އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު (ސީއޭއޭ)އާއި ގުޅިގެން އެގައުމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ފޯރި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅާ ދިމާކޮށް ވަރުގަދަ ކުރަން ފަށައިފިއެވެ.

އެމެރިކާގެ ރައީސް އިންޑިއާއަށް ދަތުރުފުޅު ފައްޓަވާފައިވާއިރު، މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ފައިބާވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ.

ދެދުވަހުގެ މުއްދަތަށް ޓްރަމްޕް އިންޑިއާއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ސީއޭއޭ މުޒާހަރާތައް ވަރުގަދަ ކުރަމުންދާއިރު، ދިއްލީގައިވެސް މުޒާހަރާގެ ފޯރި ދަނީ ގަދަވަމުންނެވެ. ދިއްލީ މުޒާހަރާތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި، އިންޑިއާގެ ފުލުހުން ކަރުނަ ގޭސް ބޭނުންކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މުޒާހަރާތައް ވަރުގަދަ ކުރުމާ ގުޅިގެން އިތުރު ހަމަނުޖެހުންތަކެއްވެސް އިންޑިއާގެ މާއުޖުޕޫރު ސަރަހައްދުގައި ވަނީ ހިންގާފައެވެ. މި ހަމަނުޖެހުން ހިންގާފައިވަނީ ސީއޭއޭއާއި ދެކޮޅަށް މުޒާހަރާ ކުރާ މީހުންނާ، އެ މުޒާހަރާތަކާ ދެކޮޅަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެމެދުގައެވެ. މި ހަމަނުޖެހުންތަކުގައި އޮއްގަލުގެ ހަމަލާތައް ބަދަލުކޮށްފައި ވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އަލިގާ ސަރަހައްދުގައި ފުލުހުންނާ އާންމުންނާ ދެމެދުވެސް ކުރިމަތިލުންތަކެއް ހިންގި ކަމަށް ޚަބަރު ލިބެއެވެ.

ޓްރަމްޕް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި މަޝްވަރާކުރައްވާނެ ކަންކަމުގެ ތެރޭގައި، އިންޑިއާގައި ދީނީ މިނިވަންކަމަށް އިތުރު ފުރުސަތު ދިނުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ދިމާކޮށް އިންޑިއާއިންވަނީ ބޮޑެތި ތައްޔާރީތަކެއްވެސްވެފައެ. އެގޮތުން ރަށުތެރެ ޒީނަތްތެރިކުރުމުގެ އިތުރުން ސަލާމަތީ ފިޔަވަޅުތައްވެސް ވަނީ ވަރުގަދަކޮށްފައެވެ.