މީގެ އެތައް އަހަރެއް ކުރީއްސުރެ ފެށިގެން އިންޑިއާގެ ޓީވީ ސްކްރީންތައް ފަތަހަ ކުރި ޝޯ 'ކަސޯޓީ ޒިންދަގީ ކޭ'ގެ ރީބޫޓުގެ ފޯރުގަދަ ހިސާބަކަށް އާދެވިފައިވަނިކޮށް އެ ޝޯގެ ފޭނުންނަށް، އެކްތާ ކަޕޫރު ވަރުގަދަ ސިހުމެއް ގެނުވައިފިއެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕްރޮމޯޝަނަލް ކުލިޕެއްގައި ފެނިގެންދަނީ އަނޫރާގު (ޕާރްތް ސަމްތާން)، ޕްރޭނާ (އެރިކާ ފެނާންޑޭޒް) މަރާލަން އުޅޭތަން ސިފަވާ މަންޒަރުތަކެކެވެ.

ޕްރޭނާއަށް އަންހެން ދަރިއަކު ލިބި، އަނޫރާގަށް ގެއްލިފައިވާ ހަނދާންތައް އާވާން ފަށާފައިވާއިރު މަންޒަރު ސިފަވެގެންދަނީ ދެމީހުންވެސް އަލުން ގުޅެން އުޅޭ ފަދަ ގޮތަކަށެވެ. ނަމަވެސް މި ޕްރޮމޯއާއިއެކު ގިނަ ބަޔަކު ސިއްސުވާލީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދަރިފުޅު ގޮވައިގެން ޓެރަސް މަތީގައި ޕްރޭނާ ހުންނައިރު އެތަނުގައި އަނޫރާގުވެސް ހުރެއެވެ. އަދި އޭނާއަށްޓަކައި މަރުވާން ކެރޭނެތޯ ޕްރޭނާ ކުރެ އަނޫގާރު އަހައެވެ. ޖަވާބުގައި ޕްރޭނާ އާނއެކޭ ބުނުމުން ދެން ފެންނަނީ 'އެހެންވިއްޔާ މަރުވާށޭ' ބުނެ މީހަކު ޓެރަސް މަތިން ޕްރޭނާ ކޮއްޕާލާ މަންޒަރެވެ.

މި ޕްރޮމޯ ހިއްސާކޮށް އެކްތާ ދޫކޮށްލި ޕޯސްޓާއެކު ނިވެދީތާ ބާސޫ (ޕޫޖާ ބެނާޖީ) ވަނީ އެއަށްވުރެ އާދަޔާ ހިލާފު ސުވާލެއް އުފައްދާފައެވެ. އެގޮތުން އެއީ ހަމަ އަސްލުވެސް އަނޫރާގު ކުރި ކަމެއްތޯ ސުވާލުކޮށް، އެއީ ބަޖާޖުގެ އެނބުރިން އައުން ނޫންތޯ ކުރެވޭ ބަހުސަށް އޭނާ ވަނީ ފުރުސަތު ހުޅުވާލަދީފައެވެ.

ޕްރޭނާ މަރާލީތޯ ނުވަތަ ނޫންތޯ؟ އެހެންވިއްޔާ އެކަން ކުރީ ހަމަ އަނޫރާގުތޯ ނުވަތަ ބަޖާޖު އެނބުރި އައިތޯ ކުރެވޭ ސުވާލަށް އަދި ޖަވާބު ދެވޭކަށް ނެތެވެ!