އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހާ ދެކޮޅަށް އެގައުމުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ފޯރިގަދަކުރުމާއެކު ވަރުގަދަ ހަމަނުޖެހުންތަކެއް ހިންގާ، 7 މީހަކު މަރާލައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅާ ދިމާކޮށް މުޒާހަރާތަކުގެ ރޫހު ވަރުގަދަ ކުރުމާއެކު ހަމަނުޖެހުންތަކެއް ހިންގާ، ބަޔަކު މަރާލާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ އާންމުންގެ 6 މީހަކާ ފުލުސް އޮފިސަރެއް ކަމަށް ޚަބަރު ލިބެއެވެ.

ހަމަނުޖެހުންތައް ހިންގާފައިވަނީ ގާނޫނާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނާ، އެ މުޒާހަރާތަކާ ދެކޮޅަށް ހަރަކާތްތެރިވާ މީހުންނާ ދެމެދުގައެވެ. މި ހަމަނުޖެހުންތަކުގައި އެއްގަމު އުޅަނދުތަކުގައި ރޯކޮށް، ހުޅުޖަހާ ހަދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ދެބައި މީހުންވެސް ދަނީ ހަމަނުޖެހުންތައް ފެށުމުގެ އިލްޒާމު، އިދިކޮޅު ފަރާތްތަކާ މަތިކުރަމުންނެވެ.

މުޒާހަރާތަކާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އިންޑިއާގެ ފުލުހުންވަނީ ކަރުނަ ގޭހާ މުގުރުގެ ބާރުގެ ބޭނުންކޮށްފައެވެ. މަންޒަރު ދުށް ބައެއް މީހުން ސިފަކުރި ގޮތުގައި އެސަރަހައްދުން ސިފަވެގެންދިޔައީ ހަނގުރާމަ މަތީ މައިދާނެއްގެ މަންޒަރުތަކެވެ.

ދިއްލީގެ ޗީފް މިނިސްޓަރު ކަމުގެ މަގާމު ދާދި ފަހުން ކަށަވަރުކުރެއްވި އަދުވިންދް ކެޖްރިވާލް ވަނީ ގާނޫނުން ލިއްބައިދޭ ބާރުތައް ތަންފީޒު ކުރުމަށް އިންޑިއާގެ ފެޑަރަލް ސަރުކާރަށް ގޮވާލައްވާފައެވެ. ދިއްލީގެ ފުލުހުންގެ ބަރަކީ، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރްތިޔާ ޖަނާތާ ޕާޓީގެ ސަރުކާރަށް ސީދާ ރިޕޯޓްކުރާ ބާރެކެވެ. ކަންމިހެން އޮތްއިރު، އިންޑިއާގެ ހޯމް މިނިސްޓަރު އަދި ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ އަމީތު ޝާހް، މިއަދުގެ ވަގުތެއްގައި ކެޖްރިވާލްއާއި ބައްދަލުކުރައްވާނެ ކަމަށް ޚަބަރު ލިބެއެވެ.

ހޯމަ ދުވަހަކީ ގާނޫނަށް ގެނައި އިސްލާހާއެކު އިންޑިއާގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ފެށުނު ފަހުން އައި އެންމެ ނާމާން ދުވަސްކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ސިފަކުރެއެވެ.