އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މި ހަފުތާ ފެށުނީއްސުރެ ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވި މީހުންގ އަދަދު 25 އަށް، ޒަހަމްވީ މީހުންގެ އަދަދު އެތައް ސަތޭކައަކަށް އަރާފައިވާކަމަށް ހޮސްޕިޓަލި އޮފިޝަލުންނާ އެތެރޭގެ މީޑިއާތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.

ހަމަނުޖެހުންތައް ހިންގަމުންދާ ސަރަހައްދުން ފެންނަ މަންޒަރުތަކަށް ބަލާއިރު ބައެއް ހިސާބުތަކުން ފެންނިގެންދަނީ ފަޅުކަމެވެ. ނަމަވެސް، ފުލުހުންނާ ޕެރާމިލިޓްރީ ފުލުހުންގެ ފައުޖުތަކުން ދިއްލީގެ އެކި ހިސާބުތަކުގައި ފޯރިމަރަމުންދާކަމަށް މައުލުމާތު ލިބެއެވެ.

ފާއިތުވީ އަހަރުތަކުގައިވެސް ދިއްލީގެ ތާރީހު ދުށް އެންމެ ހައިޖާނު ބޮޑު ހަމަނުޖެހުންތަކާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސް، ހަމަޖެހުން ގާއިމުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ބުދަ ދުވަހުގެ ވަގުތެއްގައި ގޮވާލައްވާފައެވެ.

ދިއްލީގައި ހަމަޖެހުން ގާއިމު ކުރުމަށް މޯދީ ގޮވާލައްވާފައި މިވަނީ މި ހަފުތާ ފެށުނީއްސުރެ ދިއްލީގައި ހިންގަމުންދާ ވަރުގަދަ ހަމަނުޖެހުންތަކާ ކުރިމަތިލުންތައް ކޮންޓްރޯލް ކުރުމަށް މޯދީގެ ސަރުކާރަށް ވަފާތެރި ސަލާމަތީ ބާރުތަކުން ކަރުނަގޭހާ ޕެލެޓްގަންއާއި ސްމޯކް ގްރެނޭޑް ބޭނުންކޮށްގެން ކުރި މަސައްކަތުންވެސް ހަމަޖެހުން ލިބިފައި ނުވާކަމަށް ބުނެ، ސިޔާސީ އިދިކޮޅު ފަރާތްތަކުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އަސްކަރީ ފެންވަރުގައި ދިއްލީގައި ކާފިއު އިއުލާން ކުރުމަށް ގިނަ ބަޔަކު ދަނީ ޑިމާންޑް ކުރަމުންނެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާންދީ ވަނީ، ދިއްލީގައި ގާނޫނު ތަންފީޒު ކުރުމުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނެވި ހޯމް މިނިސްޓަރު އަމީތު ޝާހުގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.

ދިއްލީގެ ފުލުހުންގެ ފައުޖަކީ 84000 އޮފިސަރުންގެ މައްޗަށް އެކުލެވިގެންވާ ވަރުގަދަ ފައުޖަކަށްވާއިރު، މިހާރު ކޮންޓްރޯލް ކުރެވިފައިވާ ދަރަޖައަށް މަސްރަހު ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން 4 ދުވަސް ހޭދަކުރަންޖެހުނީ ކީއްވެތޯ އާންމުންގެ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ދިއްލީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހެއްގެ ނަމުގައި ގެނައި ބަދަލާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ވަރުގަދަ ކުރުމާ ގުޅިގެން، އެ މުޒާހަރާތަކާ ދެކޮޅަށް ނިކުތް މީހުންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިންގަން ފެށި ހަމަނުޖެހުންތަކެކެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

މިމުޒާހަރާތައް ވަރުގަދަ ކުރީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންނާ، އެ ބައިވެރިންނާ ދެކޮޅަށް ނިކުތް ޖަމާއަތްތަކާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިންގާ، ދީނީ ފިކުރުގެ ކޯޅުމަކަށް މަސްރަހު ބަދަލުވެގެން ދިޔައެވެ. ދިއްލީގައި މި ހަފުތާގައި ހިންގި ހަމަނުޖެހުންތަކުގައި ބޮޑެތި ގެއްލުންތަކެއް ތަހައްމަލު ކުރަންޖެހިފައިވަނީ މުސްލިމުންނަށެވެ.

ދިއްލީއަކީ ނިސްބަތުން މުސްލިމުންގެ އާބާދީ މަދު ސަރަހައްދެކެވެ. ނަމަވެސް ދިއްލީގައި ހުރި މުސްލިމުންގެ މިސްކިތެއްގައި ހުޅުޖަހާ، 11 މީހެއްގެ ފުރާނަ ދުއްވާލާފައިވާއިރު، މުސްލިމުންގެ މުދަލާ ތަކެއްޗަށްވެސް ގެއްލުންދިނުން ވަނީ އާންމުވެފައެވެ.