ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ދަބަހުގެ ތެރޭގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ބަލާ ފާސްކޮށް ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ، ވީއައިއޭއިން ފުރަން ދިޔަ މީހެއްގެ ދަބަހުގައި ބޮމެއް އޮތް ކަަމަށް ބުނަމުން ދިޔަ ކަމަށް ރިޕޯޓެއް ކޮށްފައިވާ ކަމަށެވެ. އަދި އެއީ ދިވެއްސެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެއާޕޯޓް ސެކިއުރިޓީން އެމީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އޭނާ ހިފަހައްޓައި ބެލި އިރު އެ ދަބަހުގެ ތެރެއިން އެފަދަ އެއްޗެއް ފެނިފައެއް ނުވާ ކަމަށާއި އަދި އެމީހާއަށް ވަނީ ނަސޭހަތްދީ ދޫކޮށްލާފައެވެ.
ދާދި ފަހުން ޅ. ނައިފަރުގައި އެއްޗެއް ގޮއްވާލަން އުޅޭ ކަމުގެ ހަބަރު ލިބިގެން އެ ރަށުގެ ތިން ގެއެއް ވަނީ ފުލުހުން ކޯޓު އަމުރަކާއެކު ގޮސް ބަލާ ފާސްކޮށްފައެވެ. މި މައްސަލާގައި އެއްވެސް މީހަކު ފުލުހުން ހައްޔަރުކޮށްފައެއް ނުވެއެވެ. ނަމަވެސް ފޮނާއި އިލެކްޓްރޯނިކް ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.