އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފިއެވެ.

ސްޕްރީމް ކޯޓުން ބުނީ މިއަދު އިރުއޮއްސި 6:00 އަށް އެ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ރެކޯޑު ސާފުކުރުމުގެ ކަންތައްތައްވެސް އިރުއޮއްސި 6:00 އާއި ހަމައަށް ކުރިއަށްގެންދިއުމަށް ސުޕްރީމް ކޯޓުން ނިންމަވައިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާޙުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބާއްވަނީ ލޯކަލް ކައުންސިލް އިންތިހާބާއެކު އެއް ދުވަހެއްގައި، އިލެކްޝަންސް ކޮމިޝަންގެ ފަރާތުންނެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ 6 ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 4 ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ 2 ގޮނޑި ހިމެނެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ރާއްޖޭގެ ހިންގުމުގެ ނިޒާމުގައި އަންހެނުންގެ ދައުރު އަދި ހިއްސާ މިހާތަނަށް ނުވާ ވަރަށް މިފަަރު ހިމެނިގެން ދާނެއެވެ.

ސަރުކާރުގެ ލާމަރުކަޒީ ނިޒާމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.