ސިޔާސީ ކޯޅުންގަނޑެއްގެ ވާހަކަ އާންމުވެ، ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ޑރ މަހާތީރު މުޙައްމަދު އެ މަގާމުން އިސްތިއުފާ ދެއްވަން ހުށަހަޅުއްވާ، ރަސްގެފާނުގެ އަމުރަކާއެކު ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމާ އަލުން ޑރ މަހާތީރު ހަވާލުވެވަޑައިގެންފައިވާއިރު، 30 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް މެލޭޝިއާގެ ސިޔާސީ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ވަގުތީ ބޮޑުވަޒީރު ކަމުގެ މަގާމުގައި ޑރ މަހާތީރު މިވަގުތު ހުންނެވި ނަމަވެސް، ފަހަތްޕުޅުގައި ކެބިނެޓެއް ނެތެވެ. އެގައުމުގެ މިސްރާބު މިހާރު ހިފާފައިވަނީ އާ ލީޑަރެއް ހޯދުމާ ދިމާލަށެވެ.
މިހާ ހިސާބުން އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭ އެއް ސުވާލަކީ، އެ މަގާމަށް ދެންވެސް އިސްވެވަޑައިގަންނަވާނީ، މިހާރު އުމުރުފުޅުން 94 އަހަރު ވެފައިވާ ޑރ މަހާތީރު ތޯ، ނުވަތަ 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރައްވަން އެކުގައި ނިކުންނެވި މެލޭޝިއާގެ ސިޔާސީ ޝަހްސު އަންވަރު އިބްރާހީމް ތޯ ކުރެވޭ ސުވާލެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އަންވަރަށް ވަޑައިގެންނެވެން އޮތީ ވެރިކަން ކުރާ ކޯލިޝަނުގެ ބޮޑު ތަރުހީބެއް ކަށަވަރު ކުރައްވައިގެންނެވެ.
މެލޭޝިއާގައި އާ ސަރުކާރެއް އެކުލަވާލަން ފެނޭތޯ ބެލުމަށް އެގައުމުގެ ރަސްގެފާނު މިހާރުވެސް ގެންދަވަނީ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މަޝްވަރާކުރައްވަމުންނެވެ. ޑރ މަހާތީރު ޕަކަތާން ހަރަޕާން (އެލާޔަންސް އޮފް ހޯޕް)ގެ އިސް މެމްބަރަކު ވިދާޅުވީ، ބޮޑުވަޒީރު ކަމުގައި ހުންނަވަން އެ މެމްބަރުން ބޭނުންފުޅުވަނީ ކޮން ލީޑަރެއްތޯ ބެއްލެއްވުމަށް، މެލޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ 222 މެމްބަރުންނާ އެ ގައުމުގެ ރަސްގެފާނު ބައްދަލުކުރައްވާ، މައުލޫމާތު އޮޅުން ފިލުއްވަމުން ގެންދަވާ ކަމަސެވެ. މެލޭޝިއާގެ ބޮޑުވަޒީރު ކަމުގެ މަގާމުން ދެން ފެންނާނެ ބޭފުޅަކީ، މަޖިލީހުގެ މެމްބަރުންގެ ތެރެއިން 112 މެމްބަރެއްގެ ތާއީދު ކަށަވަރުކުރައްވާ ބޭފުޅާއެވެ. ރަސްގެފާނުގެ މަޝްވަރާތައް ކުރިއަށް ގެންދަވާނީ މިއަދުގެ ނިޔަލަށް ކަމަށް ޚަބަރު ލިބެއެވެ.
ނަމަވެސް މިކަން އަދި މާ ފަސޭހައިން ނިމޭކަށް ނެތެވެ. މިހާރު ފެންމަތިވަމުންދަނީ ގާނޫނު ހަދާ މަޖިލީސް އުވާލަފާނެ ކަމުގެ ވާހަކަތެކެކެވެ. އެއީވެސް އޮތް ފުރުސަތެކެވެ. އެހެންކަމަށްވެއްޖެނަމަ، މެލޭޝިއާގައި އަނެއްކާވެސް އާންމު އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން މަޖުބޫރުވާނެއެވެ.
މެލޭޝިއާގެ ވަގުތީ ލީޑަރުގެ ގޮތުގައި ޑރ މަހާތީރު މިވަގުތު ގައުމު ހިންގަވަމުންދަނީ ރަސްގެފާނުގެ އެހީފުޅާއެކުގައެވެ. މީގެ އިތުރުން ސަރުކާރުގެ އާންމު މުވައްޒަފުންގެ ބޮޑު އެއްބާރުލުމެއްވެސް މިކަމުގައި އެބަ އޮތްކަން ޑރ މަހާތީރު މީޑިއާ އެޑްވައިޒާ ކަދީރު ޖަސީން ވަނީ ފާހަގަކުރައްވާފައެވެ.
ކަންމިހެން އޮތްއިރު ޑރ މަހާތީރު ވަނީ މެލޭޝިއާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާތަކަކީ މެލޭޝިއާގައި މިވަގުތު އޮތް ސިޔާސީ 3 ފެކްޝަންގެ މެމްބަރުންނާއެކު ޑރ މަހާތީރު ކުރިއަށް ގެންދެވި މަޝްވަރާތަކެކެވެ. އެ 3 ފެކްޝަނަކީ ޑރ މަހާތީރު ފެކްޝަން، އަންވަރު ފެކްޝަން އަދި އިދިކޮޅު ފެކްޝަންއެވެ.
ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތަކަށް ބަލާއިރު ގުޅިފައިވާ ސަރުކާރެއް އެކުލަވާލައްވާ، އެ ސަރުކާރުގެ ލީޑަރުގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމަށް ޑރ މަހާތީރު ގެންދަވަނީ ހުށަހަޅުއްވަމުންނެވެ. ނަމަވެސް މި ފިކުރަށް އެއްބާރުލުން ދޭނީ ސިޔާސީ ކޮން ފެކްޝަންތަކަކުން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް މައި އިދިކޮޅު (އުމްނޯ) ޕާޓީއިންވަނީ ގުޅިފައިވާ ސަރުކާރެއް ބޭނުން ނުވާ ކަމަށް ބުނެފައެވެ. އަދި އެ ޕާޓީގެ މެމްބަރުން ތާއީދު ކުރަމުންދަނީ ގާނޫނު މަޖިލިސް އުވާލާ، އާ އިންތިހާބެއް ބޭއްވުމަށް ކަމަށްވެސް އުމްނޯއިންވަނީ ހާމަކޮށްފައެވެ.
މެލޭޝިއާގެ ސިޔާސީ މަސްރަހަށް މިވަރުގެ ލޮޅުމެއް އަރާފައި މިވަނީ، ބޮޑުވަޒީރު ކަމުގެ މަގާމަށް އަންވަރު އިބްރާހީމް ގެނައުމަށް ދެކޮޅު ހެދުމުގެ ގޮތުން ޑރ މަހާތީރުގެ ފެކްޝަންއާއި އިދިކޮޅު ފެކްޝަންއާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމާ ބެހޭ މަޝްވަރާތަކެއް ހަފުތާ ބަންދުގައި ކުރިއަށް ގެންގޮސްފައިވާކަމުގެ ޚަބަރުތައް ފެންމަތިވުމާއެކުގައެވެ. މި ވާހަކަތައް އާންމުވުމާއެކު ވެރިކަން ކުރާ ޕާޓީގައި ހިމެނޭ އަންވަރުގެ ފެކްޝަނުން ވަނީ ބޮޑުވަޒީރު ކަމުގައި ޑރ މަހާތީރު ދެމި ހުންނަވަން ބޭނުން ނުވާކަން ހާމަކޮށްފައެވެ. މިއާއެކު މެލޭޝިއާގެ ވެރިކަން ކުރާ ކޯލިޝަނުން ޑރ މަހާތީރު ބެރްސާތޫ ޕާޓީވަކިވެސް ވިއެވެ.
ކަންމިހެން އޮތް ނަމަވެސް، ބޮޑުވަޒީރު ކަމުގެ މަގާމުން އަންވަރު ފެނިގެން ދިއުމަކީ ނާދިރު ކަމެއް ކަމަށް މެލޭޝިއާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސަބަބެއް ކަމަށް ބުނަނީ އަންވަރުގެ ޕާޓީވެސް 2 ބަޔަކަށް ބެހިފައި އޮތުމެވެ. ވެރިކަން ކުރާ ކޯލިޝަނުން ޑރ މަހާތީރުގެ ފެކްޝަން ވަކިވިއިރު، އަންވަރުގެ ފެކްޝަނުންވެސް ބަޔަކު ޑރ މަހާތީރާއެކުގައި ދިޔައެވެ.
ސިޔާސީ ކޯޅުންގަނޑާއެކު މެލޭޝިއާގެ ހިއްސާގެ ބާޒާރަށްވެސް ދަނީ ނޭދެވޭ އަސަރުތަކެއް ކުރަމުން ކަމަށް ވިޔަފާރި ޚަބަރުތައް ބުނެއެވެ. ކަންމިހެން އޮތްއިރު، މެލޭޝިއާގެ އާ ސަރުކާރަށް ވެގެންދާނެ ގޮތެއް ނުވަތަ އެ ސަރުކާރެއް އެކުލަވާލެވިގެންދާނެ ގޮތެއް އަދިވެސް ބުނާކަށް ނޭނގެއެވެ.