޮތް ހަމަނުޖެހުން ބޮޑުވުމުން ކަމަށް، މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

"ދަޕްރްސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލްހާން ވިދާޅުވީ ސަރުކާރުގެ ދުވެލި މަޑު ކަމަށެވެ. އަދި އެކަން ނުކުރެވެނީ ވެސް ކޯލިޝަންގެ ހަމަނުޖެހުން ބޮޑު ކަމުން ކަމަށާއި އެކަމުގެ ސަބަބުން ކަންކަމުގެ ހައްލު ހޯދުމަށް ވެސް ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ.

އަލްހާން ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ވަކިވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރެއްވި ނަމަވެސް، ޖޭޕީގެ މެންބަރަކަށްވާތީ ބައެއް މީހުން އޭނާގެ ސިޔާސީ ވިސްނުމާ މެދު ސުވާލު އުފައްދަމުން ގެންދާތީ ކަމަށެވެ. އަދި ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކައުންސިލު އިންތިހާބުގައި ވާދަކުރައްވާ އިރު އިތުރު ސިޔާސީ ޕާޓީއަކަށް ވަޑައިގަތުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށެވެ.

2014ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީގައި އަލްހާން ވާދަކުރެއްވިއެވެ. ނާކާމިޔާބީއާ ކުރިމަތިވުމުން އެ އިންތިހާބުގައި އޭނާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ. ނިމިދިތަ މަޖިލިސް އިންތިހާބުގައި އަލްހާން ވާދަކުރެއްވީ މާލޭގެ ދާއިރާއަކަށެވެ.

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އަލްހާން ވާދަ ކުރެއްވީ ހެންވޭރު އުތުރު ދާއިރާއަށެވެ. އެ ދާއިރާގައި އެންމެ ވަރުގަދަ ކެމްޕޭނެއް ވެސް ކުރެއްވީ އަލްހާނެވެ. އެކަމަކު ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒެވެ.