އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މި ހަފުތާ ފެށުނީއްސުރެ ވަރުގަދަ ކޮށްފައިވާ މުޒާހަރާތަކާ، އެ މުޒާހަރާތަކާ ދެކޮޅަށް ހަރަކާތް ހިންގާ މީހުންނާ ދެމެދު ހިންގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު 18 އަށް އަރައިފިއެވެ.

މި ހަމަނުޖެހުންތަކުގައި ޒަހަމްވި މީހުންގެ އަދަދު 200އަށްވުރެ މައްޗަށް އަރާފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

ދިއްލީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް މިދިޔަ އަހަރުގެ ފަހުކޮޅު ގެނައިސް (އިސްލާހު) ސީއޭއޭއާއި ދެކޮޅަށް ކުރަމުންދާ ސިލްސިލާ މުޒާހަރާތައް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިންޑިއާ ދަތުރުފުޅާ ދިމާކޮށް އިތުރަށް ވަރުގަދަ ކުރުމުން، އެ މުޒާހަރަތަކާ ދެކޮޅަށް ނިކުމެގެން އުޅޭ ބަޔަކާ ދެމެދު ހިންގަމުންދާ ހަމަނުޖެހުންތަކެކެވެ.

ދިއްލީގައި ހިންގަމުންދާ ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވެފައިވަނީ ދިއްލީގައި ދިރިއުޅެމުންދާ މުސްލިމުންނެވެ. އެގޮތުން އިއްޔެ ހަވީރުވާން ދަނިކޮށް މިސްކިތެއްގައި ހުޅުޖަހާ، 11 މީހަކު މަރާލާފައިވާއިރު، މުސްލިމުންގެ ފިހާރަތައްވެސް ވަނީ ލޫޓުވާފައެވެ. މީގެ އިތުރުން މުސްލިމުން ދިރިއުޅެމުންދާ ގެތަކަށްވެސް ގޭންގުތަކުން ހަމަލާ ދެމުންދާކަމަށް ޚަބަރު ލިބެއެވެ.

ދިއްލީގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކަކީ ފާއިތުވީ އަހަރުތަކުގައިވެސް އެސަރަހައްދުގައި ނުހިންގާ ވަރުގެ، ވަރުގަދަ ކުރިމަތިލުންތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ލިބެމުންދާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ކުރިމަތިލުންތައް ހިންގަނީ ސީއޭއޭ މުޒާހަރާގެ ބައިވެރިންނާ އެނޫން މީހުންނާ ދެމެދު އެކަންޏެއް ނޫނެވެ. ހަމަލާ އަމާޒު ކުރުމުގައި މީހުންގެ ދީނަށްވެސް ބަލާ، ތަފާތުކުރުންތައް ގެންގުޅޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މި ކުރިމަތިލުންތަކުގައި އަނިޔާ ލިބޭ އާންމުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް، ރޭ ދަންވަރުގެ ވަގުތެއްގައި ދިއްލީގެ ހައި ކޯޓުން ވަނީ އިންޑިއާ ސަރުކާރާ ފުލުހުންގެ މައްޗަށްވެސް އަމުރުކޮށްފައެވެ. މީގެ އިތުރުން އާންމުންގެ ބައެއް މީހުން އެމީހުންގެ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވާން ފަށާފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.