ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ގުޅުއްވައި، ލީކުވެފައިވާ އޯޑިއޯތަކާ ގުޅިގެން ދެބޭފުޅުންގެ ދެމެދުގައި ހިތްހަމަނުޖެހި "ޒުވާބުކުރާ" އޯޑިއޯއެއްވެސް ލީކުވެއްޖެއެވެ.

ރޭންސުރެ ދައުރުވަމުންދާ އޯޑިއޯގައި މިނިސްޓަރު އައިޝާ، އަލީ ވަހީދަށް ގުޅުއްވާ ކުރީގައި ލީކުކޮށްލާފައިވާ އޯޑިއޯގެ ވާހަަކަތަކާއި ގުޅިގެން ކަންބޮޑުވެ، ވަރަށް ނުުރުހުންވެ ވާހަކަ ދައްކަވާ އަޑުއިވެއެވެ. އަދި ދެ ބޭފުޅުން ވެސް އެކަކު އަނެކަކަށް ތުހުމަތުތައް ކުރައްވާ ދެ ބޭފުޅުންގެ ފޯން ކޯލްތައް ލީކްވާ މައްސަލައާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވައިފައެވެ.

އޯޑިއޯ ފެށިގެން ނިމޭ އިރުވެސް އަލީ ވަހީދު ދައްކަވަމުން ގެންދަވަނީ އޭނާއަކީ މީހުންގެ ފޯންކޯލްތައް ރެކޯޑް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް އައިޝާ އެކަމަށް ދެކޮޅުހައްދަވާ ވާހަކަ ދައްކަވައެވެ.

ލީކު ކުރަމުންދާ އޯޑިއޯތަކާ ގުޅިގެން ފިރިކަލުން ގާސިމް އިބްރާހިމް ގުޅުއްވި ކަމަށާއި ނަމަވެސް އޭރު އިންނެވީ ވަރަށް ބުރަކޮށް ކަމަށްވާތީ ގާސިމްގެ އެ ފޯން ކޯލް ނުނަންގަވާ ކަމަށް އައިޝާ ވަނީ ވިދާޅުވެފައެވެ. އަދި ގާސިމް، އައިޝާއަށް އަބަދުވެސް އިތުބާރު ކުރައްވާނެ ކަމަށާއި މީހަކު ދައްކާހާ ވާހަކައެއް ގާސިމް ގަބޫލު ނުކުރައްވާނެ ކަމަށް ވެސް އައިޝާ ވަނީ ވިދާޅުވެފައެވެ.

ފޯނު ބޭއްވެވުމުގެ ކުރިން އައިޝާ ވިދާޅުވެފައި ވަނީ ދައްކަވަން އަދިވެސް އިތުރު ވާހަކަ ހުރި ކަމަށާއި ނަމަވެސް އެ ކޯލުވެސް ރެކޯޑު ކުރަމުން ނުދާކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ކޯލުގައި އިތުރުވާހަކަ ދައްކަވަން ބޭނުން ނުވާ ކަމަށެވެ.

އައިޝާއަކީ ޖޭޕީގެ ލީޑަރު ގާސިމްގެ އިބްރާހިމްގެ އަނބިކަނބަލުންނަށް ވީއިރު، އަލީ ވަހީދަކީ ޖޭޕީގެ ރައީސެވެ. އެންމެ ފަހުން ލީކްކޮށްލާފައިވާ އޯޑިއޯގައި މިނިސްޓަރު އައިޝާއަށް ބޮޑެތި ތުހުމަތުތަކެއް އަލީ ވަހީދު ކުރައްވާ އެކަމަނާގެ ކިބައިން ފާހިޝް ކަންކަމަށް އެދިވަޑައިގެންފައިވާ ކަމަށާ އިތުރު ބަޔަކާއެކު އެކަން ކުރަން ވެސް އެންމެ ރަނގަޅު ކަމަށް ވިދާޅުވާ އަޑު އިވެއެވެ. އަދި އެ ވާހަކަތަކަށް ކައިރީގައި ތިބި މީހުން ހީނ، ސަމާސާކޮށް ފުރައްސާރަ ކުރާ އަޑު ވެސް އިވެއެވެ. މީގެ އިތުރުން އިސްލާމް ދީން ހުއްދަ ނޫން ބައެއް ކަންކަން ކުރުމަށް ރިސޯޓަކަށް ދާންޖެހޭ ކަމަށް ބުނެވެސް ވަނީ ވާހަކަ ދައްކަވާފައެވެ.

އެ އޯޑިއޯ ލީކްވުމާއެކު އެތައް ބަޔަކު ވަނީ އަލީ ވަހީދަށް ފާޑުކިޔައި، އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. ނަމަވެސް އެ ތުހުމަތުތައް އަލީ ވަހީދު ވަނީ ދޮގުކުރައްވާފައެވެ.

އެ އޯޑިއޯތަކާއި ގުޅިގެން ޖޭޕީގެ ޗީޕް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވެފައި ވަނީ ގާސިމް އިބްރާހިމް ވަނީ ގޮތްތަކެއް ނިންމަވާ ދެއްވާފައި ކަމަށެވެ. ގާސިމް ވިދާޅުވެފައި ވަނީ އެ ކަމުގައި ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ.

ލީކްވެގެން އުޅޭ އޯޑިއޯގެ މައްސަލައިގައި ހިމެނިވަޑައިގަންނަވަނީ ކެބިނެޓު ވަޒީރުން ކަމަށާއި އެހެންކަމުން އެއީ ޖޭޕީން ވަކި ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައި ގާސިމް ވިދާޅުވެފައިވާ ކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ގިނަ އޯޑިއޯތަކެއް ލީކުކޮށްލާފައި ވާއިރު، އެއިން ބައެއް އޯޑިއޯތަކުގައި ވަނީ ކެބިނެޓުގެ ވަޒީރުންނާ ގުޅޭ ގޮތުން ބޭއަދަބީކޮށް ވާހަކަދައްކާ ހުތުރު ބަސްތައް ބޭނުންކޮށްފައެވެ. ލީކްވި އޯޑިއޯއެއްގައި ޖިނާއީ އަމަލަކަށް ތުހުމަތު ކުރެވޭ މުއާމަލާތެއް ހިމެނޭތީ އެކަން މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ.