އިތުރު ތައާރަފަކަށް ބޭނުން ނުވާ ބޮލީވުޑް ބަތޮލް އަކްޝޭ ކުމާރަކީ މިއަހަރު އެންމެ ބިޒީ އަދި އެންމެ އާންމުކޮށް ފެންނާނެ އެއް ތަރިއެވެ. މިއަހަރާ، ކުރިއަށް އޮތް 2021 ވަނަ އަހަރަށް ބަލާއިރުވެސް އަކްޝޭގެ ހަރަކާތްތައް މަޑުޖެހޭކަށް ނެތެވެ. ކަންމިހެން އޮއްވާ، އަކްޝޭ އަނެއްކާވެސް މިވަނީ އިތުރު ފިލްމަކަށް ސޮއިކޮށްފައެވެ. މިފަހަރު، އެކްތާ ކަޕޫރާއެކުގައެވެ.

މިއީ 7 އަހަރުގެ މެދުކެނޑުކަމަކަށްފަހު އެކްތާއާއިއެކު މަސައްކަތްކުރުމަށް އަކްޝޭ ސޮއިކުރި ފުރަތަމަ ފަހަރެވެ. މި 2 ފަންނުވެރިން އެންމެ ފަހުން އެކުގައި މަސައްކަތްކޮށްފައިވަނީ ގޭންގްސްޓާ ޑްރާމާ "ވަންސް އަޕޯން އަ ޓައިމް އިން މުމްބާއި ދޮބާރާ"ގައެވެ. އެކްތާއާއިއެކު އަކްޝޭ އެންމެ ފަހުން ސޮއިކޮށްފައިމިވަނީ 2021 ވަނަ އަހަރު ސިނަމާތަކަށް އަންނަ އެކްޝަން ކޮމެޑީ ފިލްމަކަށެވެ.

މިމަޝްރޫއާއި ބެހޭ މައުލުމާތު އެނގޭ މަސްދަރަކާ ހަވާލާދީ ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މިހާރު ކުރިއަށްދަނީ ފިލްމުގެ ސްކްރިޕްޓް އެކުލަވާލުމުގެ މަސައްކަތާ، ލޮޖިސްޓިކްސްގެ ގޮތުން ހަމަޖައްސަންޖެހޭ ކަންތައްތަކެއް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ، މި ދާއިރާއަށް މުޅިން އަލަށް ތައާރަފުވާ ފަންނުވެރިއެއް ކަމަށްވެސް ޚަބަރު ލިބެއެވެ.

އަކްޝޭގެ އެކްޓިންގް އެންމެ އަވަހަށް ފެންނާނީ ރޯހިތް ޝެޓީގެ "ސޫރްޔަވާންޝީ"އިން/ފޮޓޯ: ވައިޓީއައި

އޭނާގެ އެހެން ފިލްމުތަކުގެ މަސައްކަތްތަކެކެވޭސް އެއްގޮތަށް، އެކްތާގެ މި ފިލްމުގައިވެސް އަކްޝޭ މަސައްކަތްކުރާނީ، ފިލްމުގެ މަސައްކަތް ފަށައިގެން ގޮސް ހުއްޓުމެއްނެތި ނިންމާލާ އުސޫލުން އޭނާ ގެންގުޅޭ ޝެޑިއުލާ އެއްގޮތަށް ކަމަށްވެއެވެ.

އަކްޝޭގެ އެކްޓިންގް އެންމެ އަވަހަށް ފެންނާނީ ރޯހިތް ޝެޓީގެ "ސޫރްޔަވާންޝީ"އިންނެވެ. އެއީ އަންނަ މާޗް މަހުގެ 24 ވަނަ ދުވަހުއެވެ. އެއަށްފަހު "ލަކްޝްމީ ބޮމް" އިންނެވެ. އެކްތާއާއިއެކު އެންމެ ސޮއިކުރި ފިލްމުގެ އިތުރުން، 2021 ވަނަ އަހަރުވެސް އަކްޝޭގެ 3 ފިލްމެއް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އެއީ "އަތުރަންގީ ރޭ"، "ބައްޗާން ޕާންޑޭ" އަދި "ބެލް ބޮޓަމް"އެވެ.