1998 ވަނަ އަހަރު ބޮލީވުޑްގެ ސްކްރީންތަކާ ޓީވީ ޝޯތައް ފަތަހަ ކުރި މަޝްހޫރު ލަވަ "ޗައްޔާ ޗައްޔާ" އަކީ މިހާރުގެ ޓްރެންޑްތަކާ އެއްގޮތަށް ޒަމާނީ-ރިމިކްސްއަކާއެކު އަލުން ޝޫޓުކޮށްގެން ވާނެ ލަވައެއް ނޫން ކަމަށް، އަސްލު ލަވައިން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި ކުޅަދާނަ ނެށުންތެރިޔާ އަދި ބަތޮލާ މަލައިކާ އަރޯރާ ބުނެފިއެވެ.

ބައިނަލްއަގުވާމީ ފެންވަރުގެ މިއުޒީޝަނެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އޭއާރް ރަހުމާންކޮށްފައިވާ ބުރަ މަސައްކަތާ އެއްވެސް މީހަކު ދެން އަލުން ކުޅެން ބޭނުން ނުވާކަމަށް މަލައިކާ އަރޯރާ ވަނީ ބުނެފައެވެ.

ސުހުވިންދަރު ސިންހާ ސަޕްނާ އަވާސްތީ، ފިލްމު "ދިލް ސޭ" އަށް ކިޔައިދީފައިވާ "ޗައްޔާ ޗައްޔާ"އަކީ، ބޮލީވުޑް ސިނަމާއިން އުފެދުނު ޑާން މިއުޒިކްތަކުގެ ތެރެއިން އަބަދަށް ފެހި ލަވައެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ލަވައެކެވެ. ބޮލީވުޑްގެ ރަސްގެފާނު ޝާހް ރުކް ހާން (އެސްއާރްކޭ)އާއި މަލައިކާ، ރޭލެއްގެ މަތީގައި ނަށަމުންދާ މަންޒަރުތައް ދައްކުވާދޭ މިލަވަ ނޭނގޭ ޒުވާނަކު މިއަދުވެސް މަދެވެ.

ކަންމިހެން އޮތްއިރު އިންޑިއާގެ އާ ރިއާލިޓީ ޑާންސް ޝޯއެއް ކަމަށްވާ "އިންޑިއާޒް ބެސްޓް ޑާންސާ"ގެ އެޕިސޯޑެއްގައި މަލައިކާ ވަނީ މި ލަވައަށް ނަށާފައެވެ.

މި ދުވަސްވަރަކީ ރިމިކްސްއާއި ޒަމާނީ ކުރުމުގެ އޮއެވަރެއްގައި މުނިފޫހިފިލުވުމުގެ ސިނާއަތް ޖެހިފައިވާ ދުވަސްވަރަކަށް ވީ ކަމުގައި ވީ ނަމަވެސް، މި 'މަޅީގައި' ޖައްސައިގެން ނުވާނެ 10 ވަރަކަށް ލަވަ އުޅޭނެ ކަމަށް މަލައިކާ ވަނީ ބުނެފައެވެ. މިއީ އެއްވެސް ހާލެއްގައި ރިމިކްސް ކުރުމާ ޒަމާނީ ކުރުމާ ދެކޮޅަށް އެނާ ބުނާ އެއްޗެއް ނޫންކަމަށްވެސް މަލައިކާ ވަނީ ބުނެފައެވެ.

"އިންޑިއާޒް ބެސްޓް ޑާންސާ"ގައި ފަނޑިޔާރެއްގެ ގޮތުގައި މަލައިކާ މަސައްކަތް ކުރާނީ "ޗައްޔާ ޗައްޔާ"ގެ މަންޒަރުތައް ފުރިހަމަކުރުމަށް އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ގީތާ ކަޕޫރާ ޓެރަންސް ލުވީސްއާއި އެކުގައެވެ. މި ޝޯ ޕްރިމިއާ ކުރާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.