"ފްރޭމްވަރކް އެގްރީމެންޓް އޮން ދަ އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަރނޭޝަނަލް ސޯލާ އެލަޔަންސް" އަށް އިސްލާހެއް ގެނެސްފައިވާތީ އިސްލާހުކޮށްފައިވާ އެގްރީމެންޓު ރާއްޖެއިން ތަސްދީގު ކުރުމާ ގުޅޭގޮތުން މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިގޮތަށް ނިންމީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ފަރާތުން ހުށަހެޅުއްވި ކަރުދާހާމެދު މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެެ.

އެ ފްރޭމްވޯކް އެގްރީމެންޓް ރާއްޖެއިން ބަލައިގަތުމުން، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިއީ، ދިވެހިރާއްޖެ ލޯ ކާބަން ގައުމަކަށް ހެދުމަށް ބޭނުންވާ، އިރުގެ އަލިން ހަކަތަ ލިބިދޭ ނިޒާމެއް ގާއިމުކުރުމުގެ ފުރުސަތުވެސް ހުޅުވިގެންދާނެ ކަމެއްކަމަށް ރައީސް އޮފީހުން ބުނެއެވެ.

އދ ގެ ހުރިހާ މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭ ގޮތަށް ގެނެސްފައިވާ އެ އިސްލާހު ރާއްޖެއިން ތަސްދީގު ކުރަން ފެންނަކަމަށް ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ރައީސަށް ލަފާ އަރުވައިފައެވެ.

އެ އެގްރީމެންޓަކީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ގައި ރާއްޖެއިން ސޮއިކޮށް، 30 އެޕްރީލް 2019 ގައި ތަސްދީގުކޮށްފައިވާ އެގްރީމެންޓެކެވެ.