އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މިސްކިތެއްގައި ހުޅުޖަހާ 11 މީހުން މަރާލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މަންޒަރުތަކަށް ބަލާއިރު ދިއްލީގެ އަޝޯކް ނާގަރު ސަރަހައްދުގައި ހުންނަ މި މިސްކިތުގައި ހުޅުޖެހުމަށްފަހު ހިންދޫ ދީނުގެ މީހަކު ވަނީ އެ ދީނުގެ ފިކުރަށް ތަބާވާ މީހުން ބޭނުން ކުރާ ދިދައެއް މިސްކިތުގެ މުންނާރުގައި ނަގާފައެވެ.

މުންނާރުން ބައެއް ހަލާކުކޮށްލުމަށްވެސް އެމީހާ މަސައްކަތްކުރި ކަމަށާ، ނަމަވެސް އެކަން ކާމިޔާބު ނުވިކަމަށް އިންޑިއާގެ ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އާޝޯކް ނަގަރު ސަރަހައްދު/ފޮޓޯ: ޑެއިލީ ސަބާހް

ރޯކޮށްލި މިސްކިތް ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ފިހާރަތައްވެސް ލޫޓުވާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ހާދިސާ ހިނގި ސަރަހައްދުގެ އާންމުންނާ ހަވާލާދީ އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ 'ދަ ވަޔާ' އިން ބުނީ ލޫޓުވުމުގެ އަމަލު ހިންގާފައިވަނީ އެ ސަރަހައްދަށް ނިސްބަތްވާ ރަށްވެހިންނެއް ނޫނެވެ. މިސަރަހައްދުގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ހިންދޫންނެވެ. މުސްލިމު އާއިލާތައް ނިސްބަތުން އިންތިހާއަށް މަދެވެ.

އިންޑިއާ މީޑިއާއިން މައުލޫމާތު ދޭ ގޮތުގައި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަނީ އަލިފާން ނިއްވާ އޮފިސަރުންނެވެ. އަދި އެއްވެސް ވަރަކަށް ފުލުހުންގެ ހިލަމެއް ނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވަނީ، ދިއްލީގައި އެކަށީގެންވާ މިންވަރަށް ފުލުހުން ނެތްކަން ފާހަގަކުރައްވާފައެވެ.

ކަންމިހެން މިހެން އޮތްއިރު، މިސްކިތުގައި ހުޅިޖެހި ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅެމުންދިޔަ މުސްލިމުން އެހެން ހިސާބަކަށް ގެންގޮސްފައިވާކަމަށާ، އެމީހުން އެހެން ހިސާބުތަކަށް ބަދަލުކުރީ ފުލުހުން ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން/ފޮޓޯ: ދާނިޝް ސިއްދީގީ

ދިއްލީގެ މިސްކިތެއްގައި ހުޅުޖަހާ އިތުރު ހަމަނުޖެހުންތަކެއް ހިންގާފައިވާ މި ދަނޑިވަޅަކީ، މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ)އާއި ދެކޮޅަށް އެގައުމުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް އިންތިހާއަށް ވަރުގަދަކޮށްފައިވާ ދަނޑިވަޅެކެވެ. މިދިޔަ އާދީއްތަ ދުވަހުން ފެށިގެން މުޒާހަރާތައް ވަރުގަދަކޮށްފައިވާއިރު، މުޒާހަރާތަކާ ދެކޮޅަށްވެސް ބަޔަކު ދަނީ ހަރަކާތްތެރިވަމުންނެވެ.

މުސްލިމުންނަށް ނާއިންސާފު ލިއްބައިދޭ ކަމަށް ބުނާ ސީއޭއޭއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ނިކުންނަ ޖަމާއަތްތަކާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތައް ހިންގަމުންދާއިރު، މި ހަމަނުޖެހުންތަކުގައިވެސް 11 ވަރަކަށް މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ އިސް ކޮންސްޓަބަލްއެއްވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.