އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އެގައުމުގެ ރައީސުން ދަތުރުތައް ކުރައްވާއިރު ބެކްއަޕެއްގެ ގޮތުގައި ގެންގުޅޭ E-4B ނައިޓްވޮޗް ބޯޓު ނުވަތަ "ޑޫމްސްޑޭ ޕްލޭން" ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފިއެވެ.

އެ މަތިންދާ ބޯޓަކީ އެމެރިކާގެ ރައީސް ދަތުރު ކުރައްވާ މަތިންދާ ބޯޓުކަމުގައިވާ "އެއާފޯސް ވަން" އަށް ގެއްލުމެއް ލިބި ބޭނުން ނުކުރެވޭ ހާލަތަކަށް ހިނގައްޖެނަމަ ބޭނުން ކުރަން އޮންނަ މަތިންދާ ބޯޓެކެވެ.

އަދި އެމެރިކާގެ ރައީސް އުތުރު އެމެރިކާއިން ބޭރަށް ކުރައްވާ ހުރިހާ ދަތުރުތަކެއްގައިވެސް އެއާފޯސް ވަން ގެ އިތުރުން ނައިޓްވޮޗްވެސް ބައިވެރިވެއެވެ. އަދި އެވަގުތަކު އެމެރިކާ ރައީސް ހުންނަވާ ސިޓީއަކާއި ކައިރި ސިޓީއެއްގެ އެއާޕޯޓުގައި ނައިޓްވޮޗް ޕާކުކުރެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިވަގުތު ހުންނެވީ އިންޑިއާގެ އާގަރާގައެވެ.

ގާތްގަނޑަކަށް 223 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި އެ ބޯޓު ވެގެން ދާނީ އެންމެ ނުރައްކާ ކުއްލި ހާލަތްތަކުގައި އެމެރިކާގެ އެންމެ އިސް ވެރިންގެ ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރަށެވެ. އެގޮތުން ގުދުރަތީ ބޮޑު ހާދިސާއެއް ނުވަތަ ނިއުކްލިއާ ހަނގުރާމައެއް ފެށުން ފަދަ ނުރައްކާތެރި ހާލަތެއްގައި ބޯޓުގައި ހުންނަވައިގެން އެމެރިކާގެ ރައީސަށް ގައުމު ހިންގެވޭނެ އިންތިޒާމު އެ ބޯޓުގައި ހަމަޖެހިފައި ހުރެއެވެ.

އަބަދުވެސް ތައްޔާރީ ހާލަތަށް އޮންނަ މި ބޯޓަކީ މުޅި ދުނިޔޭގައިވެސް އޮޕަރޭޓުކުރުމަށް އެންމެ ހަރަދު ބޮޑު އެއާކްރާފްޓެވެ. މި ބޯޓު އުދުއްސުމަށް ގަޑިއިރަކަށް 160،000 އެމެރިކާ ޑޮލަރު ހަރަދުވާ ކަމަށް ބިޒްނަސް އިންސައިޑާ ނޫހުން ރިޕޯޓުކުރެއެވެ.