ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގާފައިވާކަމަށް ބުނާ ހަނގުރާމައިގެ ޖަރީމާތަކާ ލާއިންސާނީ އަނިޔާތަކުގެ މިނިވަން ތަހުގީގެއް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގުމަށް ބާރުދޭ ގޮތަށް ސްރީލަންކާގެ ކުރީގެ ސަރުކާރުން އެއްބަސްވެފައުވާ މުއާހަދާއިން ވަކިވާން ނިންމާފައިވާކަން ސްރީލަންކާއިން އދއަށް އަންގައިފިއެވެ.

ސްރީލަންކާގެ މިހާރުގެ ސަރުކާރުގެ ފަރާތުން އދއަށް އެކަން އަންގާފައިވަނީ ސުވިޓްޒަލަންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ މަތީ ފަންތީގެ ބައްދަލުވުންތަކުގެ ސެޝަންއެއްގައެވެ.

މި ސެޝަންގައި ވާހަކަދައްކަވަމުން ސްރީލަންކާގެ ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ، އދގެ މުއާހަދާއިން ބޭރަށް ޖެހުނެއް ކަމަކު، ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމު ކުރުމުގެ އިތުރުން އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމާ، ޒިންމާދާރުވެ ޖަވާބުދާރީވުމަށް ސްރީލަންކާގެ ރައްޔިތުން ކަނޑައަޅާފައިވާ އަމާޒުތަކުން ސަރުކާރުން ދުރަށް ނުދާނެ ކަމަށެވެ.

ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މީގެ ކުރިންވެސް ވަނީ އދގެ މުއާހަދާއިން ސްރީލަންކާ ވަކިވާން ނިންމާފައިވާކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ. 2009 ވަނަ އަހަރު ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމުމަކަށް ގެނައިއިރު ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވީވެސް މަހިންދަ ރާޖަޕަކްސައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ އެންމެ ދުވަސްތަކުގެ ތެރޭގައި އެކަނިވެސް 40000އަށްވުރެ ގިނަ ތަމަޅަ ރައްޔިތުން ވަނީ މަރާލާފައެވެ. އެދުވަސްވަރު ދިފާއީ ވަޒީރުގެ މަގާމުގައި ހުންނެވީ ސްރީލަންކާގެ ރައީސް ކަމުގައި މިހާރު ހުންނެވި ގޮތަބާޔާ ރާޖަޕަކްސައެވެ. މީގެ އިތުރުން ސްރީލަންކާގެ އަސްކަރިއްޔާގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އޮފިޝަލަކީވެސް ދާހިލީ ހަނގުރާމައިގެ ދުވަސްވަރާ ގުޅިގެން ލާއިންސާނީ ޖަރީމާތަކެއްގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާ ފަރާތެކެވެ.

އދގެ މުއާހަދާއަށް ފާޑުވިދާޅުވަމުން ސްރީލަންކާގެ ހާރިޖީ ވަޒީރު ގުނަވަރުދަނާ ވިދާޅުވީ، އެ މުއާހަދާއަކީ ސްރީލަންކާގެ ރައްޔިތުންނަށް ލިބިދީފައިވާ އިސްތިގުލާލުގެ އިތުރުން ރައްޔިތުންގެ އަބުރުގައި ލަކުނު ލައްވާ ވަރުގެ ޒަހަމެއް ކަމަށެވެ.

ސްރީލަންކާގެ ކުރީގެ ސަރުކާރަކީ ގައުމީ ފެންވަރުގައި ފޯދެމުންދިޔަ ސުލްހަ ގާއިމުކުރުމުގެ ބަހާއަށް ފުރަގަސްދީފައި އޮތް ސަރުކާރެއް ކަމަށް ވިދާޅުވެ، ގުނަވަރުދަނާ ވަނީ މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށް ފަހު ސްރީލަންކާގެ ހިންގުމުގައި އޮތް ސަރުކާރަށް ފާޑުކިއުންތަކައް އަމާޒުކޮށްފައެވެ. ގައުމީ ފެންވަރުގައި ފޯދެމުންދިޔަ ސުލްހައަށް ސަރުކާރުން ފުރަގަސް ދިނުމުގެ ނަތީޖާއަކަށްވީ، ބައިނަލްއަގުވާމީ ސިޔާސީ ރާޒުވާ ކުޅިބައިގައި މަނާ ފުކަކަށް ސްރީލަންކާ ވުން ކަމަށްވެސް ހާރިޖީ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުންދާ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްގެ ޖެނީވާ ޑައިރަކެޓާ ޖޯން ފިޝާ ވިދާޅުވީ، ސްރީލަންކާގެ ވާހަކަތަކީ ދާހިލީ ހަނގުރާމާގެ ޝިކާރައަކަށްވި މީހުންގެ 'ކަންކަށިމަތީގައި ޖެހުން' ފަދަ ކަމެއް ކަމަށާ، އެ ނިންމުމަކީ އިންސާނީ ހައްގުތަކާ ބެހޭ އދގެ އެންމެ މަތީ އިދާރާގެ ހުރުމަތް ކެނޑޭ ވަރުގެ ނިންމުމެއް ކަމަށެވެ.

ފިޝާ އިތުރަށް ވިދާޅުވީ، ސްރީލަންކާއިން މެމްބަރު ގައުމުތައް މޮޔަ ހެއްދުމުގެ ފުރުސަތު، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ދީގެން ނުވާނެ ކަމަށެވެ. އަދި ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީ ވާންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށް ރާޖަޕަކްސަގެ ސަރުކާރަށް އިރުބާރުކޮށްގެން ނުވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.