ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ކުންފުންޏަކަށް ނުވަތަ އަންބަކަށް، ދަރިއަަކަށް، އަދި އެއްބަނޑު ނުވަތަ އެއްބަފާ މީހެއްގެ ހިއްސާ އޮންނަ ކުންފުންޏަކަށްވެސް މިނިވަން 50ގެ އެއްވެސް މަސައްކަަތެއް ދެއްވާފައި ނޯންނާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ މިނިވަން 50އާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިމެނި ގިނަ މައްސަލަތަކެއް ތަހުގީގުކޮށް ނިމި، މިހާރުވެސް 39 މައްސަލައެއްގެ ތަހުގީގު ކުރިއަށްދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނުމާ ގުޅިގެންނެވެ.

އުމަރު ވިދާޅުވީ، މިނިވަން 50ގެ ނަމުގައި ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަން ހިމެނޭ ނަމަ މިނިވަން 50 ނިމުނުތާ، 5 އަހަރު ވާން އަންނަ އިރު އޮންނާނީ ކޮންމެވެސް އެއްޗެއް ފެނި ދައުވާ ކޮށް ހުކުމް ކޮށްފައި ކަމަށެވެ. އަދި އޭނާގެ ކުންފުންޏަކަށް ނުވަތަ އާއިލާ މީހަަކަށް ނުވަތަ އެއިން މީހެއްގެ ހިއްސާ އޮތް ކުންފުންޏަކަށް، މަސައްކަތް ހަވާލު ނުކުރައްވާ ކަމަށާއި މަސައްކަތްތައް ހަވާލު ކުރެއްވީ އެންމެ ގާބިލް ފަރާތްތަކަށް ކަމަށް އުމަރު ވިދާޅުވިއެވެ. ހުރިހާ ފަރާތްތަކުން ގަޑިއަށް މަސައްކަތްތައް ނިންމާ މުޅި ރާއްޖެ ފަހުރުވެރިވާވަރުގެ "އީދަކަށް" މިނިވަން 50 ހެދުނު ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގައިގާ ހިފޭވަރުގެ ކަމެއް އޮތްތޯ 2 ސަރުކާރުން ބަލާ ހާވައިފި. ފެނުނީ ހަމަ "ހުދު ވަލެއް" އިތުރަށް ހޭވިޔަސް ފެންނާނީ ހުދުވާ"
އުމަރު ނަސީރު

ދެހާސް ފަނަރަ ވަނަ އަހަރު ފާހަގަކުރި މިނިވަން 50އާ ގުޅިގެން ހޯމް މިނިސްޓްރީން ހިންގި އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނިފައި ނުވާނެ ކަމަށާ އެ ކަންކަން ބެލުމުން ފެންނާނީ "ހުދު ވަލެއް" ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން މަހަކު އެއްފަހަރު ސަރުކާރަށް ތާއީދުކުރާ މީޑިއާގައި ހެޑްލައިން ހެދި ދާނެ ކަމަށާއި ނަމަވެސް ގާނޫނީ ކުށެއް ނުދެއްކޭނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

މިނިވަން 50 ގެ ހުރިހާ މަސައްކަތަކީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓް އޮފީހަށް ލިޔެ، އެ ފަރާތުގެ ބެލުމުގެ ދަށުން ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯއްދަވައިގެން ކަމަށް އުމަރު ވިދާޅުވިއެވެ.

"ﷲ ގެ ވާގިފުޅާއެކު ރާއްޖޭގައި ނަޒާހަތްތެރި، ތެދުވެރި، ހިންގުންތެރި ސަރުކާރެއް ގާއިމްކުރާނީ 2023 ގައި އަޅުގަނޑު"
އުމަރު ނަސީރު

މީގެ އިތުރުން އުމަރު ވިދާޅުވީ، ރާއްޖޭގައި ނަޒާހަތްތެރި ތެދުވެރި ހިންގުތެރި ސަރުކާރެއް 2023 ގައި ގާއިމު ކުރައްވާނީ އޭނާ ކަމަށެވެ.

މިނިވަން 50ގެ ހަރަކާތްތަކަށް 70 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓެއްގައި ކުރިން ވަނީ ބުނެފައެވެ.